Roadha Mihaaru
އިންޒާރު ދިނުމުން ނެރުނު އަމުރު ވީދާލުމުން ބަންދަށް

މަރުގެ އިންޒާރު ދިނުުމުން ނެރުނު އަމުރު ވީދާލި މީހާގެ ބަންދު ދަމަހައްޓައިފި

24 ޖެނުއަރީ 2022

އަނބިމީހާއަށް އަނިޔާކުރާތީ، ރައްކާތެރިކަމުގެ އަމުރެއް ނެރެފައިވަނިކޮށް ގެއަށް ވަދެ ކޯޓު އަމުރު ވީދާލައި އިންޒާރުދިން މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއް ދަމަހައްޓަން ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަނބިމީހާއަށް އަނިޔާކުރާތީ، ރައްކާތެރިކަމުގެ އަމުރެއް ނެރެފައިވަނިކޮށް ގެއަށް ވަދެ ކޯޓު އަމުރު ވީދާލައި އިންޒާރުދިން މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއް ދަމަހައްޓަން ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ޖެނުއަރީ 18، 2021 ގައި ނ. ލަންދޫ މީހަކު އޭނާގެ އަންހެނުން މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއްގައި އަންހެން މީހާ ގެވެށި އަނިޔާ އިން ރައްކާތެރި ކުރުމުގެ އަމުރެއް ލަންދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ ނެރެފަ އެވެ.

އެ އަމުރު ނެރުނުތާ ގިނަ އިރުތަކެއް ނުވަނީސް އެ މީހާ ވަނީ އަނބިމީހާ ދިރިއުޅޭ ގެއަށް ވަދެ އަމުރާ ހިލާފަށް އަމަލުކޮށް، އަނބިމީހާ އަތުގައި އޮތް ކޯޓު އަމުރު ވީދާލައިފަ އެވެ.

އެ މައްސަލާގައި އޭނާ ހައްޔަރުކޮށްފައި ވަނިކޮށް އޭގެ ތިން މަސް ފަހުން އޭނާ ވަނީ ބަންދުގެ މުއްދަތު ފުލުހުން އިތުރު ނުކުރުމާ ގުޅިގެން ދޫވެފަ އެވެ.

އޭނާ މިނިވަންވެފައިވާ ދުވަސްވަރު ވެސް އަންހެން މީހާ އަށް އެކިއެކި އުނދަގޫ ކުރަމުން ދިޔަ އެވެ. އަދި އޭނާ ބަންދުގައި ނުބަހައްޓައިފި ނަމަ ހެކި ނައްތާލަފާނެ ކަމަށާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ދިމާވެދާނެ ކަމަށް ފެންނާތީ އެ އަހަރު އޭޕްރިލް މަހު އޭނާ އަލުން ހައްޔަރުކުރި އެވެ. އަދި ކުޅުދުއްފުށީ ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އެ އަމުރު ހަތް ފަހަރެއްގެ މަތިން މުރާޖައާ ކުރުމަށް ފަހު ވެސް ބަންދު އެގޮތުގެ މަތިން ދެމެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. އަދި އޭނާގެ ބަންދު މުރާޖާ ކުރުމަށް އެދި އަށް ވަނަ ފަހަރަށް މި މަހު ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ފަރާތުން ލަންދޫ ކޯޓަށް ހުށަހެޅުމުން އޭނާ ދޫކޮށްލި އެވެ.

ސަބަބެއް ކަމުގައި އެ ކޯޓުން ބުނީ އެ ދެ މީހުން މިހާރު ދެމަފިރިން ކަމުގައި ނުވާތީ އާއި އޭނާގެ ކުށުގެ ރެކޯޑެއް ނެތުމެވެ. އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނާތީ ކަމަށް ވެސް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓުން މިއަދު ނިންމާފައި ވަނީ އަނބިމީހާ އަށް ގެވެށި އަނިޔާ ކުރަމުން ދިޔަ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރު ދެމި އޮތް ކަމަށް ކަނޑައަޅައިފަ އެވެ.

އެ ހުކުމް ކޮށްފައި ވަނީ މައްސަލަ ބެއްލެވި ފަނޑިޔާރު ހުސެއިން ޝަހީދު އާއި ހަސަން ޝަފީއު އަދި ހުސެއިން މަޒީދުގެ އިއްތިފާގުންނެވެ.