17 ޑިސެމްބަރ 2016
ތައުލީމް ހޯދަން ދިވެހިން ރާއްޖެ އިން ބޭރަށް ދަނީ އެވެ؛ އެހެން ގައުމުތަކުގެ މީހުން ކިޔަވަން މި ތަނަކަށް ނާދެ އެވެ؛ ނިޑުޕް ގެލްސެން ފިޔަވަ އެވެ.
ތައުލީމް ހޯދަން ދިވެހިން ރާއްޖެ އިން ބޭރަށް ދަނީ އެވެ؛ އެހެން ގައުމުތަކުގެ މީހުން ކިޔަވަން މި ތަނަކަށް ނާދެ އެވެ؛ ނިޑުޕް ގެލްސެން ފިޔަވަ އެވެ.
ބޫޓާންގެ މި ޒުވާނާއަކީ ދިވެހި ގައުމީ ޔުނިވާސިޓީގައި ފުލްޓައިމްކޮށް ކިޔަވާ ބޭރުގެ ފުރަތަމަ ދަރިވަރެވެ. ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރާ ބިދޭސީ ފުރަތަމަ ދަރިވަރަކީ ވެސް އޭނާ ކަމަށް ވެދާނެ އެވެ.
ނިޑުޕް: އަބަދުވެސް އާ ކަންކަން ތަޖުރިބާކުރަން ޝައުގުވެރިވާ ޒުވާނެއް. ފޮޓޯ: ނިޝާން އަލީ/ މިހާރު
ބޫޓާނާއި ރާއްޖެ އުޑާއި ބިމާހާ ތަފާތެވެ. އެކަމަކު، އަބަދުވެސް ތަފާތު ކަމެއްގައި އުޅެން ޝައުގުވެރިވާ ނިޑުޕް އަށް، މިއީ ހަޔާތުގައި މަދުން ނޫނީ ނުކުރެވޭނެ ކަހަލަ އަގުހުރި އާ ތަޖުރިބާއެކެވެ.
ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް)ގައި ނިޑުޕް، 21، ކިޔަވަނީ ބެޗެލާ އިން ނާސިން އެވެ. ވަރަށް މަދުން ނޫނީ ފިރިހެން ނަރުހުން ނުއުފެދޭ ގައުމަކަށް ހަތަރު އަހަރުގެ ކޯހެއްގައި އައިސް އޭނާ ކިޔަވަނީ ހުސް އަންހެން ދަރިވަރުން އުޅޭ ކްލާހެއްގަ އެވެ.
އަބަދުވެސް ހިނިތުންވެފައި ހުންނަ މަޑުމައިތިރި މި ޒުވާނާ ރާއްޖެ އައީ މި ތަނުގެ ހަޔާ އެޑިއުކޭޝަން ޑިޕާޓްމެންޓުގެ ސްކޮލަޝިޕެއްގަ އެވެ. ބޫޓާންގެ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އިއުލާންކުރި އެ ފުރުސަތަށް އެ ގައުމުގެ ގިނަ އަދަދެއްގެ ޒުވާނުން ކުރިމަތިލި އެވެ. އޭނާ އަށް ކޯސް ލިބުނީ އޭލެވެލް ފުރިހަމަކުރުމާ ހަމައަށް ހޯދި ތައުލީމީ ކުރިއެރުންތަކުގެ ސަބަބުން ކަމަށް ނިޑުޕް ދެކެ އެވެ.
އިންޑިއާ ފިޔަވައި އެހެން ތަނަކަށް ކުރިން ގޮސްފައި ނުވާ ނިޑުޕް ކިޔަވަން ރާއްޖެ އަންނަން ބޭނުންވީ ބޭރުގެ އެހެން މީހުން ވެސް މި ތަނަށް ޝައުގުވެރިވާ މައިގަނޑު ސަބަބާ ހެދި އެވެ؛ ލިބިފައިވާ ގުދުރަތީ ރީތިކަމާ އެކު، ޓޫރިޒަމްގައި ދުނިޔޭގެ އެންމެ ނަން ހިނގާ އެއް މަންޒިލަށް ވީމަ އެވެ. އާ ކަންތައްތަކުން ނަފްސު މުއްސަނދިކުރަން ބައްޕަ އަބަދުވެސް ދޭ ހިތްވަރާ އެކު، ނިޑުޕް އަށް، ރާއްޖެ ފެނުނީ ރަނުގެ ފުރުސަތެއްގެ ގޮތުގަ އެވެ.
"ބައްޕަ އަހަރެން ގާތު ބުނީ ރާއްޖެ ދިޔުމަކީ ބޮޑު ފޮތަކުން ކިޔެވުން ކަހަލަ ކަމެކޭ، ވަރަށް ގިނަ ކަންކަން ދަސްވާނެއޭ،" ހަ ކުދިން ތިބި އާއިލާއެއްގައި މެދަށް ހުރި ނިޑުޕް ކިޔައިދިނެވެ.
ހަޔާތުގައި ފުރަތަމަ ފަހަރަށް ކަނޑު ހަމަ ލޮލުން ދެކި މޫދަށް އެރިލުމުގެ ތަފާތު އިހުސާސެވެ. ތެދެކެވެ؛ ރާއްޖޭގައި އޭނާ އަންނަނީ އަލަށް އެތައް ކަމެއް ތަޖުރިބާކުރަމުންނެވެ. އަތިރިމަތީގައި ބޯޅަ ކުޅެލުމުގެ އުފާވެރިކަމެވެ. މާހައުލާއި މޫސުމާއި ސަގާފަތާއި ކެއިންބުއިން ވެސް މުޅިން ތަފާތު، ބީރައްޓެހި ތަނެއްގައި ދިރިއުޅުމުގެ ދަތިތަކެވެ.
"އަހަންނަކީ ހަމައެކަނި ތަރުކާރީ އާއި މޭވާ ކައިގެން އުޅޭ ވެޖިޓޭރިއަނެއް. އެހެންވީމަ މާލޭގައި އުޅެން އުނދަގޫ. ތާޒާ ތަރުކާރީއެއް މި ތަނަކުން ނުލިބޭ. އެކަމަކު ވެސް އޯކޭ. އަހަރެން މި އުޅެނީ ހަމަޖެހިލައިގެން. މީރު ނޫނަސް، ކަނޑުމަސް މިހާރު ކޮންމެވެސް ވަރަކަށް ކަން. ބިސް ވެސް ކަން،" އެފްއެޗްއެސްގެ އެޕާޓްމެންޓެއްގައި އަމިއްލަ އަށް ކައްކައިގެން ދިރިއުޅޭ ނިޑުޕް ކިޔައިދިނެވެ.
ނިޑުޕް ވިލިމާލޭގައި ދިވެހި ޒުވާނުންތަކަކާ އެކު ބޯޅަ ކުޅެނީ
މޫދުގައި ފަތަން ޝައުގުވެރިވިޔަސް ނިޑުޕް ބުނަނީ ލޮނަށް ހޭނެން އަދި ވަގުތު ނަގާނެ ކަމަށެވެ.
"މޫދުގައި އުޅޭ އިރު އަނގައިގައި ލޮނު ރަހަ ޖެހުނީމަ ވަރަށް އެހެން ކަހަލަ ގޮތެއް ވަނީ. އެއީ އަހަންނަށް އެއްގޮތަކަށް ވެސް ކަމުދާ އިހުސާސެއް ނޫން،" އޭނާ ބުނެލި އެވެ.
އެކަމަކު ނިޑުޕްގެ ޝަކުވާއެއް ނެތެވެ. މި ހުރިހާ ކަމެއް ވެސް އޭނާ ނަގަނީ ރަނގަޅު ތަޖުރިބާތަކެއްގެ ގޮތުގަ އެވެ. އަދި ބޫޓާނާއި ރާއްޖެއާ ދެމެދު މިހާ ގިނަ ތަފާތުތައް ހުއްޓަސް އެއް ކަމެއްގައި ދެ ގައުމު މުޅިން އެއްގޮތްކަން އުފަލާ އެކު އޭނާ ފާހަގަކުރެ އެވެ.
"ބޫޓާނެކޭ އެއްގޮތަށް ރާއްޖޭގައި ވެސް މީހުން ވަރަށް ހެޔޮ، ވަރަށް ރަހުމަތްތެރި. އެންމެން ވެސް ތިބެނީ ހިނިތުންވެފައި. ޚާއްސަކޮށް ފެކަލްޓީގެ ސްޓާފުން މިހާ ރަނގަޅުވާނެއެކޭ އަހަރެން ހިއެއް ވެސް ނުކުރަން. އެ މީހުން އަބަދުވެސް އަހަރެންގެ ހާލުއަހުވާލު ބަލައި ހަދާ،" ނިޑުޕް ބުންޏެވެ.
ނިޑުޕް އަންނަނީ ރާއްޖޭގެ މާހައުލަށް ހޭނެމުން. ފޮޓޯ: ނިޝާން އަލީ/ މިހާރު
ނިޑުޕް މިހާރު ވަނީ ކޯހުގެ ފުރަތަމަ އަހަރު ފުރިހަމަކޮށްފަ އެވެ. ޔުނިވާސިޓީގައި މިހާތަނަށް ހޭދަކުރި ދުވަސްތަކާ މެދު އޭނާ ހިތްހަމަޖެހެ އެވެ. ކިޔަވައިދިނުމާއި ލެކްޗަރާ އިންގެ ފެންވަރަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކުރެ އެވެ. އެކަމަކު، އޭނާގެ ކްލާހުގައި ކިޔަވަށާއި ކިޔަވައިދޭން ހަމައެކަނި އަންހެނުން ތިބުމަކީ ނިޑުޕް ވަރަށް ބޮޑަށް ހައިރާންވި ކަމެކެވެ. އެކަން އޭނާ ސިފަކުރަނީ "އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ސަޕްރައިޒް"ގެ ގޮތުގަ އެވެ.
"ބޫޓާނުގައި ފިރިހެން ނަރުހުން އުޅުމަކީ ނުވަތަ ފިރިހެންކުދިން ނަރުސްކަން ކިޔެވުމަކީ ހަމަ ވަރަށް އާދައިގެ، އާއްމު ކަމެއް. ކިޔަވައިދޭން ވެސް ތިބޭނީ ފިރިހެނުންނާއި އަންހެނުން. އެކަމަކު މި ތަނުން އެކަން މި ފެނުނީ މުޅިން ތަފާތުކޮށް. މި ވަގުތު އަހަރެން ނޫނީ މި ފެކަލްޓީގައި ކިޔަވަން އުޅެނީ ޑިޕްލޮމާ ހަދާ ދިވެހި ދެ ފިރިހެންކުއްޖަކު އެކަނި. ބެޗެލާސް ހަދާ އެހެން ފިރިހެންކުއްޖަކު ނުވެސް ނެތް،" ނިޑުޕް ބުންޏެވެ.
ނިޑުޕް (މ) އޭނާގެ ކްލާހުގެ އެހެން ދަރިވަރުންނާ އެކު: އޭނާއަކީ އެ ކްލާހުގެ ހަމައެކަނި ފިރިހެން ދަރިވަރު އަދި ގައުމީ ޔުނިވާސިޓީގެ ފުރަތަމަ އިންޓަނޭޝަނަލް ދަރިވަރު.
އެކުގައި ކިޔަވަން އުޅޭ އަންހެން ދަރިވަރުންނާ ނިޑުޕް ގުޅެ އެވެ. އެކަމަކު އޭނާ ބުނަނީ ސަގާފަތް ތަފާތުވީމާ، ނޭނގި ނަމަވެސް، ނުރުހޭ ކަމެއް ކުރެވިދާނެތީ ކްލާހުން ބޭރުގައި އެ މީހުންނާ އެއްކޮށް އުޅެން ޖެހިލުންވާ ކަމަށެވެ. ނިޑުޕްގެ ދިވެހި ރަހުމަތްތެރިންނަކީ ފެކަލްޓީގެ އެހެން ޑިޕާޓްމެންޓްތަކުގެ ދަރިވަރުންނެވެ. އެ މީހުންނާ އެކު ހުޅުމާލެ އާއި ވިލިމާލެ އަށް ގޮސް މަޖާކުރުމާއި ބޭރަށް ގޮސް އުޅުމަކީ އޭނާގެ އުފަލެކެވެ. ދެން އޮތީ ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ޝައުގުވެރިކަން ހަގީގަތަކަށް ހެދުމެވެ.
"މިހާރު ރައްޓެހިން އޮތީ ދައުވަތު ދީފައި އެ މީހުންނާ އެއްކޮށް ރަށްރަށަށް ދާން. އެހެންވެ އެ ކަމަށް ތައްޔާރު މި ވަނީ. އެކަނި ވެސް ދާން ބޭނުން. އަހަރެން ވަރަށް ދަތުރުކުރާ ހިތްވޭ. ރާއްޖޭގައި އުޅޭ އިރު ބޭނުން ވަނީ މާލެ ނޫން ރަށްރަށަށާއި ސްރީ ލަންކާ އަށް ގޮސްލަން،" ނިޑުޕް ކިޔައިދިނެވެ.
ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަން ނިޑުޕް ބޭނުންވޭ. ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާގެ ހަޔާތުގެ އެންމެ ބޮޑު ދެ ހުވަފެނުގެ ތެރެއިން އެއް ހުވަފެން ހަގީގަތަކަށް ހަދާނީ ވެސް ރާއްޖޭގަ އެވެ.
"އަހަރެންގެ ދެ ޑްރީމެއް އޮންނާނެ. އެއް ކަމަކީ ޑެޑް ސީ އަށް ދިޔުން. އަނެއް ކަމަކީ އީކުއޭޓަރު ހުރަސްކުރުން. ރާއްޖެ އައިމަ، މި އޮތީ އީކުއޭޓަރު ހުރަސްކުރަން ފުރުސަތު ލިބިފައި،" ނިޑުޕް ބުނެލި އެވެ.
ކޯހަށް ފަހު އޭނާ އެނބުރި ގައުމަށް ދާނީ ރާއްޖެ އިން އެކަހަލަ އަގުހުރި އެތައް ހަނދާންތަކެއް ހިފައިގެންނެވެ.
އިބާ: ނަރުހުންނާ މެދު ދެކޭ ގޮތް ބަދަލުކޮށްލާނެ
ކިޔަވައި ނިންމާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ކޮބާ؟
މުސާރައާއެކު ވެސް ޓީޗިންގެ ކޯސްތަކުގެ ޑިމާންޑަށް ބަދަލެއް ނާދޭ
ނާސިން ސްކޫލްގެ ޑީންއަކަށް އަނެއްކާވެސް އާސިޔާ
އެމްއެންޔޫ އިންޓޭކަށް ބަދަލު ގެންނަ ވިސްނުން އެބަހުރި
ޕްރީ ސްކޫލާއި ކޮލެޖުތައް ބަންދުކުރަން އަންގައިފި
އެމްއެންޔޫން ސިއްހީ ދާއިރާގެ ޕީއެޗްޑީ ފަށަނީ
އެފްއެޗްއެސްގެ ޑީން އަކަށް ޑރ. ފަޒީލާ ވަހީދު
އެމްއެންޔޫގެ ބޮޑު ކެމްޕަހެއް ހުޅުމާލޭގައި އިމާރާތްކުރަނީ
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން 65 ދަރިވަރުން