Roadha Mihaaru
މެކޭނިކަލް ޕާކިން ސިސްޓަމް ގާއިމުކުރުން ފަށައިފި

މެކޭނިކަލް ޕާކިން ސިސްޓަމް ހަރުކޮށް، އަންނަ ހަފްތާގައި ޓެސްޓް ކުރަނީ

16 ޑިސެމްބަރ 2016

މާލޭގައި ކާރާއި ސައިކަލް ޕާކް ކުރެވޭ މެކޭނިކަލް ޕާކިން ސިސްޓަމްތައް ގާއިމުކުރަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގައި ކާރާއި ސައިކަލް ޕާކް ކުރެވޭ މެކޭނިކަލް ޕާކިން ސިސްޓަމްތައް ގާއިމުކުރަން ފަށައިފި އެވެ.

މާލޭގައި ބެހެއްޓުމަށް ނިންމި އެންމެ ފުރަތަމަ ޕާކިން ސިސްޓަމް ގާއިމު ކުރަނީ ވެލާނާގޭ ކައިރީގަ އެވެ. އެއް ފަހަރާ 10 ކާރު ޕާކް ކުރެވޭ ސިސްޓަމްގެ ފައުންޑޭޝަން މަސައްކަތް ނިންމައި، ސްޓްރަކްޗާ އެތުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބު މިއަދު ވިދާޅުވީ ދެކުނު ކޮރެއާއިން ގެނައި ޕާކިން ސިސްޓަމް އިންސްޓޯލް ކުރުމުގެ މަސައްކަތަށް ހަފްތާއެއްހާ ދުވަސް ހޭދަވާނެ ކަމަށެވެ. އަދި އެ ހަރުކޮށް ނިންމުން ޕާކިން ސިސްޓަމް ޓެސްޓް ކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ދުވަސް ކުރިން މަސައްކަތް ފެށީ، އެ ބޭނުން ކުރާން ފަށާނީ ޓެސްޓް ބުރުތަކެއް ބާއްވާފައި، މަސައްކަތް ކުރަނީ އާންމުންނަށް ވީހާ ވެސް ފަސޭހަ ކަމާއެކު ބޭނުން ކުރެވޭ ގޮތަށް ހެދުމަށް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާ ހަވާލު ކުރީ ކާރު ޕާކް ކުރާނެ 10 ސިސްޓަމާއި ސައިކަލް ޕާކް ކުރަން 10 ސިސްޓަމް ގެނައުމަށެވެ. އެކަމަށް ހަރަދުވާ ވަރެއް ހާމައެއް ނުކުރެ އެވެ.

މެކޭނިކަލް ޕާކިން ސިސްޓަމްގެ ތެރެއިން ކޮންމެ ކާރު ސިސްޓަމެއްގައި 10 ކާރު ޕާކް ކުރެވޭއިރު، ކޮންމެ ސައިކަލް ސިސްޓަމެއްގައި 100 ސައިކަލް ޕާކް ކުރެވޭނެ އެވެ. އޮޓޮމޭޓަޑް ސިސްޓަމްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަނީ ވެސް އެސްޓީއޯއިންނެވެ.

މިނިސްޓްރީން ކުރިން ބުނެފައިވަނީ މެދުނުކެނޑި ކޮންމެ މަހަކު އެކަތި ނޫނީ ދެ ސިސްޓަމް ގެނެސް، އަންނަ އަހަރުގެ މާޗް މަސް ނިމެންވާ އިރަށް ހުރިހާ ސިސްޓަމްތަކެއް އިންސްޓޯލްކޮށް ނިމޭނެ ކަމަށެވެ.

މާލޭގައި ދުއްވާ އުޅަނދުތައް އިންތިހާ އަށް އިތުރުވެފައިވާތީ އެ އުޅަނދުތައް ޕާކު ކުރާނެ ތަނެއް ނުލިބެ އެވެ. އަދި ގަވައިދާ ހިލާފަށް ސްޓިކާ ޖަހައިގެން ކޮންމެ ފަހަަރަކު ވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތައް ބަހައްޓާފައި ހުންނަނީ ހޮސްޕިޓަލް، ޝޮޕިން މޯލް، އޮފީސް އިމާރާތްތައް ހުންނަ ކާރޫބާރު ބޮޑު ސަރަހައްދުތަކުގަ އެވެ. މިއީ ޒަމާނާ އެއްގޮތަށް ހުރިހާ އުޅަނދަކަށް ރައްކާތެރިކަން ލިބޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ސިސްޓަމްތަކެކެވެ.