Roadha Mihaaru
މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުންނުކުރެވި!

މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުންނުކުރެވި، ސަބަބެއް ނޭނގޭ!

07 މާޗް 2018

ދުއްވާ އެއްޗެހި ގިނަވެ، ޕާކްކުރާނެ ޖާގަ ނެތުމުން އެކަމަށް ހައްލެއް ގެންނަން ހައުސިން މިނިސްޓްރީން މާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ބެހެއްޓި ނަމަވެސް އެ އެއްޗެހި ބޭނުންނުކުރެވި ދިގުލައިގެން ދާން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދުއްވާ އެއްޗެހި ގިނަވެ، ޕާކްކުރާނެ ޖާގަ ނެތުމުން އެކަމަށް ހައްލެއް ގެންނަން ހައުސިން މިނިސްޓްރީން މާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ބެހެއްޓި ނަމަވެސް އެ އެއްޗެހި ބޭނުންނުކުރެވި ދިގުލައިގެން ދާން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން 2016 ގައި ނިންމާފައި އޮތީ މާލޭގެ އެކި ހިސާބުތަކުގައި 20 ޕާކިން ސިސްޓަމް ހަރުކުރާ ގޮތަށެވެ. އެކަން އެސްޓީއޯއާ ހަވާލުކުރުމުން މިހާތަނަށް ދެ ސިސްޓަމެއް ވަނީ ބަހައްޓައިފަ އެވެ. އޭގެ ތެރެއިން ވެލާނާ ބިލްޑިން ކައިރީގައި ކާރަށް ހާއްސަ މެކޭނިކަލް ޕާކިން ސިސްޓަމެއް ހަރުކުރި އިރު، ކުރިން ހީނާމާގޭ ހުރި ހުސް ބިމުގައި ބެހެއްޓީ ސައިކަލަށް ހާއްސަ ނިޒާމެކެވެ.

ވެލާނާގޭ ސަރަހައްދުގައި ބަހައްޓާފައި ހުރި ޕާކިން ސިސްޓަމް -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ވެލާނާގޭ ސަރަހައްދުގައި ބަހައްޓާފައި ހުރި ޕާކިން ސިސްޓަމް -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެއް ފަހަރާ 10 ކާރު ޕާކްކުރެވޭ ކާރު ޕާކިން ސިސްޓަމް ޖުލައި މަހު ބޭނުން ކުރަން ވެސް ފެށި އެވެ. ނަމަވެސް އެ ސިސްޓަމް ބަންދުކޮށްފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ސަތޭކަ ސައިކަލް ޕާކްކުރެވޭ ގޮތަށް ހީނާމާގޭ ބިމުގައި ބެހެއްޓި ސިސްޓަމް ބޭނުންކުރާކަށް އަދި ނުވެސް ފަށަ އެވެ.

ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބެހެއްޓި މި ސިސްޓަމްތައް ބޭނުންނުކުރެވޭ ސަބަބު ހޯދަން ހައުސިން މިނިސްޓްރީއަށް ގުޅުމުން ޖަވާބެއް ނުލިބުނެވެ.

ހީނާމާގޭ ބިމުގައި ހަދާފައިވާ ޕާކިން ޒޯންގައި ބަހައްޓާފައިވާ ސިސްޓަމް: ބޭނުުންކުރަން ފަށާނެ ދުވަހެއް ނޭނގޭ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހީނާމާގޭ ބިމުގައި ހަދާފައިވާ ޕާކިން ޒޯންގައި ބަހައްޓާފައިވާ ސިސްޓަމް: ބޭނުުންކުރަން ފަށާނެ ދުވަހެއް ނޭނގޭ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިނިސްޓްރީން މިދިޔަ އަހަރުގެ ޖުލައި މަހު ބުނެފައި ވަނީ ކޮންމެ މަހަކު އެކަތި ނޫނީ ދެ ސިސްޓަމް ބެހެއްޓޭނެ ކަމަށެވެ.