Roadha Mihaaru
ތަރުހީބު ކުޑަކަމުން "ބަލިކާ ވަދޫ 2" ހުއްޓާލަނީ

ތަރުހީބު ކުޑަކަމުން ކަލާޒްގެ "ބަލިކާ ވަދޫ 2" ހުއްޓާލަނީ

28 ޖެނުއަރީ 2022

ކަލާޒް ޗެނެލުން މިދިޔަ އަހަރުން ފެށިގެން ދައްކަމުން އަންނަ ސިލްސިލާ "ބަލިކާ ވަދޫ" ގެ ސީޒަން ދޭއްގެ މަގުބޫލު ކަން މިހާރު ވަރަށް ބޮޑަށް ވެއްޓިފައި ވާތީ އެ ސިލްސިލާ ނިމުމަކަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒް ޗެނެލުން މިދިޔަ އަހަރުން ފެށިގެން ދައްކަމުން އަންނަ ސިލްސިލާ "ބަލިކާ ވަދޫ" ގެ ސީޒަން ދޭއްގެ މަގުބޫލު ކަން މިހާރު ވަރަށް ބޮޑަށް ވެއްޓިފައި ވާތީ އެ ސިލްސިލާ ނިމުމަކަށް ގެންނަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ އަންނަ މަހުގެ ކުރީކޮޅު އެ ނިންމާލަން މިހާރު އަމާޒު ހިފާފައި ވާތީ ކުރިއަށް ހުރި އެޕިސޯޑްތަކުގެ ޝޫޓިން މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. "ބަލިކާ ވަދޫ 2" ހުއްޓާލަން މި އުޅެނީ ދާދި ފަހުން އޭގެ ވާހަކަ އަށް ބޮޑު ލީޕެއް ގެނެސް އާ ކާސްޓުންތަކެއް ވެސް ގެނެސްފައި ވަނިކޮށެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ސިލްސިލާގެ ލީޑް ކެރެކްޓާ އާނަންދީގެ ރޯލު މިހާރު ކުޅޭ ބަތަލާ ޝިވާންގީ ޖޯޝީ އެވެ. އޭނާ "ބަލިކާ ވަދޫ 2" އާ ގުޅުނީ ކުރިން ކުޅެމުން އައި ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ވަކިވުމަށް ފަހު އެވެ.

ޝިވާންގީއާ އެކު "ބަލިކާ ވަދޫ 2" ގެ ކާސްޓްގައި މިހާރު ލީޑް ކުރަމުން އަންނަނީ ރަންދީޕް ރާއީ އާއި ސަމްރިދު ބާވާ އެވެ. މި ތިން ތަރިންނާ އެކު ސިލްސިލާގެ ވާހަކަ އަށް ބޮޑު ބަދަލެއް ގެނައީ މިދިޔަ މަހުގެ ތެރޭގަ އެވެ. ނަމަވެސް އާ ކާސްޓާ އެކު ވެސް "ބަލިކާ ވަދޫ 2" އާންމުންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބި، ޓީއާރްއާޕީ ރޭޓިން ވަރަށް ބޮޑަށް ވެއްޓިފައިވެ އެވެ.

އެހެންވެ ދެން އެ ކުރިއަށް ނުގެންދަން ނިންމައި އަންނަ މަހުގެ ތެރޭގައި ސިލްސިލާ ނިންމާލާނެ ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު "ބަލިކާ ވަދޫ 2" ގެ ޓީމުން އެކަން އަދި ކަށަވަރެއްނުކޮށްދެ އެވެ.

މި ސިލްސިލާ އަކީ ކަލާޒް އިން ޖުލައި 21، 2008 އިން ޖުލައި 31، 2016 އަށް ގެނެސްދިން "ބަލިކާ ވަދޫ" ގެ ދެވަނަ ސީޒަނެވެ. އެ މުއްދަތުގެ ތެރޭގައި 2،248 އެޕިސޯޑް ގެނެސްދިނެވެ. ދެވަނަ ސީޒަން މިދިޔަ އަހަރުގެ އޮގަސްޓް 9 އިން ފެށިގެން ގެނެސްދެމުން އަންނަ އިރު މިހާތަނަށް 120 އަށް ވުރެ ގިނަ އެޕިސޯޑް ދައްކާފައިވެ އެވެ.

"ބަލިކާ ވަދޫ 2" ހުއްޓާލާ އިރު، ކަލާޒް އިން ދެން އެންމެ އަވަހަށް ގެނެސްދޭން ތައްޔާރުވާ ސިލްސިލާ އަކީ މި މަހުގެ 31 ގައި ދައްކަން ފަށާ "އިޝްގް މޭ މަރުޖާވާ" ގެ އާ ސީޒަން "ފަނާ" އެވެ.