Roadha Mihaaru
ފައިނަލް މެޗަށް ފަހު، އަލިފުށިން ކޮވިޑް ޖެހިއްޖެ

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗަށް ފަހު، އަލިފުށިން ބަޔަކަށް ކޮވިޑް ޖެހިއްޖެ

27 ޖެނުއަރީ 2022

ރ. އަލިފުށީގައި މިދިޔަ އާދިއްތަ ދުވަހު ކުޅުނު، ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗަށް ފަހު، އެ ރަށުން ބަޔަކަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރ. އަލިފުށީގައި މިދިޔަ އާދިއްތަ ދުވަހު ކުޅުނު، ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗަށް ފަހު، އެ ރަށުން ބަޔަކަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

ކޮވިޑްގެ އާ ވޭރިއަންޓް "އޮމްރިކޯން" ހަލުވިކަމާއެކު މާލެ އާއި އެހެން ރަށްރަށުގައި ފެތުރެމުންދަނިކޮށް، އަލިފުށީގައި ބޭއްވި ފައިނަލް މެޗު ބެލުމަށް މާލެއިންނާއި ބައެއް ރަށްރަށުން ވެސް އެތައް ބަޔަކު އަލިފުއްޓަށް ދިޔަ އެވެ. ވެލެންސިއާ އާއި މާޒިއާގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފާއި އަދި ސަރުކާރުގެ ބައެއް އިސްވެރިން ވެސް އަލިފުއްޓަށް ވަޑައިގަތެވެ.

އަލިފުށިން މިއަދު ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއިރު، އެ އެންމެންނަކީ ވެސް ފައިނަލް މެޗު ބަލަން ދިޔަ މީހުން ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ. އެ ހަތް މީހުންގެ އިތުރުން އަލިފުއްޓަށް މާލެ އިން ދިޔަ ބައެއް މީހުން އެނބުރި އައިސް ކޮވިޑަށް ޓެސްޓްކުރިއިރު ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރޭގައި ބައެއް ނޫސްވެރިން ވެސް ހިމެނޭއިރު، އެ މީހުން ޓެސްޓް ހެދީ ބަލީގެ އަލާމާތްތައް ހުރުމުންނެވެ.

އަލިފުށީ ހެލްތު ސެންޓަރުގެ ފޭސްބުކް ޕޯސްޓެއްގައި ބުނީ، އެ ރަށުން ހަތް މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށާއި އެއީ ރޯގާގެ އަލާމާތްތައް ހުރެގެން ހެލްތު ސެންޓަށް ދެއްކުމުން ނެގި ސާމްޕަލުން ޕޮޒިޓިވްވި ބައެއް ކަމަށެވެ.

އެކަމަކު އެ ހަތް މީހުން ކޮވިޑަށް ޕޮޒިޓިވް ވިޔަސް ހެލްތު ސެންޓަރުގެ ބަހެއް އަދި ނުލިބޭތީ ތަފުސީލެއް ނުލިބުނެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗަށް އެތައް ބަޔަކު އަލިފުއްޓަށް އެރިއިރު، އެ މީހުން ކޮވިޑް ޕީސީއާރު ޓެސްޓް ހެދިތޯ ޗެކްކުރުމުގެ އެއްވެސް އިންތިޒާމެއް އަލިފުށީގައި ހަމަޖައްސައިފައެއް ނުވެ އެވެ. ރަށު ކައުންސިލުން ވެސް ސުވާލުކުރި ތަނެއް ނޫސްވެރިންނަކަށް ނުފެނެ އެވެ. އެކަމަކު، އޭރު ވެސް ރަށުގައި ކޮވިޑް ޖެހިފައި ތިބި ބަޔަކު އުޅުނެވެ.

މި ދުވަސްވަރު ކޮންމެ ދުވަހަކު ފެންނަ ކޮވިޑްގެ ކޭސްތައް 2،000 އިން މައްޗަށް އަރަ އެވެ. އޭގެ ތެރޭގައި ރަށްރަށުން ފެންނަ ކޭސްތައް ވެސް އިތުރުވިއިރު މިވަގުތު 31 ރަށަކުން ކޮވިޑް ފެނިގެން އޮތީ ބަންދުކޮށްފަ އެވެ. މީގެ ތެރޭގައި އަލިފުށި އަދި ނުހިމެނެ އެވެ.