Roadha Mihaaru
ވިކީގެ ސުޕަހީރޯ ފިލްމަށް ސާރާ؟

ވިކީ ކޯޝަލްގެ ސުޕަހީރޯ ފިލްމު "ދި އިމޯޓަލްސް އޮފް އަޝްވަތައްމާ" އަށް ސާރާ އަލީ ޚާން؟

28 ނޮވެމްބަރ 2020

ބޮލީވުޑްގައި ވިދަމުން އަންނަ ޒުވާން އެކްޓަރު ވިކީ ކޯޝަލްއާ އެކު، ޑައިރެކްޓަރު އަދިތިޔާ ދާރް ޓްރިލޮޖީއެއްގެ ގޮތުގައި ހަދަން ހަމަޖެހިފައިވާ ސުޕަހީރޯ ފިލްމު "ދި އިމޯޓަލްސް އޮފް އަޝްވަތައްމާ" ގެ ބަތަލާގެ ރޯލުން ފެންނާނީ ސާރާ އަލީ ޚާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގައި ވިދަމުން އަންނަ ޒުވާން އެކްޓަރު ވިކީ ކޯޝަލްއާ އެކު، ޑައިރެކްޓަރު އަދިތިޔާ ދާރް ޓްރިލޮޖީއެއްގެ ގޮތުގައި ހަދަން ހަމަޖެހިފައިވާ ސުޕަހީރޯ ފިލްމު "ދި އިމޯޓަލްސް އޮފް އަޝްވަތައްމާ" ގެ ބަތަލާގެ ރޯލުން ފެންނާނީ ސާރާ އަލީ ޚާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަންނަ އަހަރުގެ އެޕްރީލްގައި ޝޫޓިން ފަށާ މި ފިލްމަކީ 2018 ގައި ވިކީއާ އެކު އަދިތިޔާ ގެނެސްދިން "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަށް ފަހު ހަދާ ފުރަތަމަ ފިލްމެވެ. "ދި އިމޯޓަލްސް އޮފް އަޝްވަތައްމާ" ގެ ވެސް ޕްރޮޑިއުސަރަކީ "އުރީ" ގެ ވެސް ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ އެވެ.

މީޑިއާތަކުން ބުނީ ވިކީގެ ސުޕަހީރޯ ފިލްމުގެ ބަތަލާގެ ރޯލަށް ކުރިން ކެޓްރީނާ ކައިފް ގެނައުމާ ދޭތެރޭ ވަރަށް ބޮޑަށް މަޝްވަރާތައް ކުރެވުނު ކަމަށެވެ. އެކަމަކު އޭނާއާ އެކު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ސުޕަހީރޯ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނާތީ ކެޓްރީނާގެ ބަދަލުގައި ސާރާ ފިލްމަށް ނަގަން ނިންމީ ކަމަށް ބުންޏެވެ. މި ފަހަކަށް އައިސް ކެޓްރީނާ އާއި ވިކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ.

މީޑިއާތަކުން ބުނީ "ދި އިމޯޓަލްސް އޮފް އަޝްވަތައްމާ" ގެ ބަތަލާގެ ރޯލުން ސާރާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އެޕްރީލް މަހުގެ ތެރޭގައި ސާރާގެ ޑޭޓް ހޯދަން ފިލްމުގެ ޓީމުން ވަރަށް ސީރިއަސްކޮށް ވާހަކަ ވެސް ދައްކަމުން އަންނަ ކަމަށެވެ. އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު މި ވަގުތު އަންނަނީ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "އަތުރަންގީ ރޭ" ގެ މަސައްކަތް ކުރަމުންނެވެ. އަދި މިކަމާ ބެހޭ ގޮތުން ފިލްމުގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މީގެ ކުރިން ވެސް ވިކީއާ އެކު ފިލްމެއް ކުޅެން ސާރާ އަށް ފުރުސަތު ލިބުނުކަމުގެ އަޑުތަކެއް އެރި އެވެ.

"ދި އިމޯޓަލްސް އޮފް އަޝްވަތައްމާ" އަކީ ވިކީ ވަރަށް ތަފާތު ގޮތަކަށް ފެންނާނެ ފިލްމެކެވެ. އަދި ފިލްމަށް އޭނާ ހަށިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ވިކީ މި ވަގުތު އަންނަނީ "ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ހަދާ ކޮމެޑީއެއްގެ މަސައްކަތްކުރަމުންނެވެ.

ބޮޑު ބަޖެޓަކުން ހަދާ "ދި އިމޯޓަލްސް އޮފް އަޝްވަތައްމާ" ޝޫޓްކުރަން ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި އިންޑިއާގެ އިތުރުން ގްރީސް އާއި ނިއު ޒީލެންޑާއި ޖަޕާން ހިމެނެ އެވެ. އަދި ފިލްމުގެ ފުރަތަމަ ބައިގެ ޝޫޓިން އެޕްރީލް މަހުގެ ތެރޭގައި ފެށުމަށް ފަހު 80-90 ދުވަހުގެ ތެރޭގައި ނިންމާނެ އެވެ.

އަދިތިޔާ ކުރިން ބުނެފައިވާ ގޮތުގައި "ދި އިމޯޓަލްސް އޮފް އަޝްވަތައްމާ" އަކީ މިހާތަނަށް އިންޑިއާގެ ފިލްމަކުން ނުފެންނަހާ ތަފާތު މޮޅު ވީއެފްއެކްސް ވެސް ފެނިގެން ދާނެ ފިލްމެކެވެ. އެ މަސައްކަތްކުރާނީ އިންޓަނެޝަނަލް ޓީމަކުންނެވެ.