Roadha Mihaaru

ހޯމް ސްޓޭ އަށް ތައްޔާރު، ދެން އޮތީ ޓޫރިސްޓުން އައުން: ގއ. އަތޮޅު

ހޯމްސްޓޭ އަކީ ރާއްޖެ އަށް އާ ކޮންސެޕްޓަކަށް ނުވެދާނެ އެވެ. މީގެ ކުރިން ވެސް ގެތަކަށް ޓޫރިސްޓުން ގެނެސް އެ ވިޔަފާރި ކުރަމުން އައެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހޯމްސްޓޭ ޓޫރިޒަމް ވަނީ ރާއްޖޭގައި ގަވާއިދެއްގެ ދަށުން ހިންގާ، ޓޫރިޒަމްގެ ޕްރޮޑަކްޓަކަށް ވެފަ އެވެ. އެކި ރަށްތަކުގައި މި ހިދުމަތް ފަށަން ތައްޔާރުވަމުން އަންނައިރު އެންމެ ބޮޑަށް މިކަމަށް ތައްޔާރުވެފައި އޮތް އެއް އަތޮޅެއްގެ ގޮތުގައި ފެންނަނީ ގއ. އަތޮޅެވެ.

00:00
-09:03
އިދުހާމް ނައީމް
ގއ. އަތޮޅުން އިދުހާމް ނައީމް

29 ޖެނުއަރީ 2022

ހޯމްސްޓޭ އަކީ ރާއްޖެ އަށް އާ ކޮންސެޕްޓަކަށް ނުވެދާނެ އެވެ. މީގެ ކުރިން ވެސް ގެތަކަށް ޓޫރިސްޓުން ގެނެސް އެ ވިޔަފާރި ކުރަމުން އައެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހޯމްސްޓޭ ޓޫރިޒަމް ވަނީ ރާއްޖޭގައި ގަވާއިދެއްގެ ދަށުން ހިންގާ، ޓޫރިޒަމްގެ ޕްރޮޑަކްޓަކަށް ވެފަ އެވެ. އެކި ރަށްތަކުގައި މި ހިދުމަތް ފަށަން ތައްޔާރުވަމުން އަންނައިރު އެންމެ ބޮޑަށް މިކަމަށް ތައްޔާރުވެފައި އޮތް އެއް އަތޮޅެއްގެ ގޮތުގައި ފެންނަނީ ގއ. އަތޮޅެވެ.

ގއ. އަތޮޅުގައި ހޯމްސްޓޭ ފަށަން ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިދިޔަ ހަފުތާގައި އެ އަތޮޅަށް ކުރި ޒިޔާރަތުގައި ފެނިގެންދިޔައީ ރައްޔިތުންނާއި ކައުންސިލްތަކުން މިކަމަށް ތައްޔާރުވެފައި އޮތްވަރެވެ. ހުރިހާ ރަށެއްގައި ވެސް ހޯމްސްޓޭ ޓޫރިޒަމް ކުރިއަރުވަން ތަފާތު ޕްލޭންތަކެއް ހަދާފައިވާއިރު ބައެއް ރަށްތަކުގައި މިހާރު ވަނީ މި ޕްލޭންތަކަށް އަމަލު ކުރަން ވެސް ފަށައިފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް (މ) ގއ. ކަނޑުހުޅުދޫ ކައުސިލާ ބައްދަލު ކުރައްވަނީ-- ފޮޓޯ: މިހާރު

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް (މ) ގއ. ކަނޑުހުޅުދޫ ކައުސިލާ ބައްދަލު ކުރައްވަނީ-- ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ހުވަދު އަތޮޅަކީ ރަށްތައް ގިނަ، ގުދުރަތީ ވަސީލަތްތައް ވެސް ގިނަ އަތޮޅަކަށް ވާއިރު ފާއިތުވި އަހަރުތަކުގައި އޭގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފި އޮތް އަތޮޅެއް ކަމަށެވެ. ހޯމްސްޓޭއަކީ މުޅި އަތޮޅަށް ފައިދާވާނެ ކަމެއް ކަމަށާއި މިކަން ކުރަން މުޅި އަތޮޅު އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ހުރިހާ އަހަރެއްވިއިރު ފާހަގަ ކުރެވުނީ ވަސީލަތް ހުރެފައި އޭގެ ނަފާ ރައްޔިތުންނަށް ނުލިބި އޮތްކަން. މިއަދު ހިތްހަމަޖެހޭ ކަމަކީ މި ސަރުކާރުން ހުވަދު އަތޮޅުގައި ހުރި ރިސޯސަސްތައް ބޭނުންކޮށްގެން ވަކިވަކި ފަރުދުންގެ ޖީބަށް ބޭރު ފައިސާ ވަންނާނެ އިންތިޒާމްތައް ގާއިމް ކޮށް އެކަން ކުރިއަރުވަން މަސައްކަތް ކުރުން،" ޔައުގޫބު ވިދާޅުވި އެވެ.

"މި އަތޮޅުގެ ހުރިހާ ރަށެއް ވެސް ގާތްގަނޑަކަށް މިއޮތީ ހޯމްސްޓޭ ފަށަން ތައްޔާރަށް. ވަސީލަތްތައް އެބަހުރި ގާއިމްވެފައި. ހަމައެކަނި އޮތީ އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން. އުއްމީދު ކުރަނީ ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި މި ވިޔަފާރި ފެށިގެން ދާނެ ކަމަށް."

ޓޫރިޒަމް މިނިސްޓްރީން ގއ. އަށް ކުރި ދަތުރުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އެ އަތޮޅު ގެމަނަފުށީގެ ޓޫރިޒަމް ސަރަހައްދެއް ބައްލަވާލައްވަނީ-- ފޮޓޯ: މިހާރު

ޓޫރިޒަމް މިނިސްޓްރީން ގއ. އަށް ކުރި ދަތުރުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އެ އަތޮޅު ގެމަނަފުށީގެ ޓޫރިޒަމް ސަރަހައްދެއް ބައްލަވާލައްވަނީ-- ފޮޓޯ: މިހާރު

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވި ގޮތުގައި ގއ. އަތޮޅުން ފެނުނު އެންމެ ހާއްސަ ކަމަކީ ސިޔާސީ ފިކުރު އެއް ފަރާތްކޮށް ރައްޔިތުން ގުޅިގެން ހޯމް ސްޓޭ ފެށުމަށް މަސައްކަތް ކުރާ ކަމެވެ. އޭނާ ވިދާޅުވީ ރަށެއްގައި ހޯމް ސްޓޭ ފެށޭނީ ކައުންސިލްގެ އެއްބާރުލުމާއެކު ކަމަށްވާއިރު އެކަމަށް ގއ. އަތޮޅުގެ ހުރިހާ ކައުންސިލެއް ވެސް އޮތީ ތައްޔާރަށް ކަމަށެވެ.

"ހުވަދޫގެ ހުރިހާ ކައުންސިލެއް ވެސް ފެނުނީ ވަކި ސިޔާސީ ފިކުރަކަށް ނުބަލައި، މިއީ އިގްތިސާދީ މަސައްކަތެއް ކަމަށް ބަލައިގެން ވަރަށް ބޮޑަށް އަޅުގަނޑުމެންނާއެކު ދައުލަތް އަދި މިނިސްޓްރީ ކަމަށް ވިޔަސް ދައުލަތަކީ މި ވިޔަފާރި ކުރަން ތިބި މީހުންނަށް މަގުފަހި ކުރަން ތިބި ބައެއް ކަމަށް ދެކިގެން މަސައްކަތް ކުރުމުގެ ރޫހު ހަމަ މި އަތޮޅުގެ ހުރިހާ ކައުންސިލަކުން ވެސް ފެނުނީ،" ރައްޒާން ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ގއ. ދެއްވަދޫގެ އާސާރީ މިސްކިތެއް ބައްލަވާލައްވަނީ- ފޮޓޯ: މިހާރު

ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ގއ. ދެއްވަދޫގެ އާސާރީ މިސްކިތެއް ބައްލަވާލައްވަނީ- ފޮޓޯ: މިހާރު

ހޯމްސްޓޭއާއެކު ދަތުރުފަތުރު ވެސް ރަނގަޅުވާނެ

ގއ. އަތޮޅުގެ ހުރިހާ ކައުންސިލްތަކުން ވެސް ފާހަގަ ކުރި ގޮތުގައި އެ އަތޮޅުގައި ޓޫރިޒަމް ކުރިއަރުވަން އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮތީ ދަތުރުފަތުރުގެ ދަތިކަމެވެ. އެގޮތުން، އެ އަތޮޅަށް ދާ ފްލައިޓުތައް މަދުވުމުގެ ސަބަބުން ގިނަ ބަޔަކު ރަށްތަކުގައި އިންވެސްޓު ކުރަން ފަސްޖެހޭ ކަމަށް ވެސް ކައުންސިލްތަކުން ފާހަގަ ކުރި އެވެ.

"ހަތަރު ފަސް މިލިއަން ރުފިޔާ އިންވެސްޓް ކުރަން މި ޖެހިލުން ވަނީ ދަތުރުތައް އަދި ނުލިބޭތީ. އެކަމަކު ދަތުރު ކުރާ ފަރާތްތައް ވެސް ފްލައިޓުތައް ބާއްވަން ޖެހިލުން ވަނީ މި ސަރަހައްދުގައި އެވަރަކަށް ބެޑު ނެތީމަ."

ރައްޒާން ވިދާޅުވި ގޮތުގައި ރަށްތަކުގައި ބޮޑެތި އިންވެސްޓުތައް ކުރަން ފަސް ޖެހެނީ ވިޔަފާރި ކުރިއަރާނެ ކަމުގެ ޔަގީންކަން ނޯންނާތި ކަމަށެވެ. ނަމަވެސް ހޯމްސްޓޭ އަކީ ކުޑަ އިންވެސްޓަކާއެކު ފެށޭނެ ހިދުމަތެއް ކަމަށާއި މި ހިދުމަތް ފެށުމުން އެ އަތޮޅަށް އަންނަ ޓޫރިސްޓުން ގިނަވެ، ދަތުރުތައް ވެސް ގިނަވާނެ ކަމަށާއި އެއާއެކު ބޮޑެތި އިންވެސްޓްމަންޓުތައް ވެސް ރަށްތަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް އާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަދި ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުން ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ: މިހާރު

ޓޫރިޒަމް މިނިސްޓަރު މައުސޫމް އާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަދި ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުން ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ: މިހާރު

"ހަތަރު ފަސް މިލިއަން ރުފިޔާ އިންވެސްޓް ކުރަން މި ޖެހިލުން ވަނީ ދަތުރުތައް އަދި ނުލިބޭތީ. އެކަމަކު ދަތުރު ކުރާ ފަރާތްތައް ވެސް ފްލައިޓުތައް ބާއްވަން ޖެހިލުން ވަނީ މި ސަރަހައްދުގައި އެވަރަކަށް ބެޑު ނެތީމަ. ހޯމް ސްޓޭއާއެކު މާބޮޑު އިންވެސްޓްމަންޓަކާ ނުލައި ބެޑުތައް އެބައިތުރު ކުރެވޭ. އެއްކަލަ މަތިންދާބޯޓުވެސް ފީސިބަލް ކުރަން ބޭނުންވާ ވަރަށްވޮލިއުމް ލިބުނީމަ ވަރަށް ރަނގަޅަށް ހިނގައި ގަންނާނެ،" ރައްޒާން ވިދާޅުވި އެވެ.

ހުވަދު އަތޮޅުގައި މިހާރު ތިން އެއާޕޯޓު އޮޕަރޭޝަނުގައި އޮތް އިރު ހަތަރުވަނަ އެއާޕޯޓުގެ މަސައްކަތް ވަނީ ނިމުމަކާ ގާތް ވެފަ އެވެ. އެ އަތޮޅުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ހޯމް ސްޓޭ ފަށަން ޓޫރިސްޓުން ގެންނަން ސަބަބެއް އުފައްދަން ޖެހޭ

ރާއްޖެއަކީ މެހެމާންދާރީގައި ފާހަގަ ކޮށްލެވޭ ގައުމަކަށްވާއިރު މި ގައުމުގެ ވަކި ރަށްތަކަށް ޓޫރިސްޓުން ޝައުގުވެރިކުރުވަން ސަބަބެއް އުފެއްދުން މުހިންމު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އެގޮތުން، ކޮންމެ ރަށެއް ވެސް އެ ރަށެއްގައި ހުންނަ ހާއްސަ ކަމެއް ޕްރޮމޯޓުކޮށް ޓޫރިސްޓުން ގެނައުމަށް އެ ކަމެއް ބޭނުން ކުރުން މުހިންމު ކަމަށް ރައްޒާން ވިދާޅުވި އެވެ.

"ތިމަންނަ ހުވަދުއަށް ދާން ޖެހޭ، ނުވަތަ ތިންމަންނަ ގެމަނަފުއްޓަށް ނުވަތަ ދެއްވަދުއަށް ދާން ޖެހޭ ސަބަބަކީ ކޮބައިތޯ. އެ ރީޒަން ރަށްރަށުގައި ކްރިއޭޓް ކުރަން އެބަޖެހޭ ރަށްތައް ޕްރޮމޯޓް ކުރަން."

"ތިމަންނަ ހުވަދުއަށް ދާން ޖެހޭ، ނުވަތަ ތިންމަންނަ ގެމަނަފުއްޓަށް ނުވަތަ ދެއްވަދުއަށް ދާން ޖެހޭ ސަބަބަކީ ކޮބައިތޯ. އެ ރީޒަން ރަށްރަށުގައި ކްރިއޭޓް ކުރަން އެބަޖެހޭ ރަށްތައް ޕްރޮމޯޓް ކުރަން. ރަށްރަށް ވަކި ކަންކަމަށް ހާއްސަ ވެއްޖެނަމަ ހުވަދޫ ޑެސްޓިނޭޝަނެއްގެ ގޮތުގައި މަޝްހޫރުވެގެން މިދަނީ،" ރައްޒާން ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ގއ. ކޮލަމާފުށި ކައިރީގެ ފަޅުރައްތައް ބައްލަވާލައްވަނީ-- ފޮޓޯ: މިހާރު

ޓޫރިޒަމް މިނިސްޓްރީން ގއ. ކޮލަމާފުށި ކައިރީގެ ފަޅުރައްތައް ބައްލަވާލައްވަނީ-- ފޮޓޯ: މިހާރު

ރައްޒާން ވިދާޅުވީ ބައެއް ރަށްތަކުގައި ހޯމް ސްޓޭ ފަށާއިރު އެކަށީގެންވާ ވަރުގެ ރީތި ބީޗެއް ނޯންނަ ކަމުގެ ޝަކުވާތައް ލިބޭ ކަމަށެވެ. ނަމަވެސް ބީޗެއް އޮތުމަކީ މުހިންމު ކަމެއް ނޫން ކަމަށާއި ކައިރި ފަޅުރައްތަކުގެ ބީޗުތައް ޓޫރިސްޓުންނަށް ވިއްކާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގއ. އަތޮޅަކީ މިފަދަ ރީތި ބީޗުތައް އޮންނަ ފަޅުރައްތައް ގިނަ އަތޮޅެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ރަށްތަކުގައި ޓޫރިސްޓުންނަށް ބީޗުގެ ބައެއް ހާއްސަ ކުރި ނަމަވެސް އާއްމުންގެ ބޭނުމަށް ބީޗުގެ ބައެއް ބާއްވަން އިސްކަން ދޭން ޓޫރިޒަމް މިނިސްޓްރީން އެދެ އެވެ. އަދި ރަށްތަކުގައި ޓޫރިސްޓުން އުޅެން ޖެހޭނެ އުސޫލެއް ކަނޑައަޅައި ކައުންސިލްތަކުން އެކަން ބެލުމަށް ޓޫރިސްޒަމް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.