ބ. ކިހާދުއްފަރު ރިސޯޓްގެ އެއްބަސްވުން ބާތިލްކޮށް، އެތަން ސަރުކާރަށް އަނބުރާ ނަގަން ފޮނުވާފައިވާ ނޯޓިސް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
19 އޮކްޓޯބަރ 2025
ބ. ކިހާދުއްފަރު ރިސޯޓްގެ އެއްބަސްވުން ބާތިލްކޮށް، އެތަން ސަރުކާރަށް އަނބުރާ ނަގަން ފޮނުވާފައިވާ ނޯޓިސް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
އަތަމާ މެރިން އިންޓަނޭޝަނަލަށް ކުއްޔަށް ދުކޮށްފައިވާ ކިހާދުއްފަރު ރިސޯޓްގެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން މިމަހުގެ ނުވަ ވަނަ ދުވަހު ނޯޓިސް ފޮނުވީ އެ ރިސޯޓް ހިންގަމުންދަނީ ޓޫރިޒަމާބެހޭ ގާނޫނާއި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ އެވެ.
ޝަރުތުތަކެއްގެ މަތިން އެ ރިސޯޓް ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސްގެ މުއްދަތު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ހަމަވި ނަމަވެސް، ކަންކަން ރަނގަޅު ކޮށްފައި ނުވާ ކަމަށް ބުނެ އެ ރިސޯޓް އަތުލަން މި މަހުގެ ނުވަ ވަނަ ދުވަހު ނޯޓިސް ފޮނުވާފައިވެ އެވެ.
މިނިސްޓްރީގެ ނޯޓިސްގައި ބުނެފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ހަތް ދުވަސް ފަހުން، އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމަކީ ބާތިލްވެފައިވާ އެއްބަސްވުމެއް ކަމުގައި ބަލާނެ ކަމަށެވެ. ނަމަވެސް، އަތަމާ ކުންފުނިން ބުނަނީ އެ ނޯޓިހަކީ އެއްބަސްވުމާ ހިލާފަށް ފޮނުވާފައިވާ ނޯޓިހެއް ކަމަށެވެ.
ބައެއް ކަންކަން އިސްލާހު ކުރަން މިނިސްޓްރީން ފޮނުވި ނޯޓިހާ ގުޅިގެން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ރިސޯޓް ބަންދުކޮށްގެން އެ ކުންފުނިން ދިޔައީ ކުރަމުން ކަމަށް ވެސް އަތަމާ އިން ވަނީ ބުނެފަ އެވެ. ނަމަވެސް، އެ މަސައްކަތް ކުރަމުން ދަނިކޮށް އެއްބަސްވުން ބާތިލްކުރަން މިނިސްޓްރީން ނިންމީ އުސޫލާ ހިލާފަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެހެންވެ، އެ މައްސަލާގައި ދައުވާ ކުރުމުގެ ކުރިން، އެ ނޯޓިހަށް އަމަލުކުރުން މަޑުޖައްސާލަން އެދި އަތަމާ ކުންފުނިން ވަނީ ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދިފަ އެވެ. އެކަމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ނެރުނު އަމުރުގައިވަނީ ޓޫރިޒަމް މިނިސްޓްރީން ފޮނުވި ނޯޓިހަށް އަމަލު ކުރުން ފަސްކުރުމަށާއި އެ ނޯޓިސް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރަން އަންގާ ކަމަށެވެ. އަދި ކިހާދުއްފަރާ ގުޅިގެން ތިން ވަނަ ފަރާތެއްގެ ހައްގު އުފަންވެދާނެ ކަމެއް ނުކުރުމަށް އެ އަމުރުގައި އަންގާފައިވެ އެވެ.
އެ އަމުރުގައިވާ ގޮތުން، 14 ދުވަހުގެ ތެރޭގައި މައްސަލައިގެ ދައުވާ އަތަމާއިން ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ.
ކިހާދުއްފަރު ރިސޯޓްގެ އެއްބަސްވުން ބާތިލްކުރި ނިންމުމަށް އަމަލުކުރުން ކޯޓުން ހުއްޓުވިއިރު، އެ ރިސޯޓް ހިންގަމުންދަނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް ކަމަށް ބުނެ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް މިދިޔަ އޮގަސްޓް މަހު ސަރުކާރުން ބުނެފައިވެ އެވެ.
އޭގެކުރިން ވެސް ކިހާދުއްފަރު ސަރުކާރަށް ނެގުމުގެ މަސައްކަތް ކުރި އެވެ. ކިހާދުއްފަރު ރިސޯޓް ހިންގާ ކުންފުނި އެ ރަށުން ފޭބުމަށާއި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓާއި ހައި ކޯޓުން އޭރު ހުކުމްކުރި އެވެ. ނަމަވެސް، އެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ފަހުން އެންގި އެވެ.
ފޮއްތެޔޮ ފަޅާ ގުޅޭ ދައުވާ ކޯޓުން ކުރިއަށް ނުގެންދިޔަ
ފޮއްތެޔޮ ފަޅު ކުއްޔަށް ދިނުން ކޯޓުން ނުހުއްޓުވި
ބޮޑުކާށިހުރާ ސަރުކާރުން އަތުލީ ރަނގަޅަށް: ސިވިލް ކޯޓް
ބޮޑުކާށިހުރާ ކުއްޔަށް ދިނުން ހުއްޓުވަން އަމުރެއް ނުދިން
ޒިޔަތުގެ އާއިލީ ކުންފުންޏަކަށް ދިން ފައިސާ ދައުލަތަށް
ދިއްފުށީ ފަޅުގެ މަސައްކަތް ހުއްޓުވީ ރަނގަޅަށް:ހައިކޯޓް
ކިހާދުއްފަރު ހިންގާ ކުންފުނި ބޭލުން ކޯޓުން ހުއްޓުވައިފި
ކިހާދުއްފަރު ހިންގާ ކުންފުނި ރަށް ދޫކޮށްލަންޖެހޭ: ކޯޓް
ކިހާދުއްފަރު ހިންގާ ކުންފުނި އެތަނުން ފައިބަން ޖެހިއްޖެ
ބީނާފުށި އެހެން ބަޔަކަށް ދިނުން ނުހުއްޓުވޭނެ: ކޯޓު