Roadha Mihaaru
ވެލެންސިއާ ބަލިކޮށް ޔޫވީން ސެމީގެ އުންމީދު އާކޮށްފި

ފަހަތުން އަރައި ވެލެންސިއާ ބަލިކޮށް ޔޫވީން ސެމީ ފައިނަލުގެ އުންމީދު އާކޮށްފި

28 ޖެނުއަރީ 2022

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ވެލެންސިއާއާ ވާދަކޮށް ފަހަތުން އަރައި މޮޅުވެ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ސެމީ ފައިނަލުގެ އުންމީދު މިއަދު އާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ވެލެންސިއާއާ ވާދަކޮށް ފަހަތުން އަރައި މޮޅުވެ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ސެމީ ފައިނަލުގެ އުންމީދު މިއަދު އާކޮށްފި އެވެ.

ވެލެންސިއާ އިން ލަނޑެއް ޖަހާފައި ކުރި ހޯދާފައި ވަނިކޮށް ޔޫވީން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. ޔޫވީން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ހޯދި ނަމަވެސް ވެލެންސިއއާގެ އަބްދުﷲ ފާސިރު ވަނީ 10 ވަނަ މިނިޓުގައި ލީޑު ނަގައިދީފަ އެވެ.

ޔޫވީން ފޮނުވާލި ގިނަ ހަމަލާތަކެއް ވެލެންސިއާގެ ކީޕަރު މުހައްމަދު އަތޫފް ރިފާއު ދިފާއުކޮށްފައި ވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒައިޝާން އަޝްރަފް ވަނީ ޔޫވީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަލީ މީސާގު އީސާ ވެލންސިއާގެ ދެ ކުޅުންތެރިން ކައިރިން ދެމިގަނެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޒައިޝާން ގޯލަށް ފޮނުވާލީ ފުންނާބުން ޖަހަ އެވެ.

ދެވަނަ ހާފު ފެށިގެ ހަތްވަނަ މިނިޓުގައި ޔޫވީ އަށް ލީޑު ނަގައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަބްދުއްރަހްމާން ތިބްޔާން އަލީ ސައީދެވެ. އަދި 73 ވަނަ މިނިޓުގައި ޔޫވީގެ ތިންވަނަ ލަނޑު ޖަހައިދިނީ ވެސް ޒައިޝާން އެވެ.

މި ލަނޑަށް ފަހު ވެލެންސިއާގެ ހުސެއިން އަޒުމީ އަށް ރެފްރީ އަފްޝީން ނަސީރު ރަތް ކާޑެއް ދައްކާފައި ވާއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށްވެފައި ވަނިކޮށް ޔޫވީން ދެވަނަ ހާފުގައި ކުޅެން އެރުވި މުހައްމަދު ރާއިފް ފަޒީލް އަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ފުރަތަމަ މެޗުގައި މަހިބަދޫ ސްޕޯޓްސް ކުލަބާ ވާދަކޮށް ޔޫވީން އެއްވަރުކުރި ނަމަވެސް މިއަދުގެ މޮޅާ އެކު ޔުނައިޓެޑް ވިކްޓަރީ ވަނީ ހަތަރު ޕޮއިންޓާ އެކު ގުރޫޕް ބީގެ އެއްވަނައަށް ޖެހިލައިފަ އެވެ. އަދި ބާކީ ދެ މެޗު އޮއްވައި ވެލެންސިއާ އަށް ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެ، މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމުގެ ދޮރު ބަންދުވެފަ އެވެ.

ދެވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބާއި ތިންވަނައިގައި އޮތް މަހިބަދޫ ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ 8:30 ގަ އެވެ.