Roadha Mihaaru
16 އަހަރުން ދަށުގެ ޗެމްޕިއަންކަން ވެލެންސިއާ ހޯދައިފި

16 އަހަރުން ދަށުގެ ޗެމްޕިއަންކަން ވެލެންސިއާ ހޯދައިފި

04 ޖުލައި 2022

ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 2-1 އިން ބަލިކޮށް ކްލަބް ވެލެންސިއާ، އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 2-1 އިން ބަލިކޮށް ކްލަބް ވެލެންސިއާ، އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.

ދިވެހި ޕްރިމިއާ ލީގުގެ އަށް ޓީމުގެ ޒުވާން ޓީމުތަކާ އެކު ބާއްވަން ނިންމި މުބާރާތުގައި ކްލަބް ގްރީން ސްޓްރީޓްސް އެންމެ ފަހު ވަގުތު ބައިވެރި ނުވާން ނިންމުމުން، މުބާރާތް ކުރިއަށް ގެންދިޔައީ ހަތް ޓީމާ އެކު އެވެ.

ވެލެންސިއާ ވަނީ ގުރޫޕް ސްޓޭޖުގައި ދަ ގްރާންޑޭ ސްޕޯޓްސް އާއި ކްލަބް އީގަލްސް ކައިރިން ވެސް މޮޅުވެ، ސެމީ ފައިނަލުގައި 6-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލި ކޮށްފަ އެވެ. އެޓީމުން ވަނީ މުބާރާތުގައި ކުޅުނު ޖުމްލަ ހަތަރު މެޗުން 19 ލަނޑު ޖަހައިފަ އެވެ. ބައިކޮޅަށް ތިން ލަނޑު ވަދެފައި ވެއެވެ.

ޔުނައިޓެޑް ވިކްޓަރީ ވަނީ ހަތަރު ޓީމު ވާދަކުރި ގުރޫޕްގެ ފުރަތަމަ މެޗުން އެއްވަރު ވެފަ އެވެ. ނަމަވެސް ފަހު ދެ މެޗް ކާމިޔާބު ކޮށްގެން ގުރޫޕްގެ އެއްވަނަ ހޯދައި، ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ފަސޭހަ ކަމާ އެކު 4-0 އިން ކްލަބް އީގަލްސް ބަލިކޮށްފަ އެވެ. އެޓީމު ކުޅުނު ފަސް މެޗުން ވަނީ 15 ލަނޑު ޖަހައިފަ އެވެ. އަދި ބައިކޮޅަށް ވަނީ ހަތަރު ލަނޑު ވަދެފަ އެވެ.

ކްލަބް ވެލެންސިއާ އާއި ޔޫވީ ބައްދަލުކުރި ފައިނަލް މެޗުގައި ވެލެންސިއާގެ ހުސެއިން އާއިޝް އަބްދުލް ވާހިދު ބޯޅަ ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކްލަބް ވެލެންސިއާ އާއި ޔޫވީ ބައްދަލުކުރި ފައިނަލް މެޗުގައި ވެލެންސިއާގެ ހުސެއިން އާއިޝް އަބްދުލް ވާހިދު ބޯޅަ ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލީޑު ވެސް ނެގީ ވެލެންސިއާ އެވެ. އެޓީމުގެ މުހައްމަދު އައިހަމް އިބްރާހިމް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެއް ފޮނުވާލަން ދިޔައީ، އަގްސަން އަހުމަދު ނަސީމް އެވެ. އަގްސަން ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު، އާރިޒް ބިން ޝާހިދު ދިފާއު ކުރި ނަމަވެސް، އަގްސަން ވަނީ ރީބައުންސް ވެގެން އައި ބޯޅަ ގޯލަށް ފޮނުވާލައިގެން ލީޑު ހޯދައިދީފަ އެވެ. މިއީ އަގްސަން މުބާރާތުގައި ޖެހި ހަވަނަ ލަނޑެވެ.

އަގްސަންގެ ލަނޑުން ވެލެންސިއާ ލީޑުގައި އޮވެގެން ފުރަތަމަ ހާފް ނިންމާލި އިރު، ދެވަނަ ހާފުގައި އަގްސަން އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅުނު ވެލެންސިއާ އަށް މި ހާފްގައި ލީޑް ފުޅާ ކޮށްދިނީ މުހައްމަދު އައިހަމް އިބްރާހިމް އެވެ. އައިހަމް ވަނީ ގުރޫޕް ސްޓޭޖުގައި ދަ ގްރާންޑޭ ކޮޅަށް ލަނޑެއް ޖަހައި، ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކޮޅަށް ދެ ލަނޑު ޖަހައިފަ އެވެ.

ވެލެންސިއާ އިން ދެ ގޯލުގެ ލީޑެއް ނެގިތާ ދެ މިނިޓް ފަހުން ޔުނައިޓެޑް ވިކްޓަރީގެ މުހައްމަދު ރަޒާން ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްދިން ނަމަވެސް، ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވި އެވެ. އެއްވަރުކުރަން ލިބުނު ފުރުސަތުގައި ޔުނައިޓެޑް ވިކްޓަރީގެ މުހައްމަދު އަރުޝަދު ސަލީމް ފޮނުވާލި ބޯޅަ، ވެލެންސިއާގެ ކީޕަރު އަބްދުﷲ ރަޒީފް ވަނީ ދިފާއު ކޮށްފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިއާ ޖެހި ދެ ލަނޑުގައި ވެސް ހިއްސާވި، އައިހަމް އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ، ހަ ލަނޑު ޖެހި ވެލެންސިއާގެ އަގްސަން އެވެ. އެންމެ މޮޅު ކޯޗަކަށް ވެލެންސިއާގެ އާދަމް އަބްދުއްލަތީފް (ލައްޗޭ) ހޮވުނު އިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ވެލެންސިއާގެ، ގޯލްކީޕަރު ރަޒީފް، އަގްސަން، މުހައްމަދު ޖޫދު އަޝްފާގު، އަހުމަދު ހަމްދާން އަޒްލީން، ޔޫސުފް ނާމިކް އަލީ ނަސީރު، ޔުނައިޓެޑް ވިކްޓަރީގެ އަހުމަދު އަޒުލާން އަލީ، މުހައްމަދު އުނައިޝް ބިން ނޫހު، ރަޒާން، އަހުމަދު އަލްތަފް އަޒީމް، ޓީސީގެ ޔޫސުފް އާއިޝް މުހައްމަދު އަދި އީގަލްސްގެ އަޝްހަމް އިބްރާހިމް މުހައްމަދެވެ.

އެފްއޭއެމުން މިއަހަރު މުޅިން އަލަށް 16 އަހަރުން ދަށަށް އަމާޒު ކޮށްގެން ޔޫތު ޗެމްޕިއަންޝިޕް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ، އަންނަ އޮކްޓޫބަރު މަހު ސައުދީ އަރަބިއްޔާގައި އޮންނަ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ގައުމީ ޒުވާން ޓީމު އެކުލަވާލުމެވެ.

ސައުދީ އަރަބިއްޔާ އާއި ރާއްޖެއާ އެކު ކޮލިފައިންގެ އެއް ގުރޫޕެއްގައި ދެން ހިމެނެނީ އިންޑިއާ އާއި މިޔަންމާ އަދި ކުވެއިތެވެ.