Roadha Mihaaru
ޔ. ވިކްޓަރީ ބަލިކޮށް ވެލެންސިއާ ހަތަރު ވަނަ އަށް

ޔޫތު ޗެމްޕިއަންޝިޕް: ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ވެލެންސިއާ ހަތަރު ވަނަ އަށް

11 އޮކްޓޯބަރ 2016

ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު 1-0 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ވެލެންސިއާ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު 1-0 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ވެލެންސިއާ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ވެލެންސިއާ ލީގުގެ ހަތަރު ވަނަ އަށް ޖެހިލީ ހަތް މެޗުން 10 ޕޮއިންޓް ހަމަކޮށްގެންނެވެ. މި މެޗުން މޮޅުވި ނަމަވެސް ވެލެންސިއާ އަށް ސެމީ ފައިނަލުގެ ޖާގައެއް އަދި ނުލިބެ އެވެ. މިއަދު ހަވީރު ލީގުގެ ފަސް ވަނައިގައި މިވަގުތު އޮތް ވިކްޓަރީ އާއި ހަ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ވެލެންސިއާ ކަޓާނެ އެވެ. ވެލެންސިއާ އަށް ސެމީގެ ޖާގަ ލިބޭނީ އެ މެޗު އެއްވަރުވެއްޖެނަމަ އެވެ.

ވިކްޓަރީ ލީގުގެ ފަސް ވަނައިގައި ހަ މެޗުން ނުވަ ޕޮއިންޓާ އެކު އޮތްއިރު، ނިއު އަށް ލިބިފައިވަނީ ހަ މެޗުން އަށް ޕޮއިންޓެވެ. ޔުނައިޓެޑް ވިކްޓަރީ މުބާރާތް ނިންމާލީ ކުޅުނު ހަތް މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ލީގުގެ އަށް ވަނައިގަ އޮވެ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ވެެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔޫތު ޗެމްޕިއަންޝިޕްގައި ވެެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެންވޭރު ދަނޑުގައި ކުޅުނު މެޗުގައި ވެލެންސިއާގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ އިސްމާއިލް ޒާން އާމިރު އެވެ.

ލީގުގެ އެއް ވަނަ ޓީސީ ހޯދާފައިވަނީ ހަތް މެޗުން 17 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އީގަލްސް އޮތީ ހަތް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ފުރަތަމަ ސެމީގައި ކުޅޭނީ މި ދެ ޓީމެވެ. ދެ ވަނަ ސެމީގައި މާޒިޔާއާ ބައްދަލުކުރާ ޓީމެއް އެނގޭނީ މިއަދުގެ މެޗަށް ފަހު އެވެ.

ފުރަތަމަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމު ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީގައި ލީގު ބުރުގެ ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެމީ އާއި ފައިނަލު މެޗު އޮންނާނީ ގަލޮޅު ދަނޑުގަ އެވެ.

ވިކްޓަރީ އާއި ނިއު ރޭޑިއަންޓް ކުޅޭ ލީގު ބުރުގެ ފަހު މެޗު ފަށާނީ މިއަދު ހަވީރު 15:50ގަ އެވެ.