Roadha Mihaaru
ކޮމަންޑޫގައި ޖޫނިއާ ކޮލެޖް ފެންވަރުގެ ތަނެއް ހަދާނަން: ނާޒިމް

ކޮމަންޑޫގައި ޖޫނިއާ ކޮލެޖް ފެންވަރުގެ ތަނެއް ހަދާނަން: ނާޒިމް

01 ފެބުރުއަރީ 2022

ށ. ކޮމަންޑޫގައި ޖޫނިއާ ކޮލެޖް ފެންވަރުގެ ތައުލީމީ މުއައްސަސާއެއް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ށ. ކޮމަންޑޫގައި ޖޫނިއާ ކޮލެޖް ފެންވަރުގެ ތައުލީމީ މުއައްސަސާއެއް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްއެންޕީގެ ޓިކެޓްގައި ވާދަކުރައްވާ އަބްދުލް ހަންނާން އިދުރީސްގެ ކެމްޕެއިން ޖަލްސާގައި ނާޒިމް ވިދާޅުވީ، ށ. އަތޮޅަކީ ވަރަށް ކުރިއްސުރެ ތައުލީމީ އަތޮޅެއް ކަމަށާއި އެ އަތޮޅުގެ މިހާރުގެ ހާލަތާ މެދު މީހުންގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. ސަބަބަކީ އަތޮޅުގައި ނުވަތަ ރަށުގައި ތިބެގެން ކުދިންނަށް މަތީ ތައުލީމު ހާސިލް ކުރެވޭނެ ފުރުސަތު ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވިގޮތުގައި، ހަންނާންގެ ކެމްޕެއިންގެ ތެރެއިން ވެސް ކޮމަންޑޫ ދާއިރާގެ މީހުންގެ އެންމެ ބޮޑު އުދާހަކަށް ފާހަގަކުރެއްވުނީ މަތީ ތައުލީމު ހޯދުމަށް މާލެ އަށް ހިޖުރަކުރަން ޖެހުމެވެ. މާލެ އަށް އާއިލާތައް އައިސް ކުދިން ގޮވައިގެން، ކުޑަކުޑަ ތަންތަންކޮޅުގައި ވަރަށް ދަތި ހާލުގައި އުޅޭ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ ހާލަތު ބަދަލު ކޮށްދޭން އަޅުގަނޑުމެން ބޭނުން ވަނީ. ކޮމަންޑޫގެ ތައުލީމުގެ ވާހަކަ ދައްކާއިރު ވަރަށް ރަނގަޅު ތައުލީމީ ނިޒާމެއް [ކުރިން] އޮތް ރަށެއް [މިއީ]. އެހެން ނަމަވެސް ރަށުގައި މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ނެތުމުގެ ސަބަބުން މިހާރު ގިނަ އަދަދެއްގެ ބަޔަކު ތިބީ ހިޖުރަކޮށް މާލޭގައި،" މާލޭގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވި އެވެ.

ރޭ މާލޭގައި ބޭއްވި އެމްއެންޕީގެ ކެންޑިޑޭޓް ހަންނާންގެ ކެމްޕެއިން ޖަލްސާގައި (ކ-ވ) އެ ޕާާޓީގެ ރައީސް ނާޒިމް، ހަންނާން އަދި އެމްއެންޕީގެ ނައިބު ރައީސް ރިޔާޒް.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ރޭ މާލޭގައި ބޭއްވި އެމްއެންޕީގެ ކެންޑިޑޭޓް ހަންނާންގެ ކެމްޕެއިން ޖަލްސާގައި (ކ-ވ) އެ ޕާާޓީގެ ރައީސް ނާޒިމް، ހަންނާން އަދި އެމްއެންޕީގެ ނައިބު ރައީސް ރިޔާޒް.---ފޮޓޯ: ނިޝާން އަލީ/ މިހާރު

"އޭގެ ތެރެއިން ވަރަށް ގިނަ މީހުން އުޅޭ ތަންތަނަށް އަޅުގަނޑުމެން ދިޔައިން. އެ ބޭފުޅުންގެ އެންމެ ބޮޑު ޝަކުވާ އަކީ ތައުލީމުގެ ވާހަކަ."

ނާޒިމް ވިދާޅުވީ، ބޭނުންވަނީ ދަރިންނަށް ތައުލީމު ދޭން ބެލެނިވެރިން މާލެ އަށް ހިޖުރަކުރަން ނުޖެހޭ ފަދަ ހާލަތެއް ގެނައުން ކަމަށެވެ.

އެހެންވެ ހާލަތު ބަދަލު ކޮށްދޭން އަޅުގަނޑުމެން ބޭނުން ވަނީ. ކޮމަންޑޫގެ ތައުލީމުގެ ވާހަކަ ދައްކާއިރު ވަރަށް ރަނގަޅު ތައުލީމީ ނިޒާމެއް [ކުރިން] އޮތް ރަށެއް [މިއީ]. އެހެން ނަމަވެސް ރަށުގައި މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ނެތުމުގެ ސަބަބުން މިހާރު ގިނަ އަދަދެއްގެ ބަޔަކު ތިބީ ހިޖުރަކޮށް މާލޭގައި،"--- ނާޒިމް

"އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުމަކަށް ވެފައި އޮތީ ކޮމަންޑޫގެ ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް ގެނައުން. އަޅުގަނޑުމެންގެ ވިސްނުމަކީ އެ ތަނުގެ ތައުލީމީ ނިޒާމަށް ބަދަލު ގެނެސް އެ ތަނުގައި ޖޫނިއާ ކޮލެޖް ފެންވަރުގެ ތަނެއް ހަދައި ރައްޔިތުން އެނބުރި ރަށަށް ދިއުމަށް މަގުފަހިކޮށް ދިނުމަށްޓަކައި މަސައްކަތްކުރުން. އެކަން އަޅުގަނޑުމެން ކާމިޔާބުކުރާނަން." ނާޒިމް ވިދާޅުވި އެވެ.

ބައި އިލެކްޝަނަށް ވާދަކުރައްވާ ހަންނާން ވެސް ރޭގެ ޖަލްސާގައި ވިދާޅުވީ، އެ ކޮމަންޑޫ ދާއިރާގެ ރައްޔިތުން އެންމެ އެދޭ އެއް ކަމަކީ މަތީ ތައުލީމު އެ ދާއިރާފައި ތިބެގެން ހޯދޭނެ ގޮތްވުން ކަމަށެވެ. އެހެންވެ މަޖިލީހަށް އޭނާ އިންތިހާބުވެވަޑައިގެންފި ނަމަ އެކަމަށްޓަކައި ދަރިވަރުންނާއި ޒުވާނުންގެ ހައްގުގައި ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވިގޮތުގައި، ކޮމަންޑޫ ދާއިރާގެ މީހުން އެދޭ ފަދަ ބަދަލުތަކެއް ގެނެސްދެވޭ ފެންވަރުގެ ހަމައެކަނި ކެންޑިޑޭޓަކީ ހަންނާނެވެ. އެހެންވެ އިގްތިސާދީ ގޮތުން ވެސް ފުދުންތެރި، ފުރުސަތުތައް ފަހި ތަނަކަަށް ކޮމަންޑޫ ދާއިރާ ހެދުމަށް ހަންނާނަށް ކޮންމެހެން ވެސް ވޯޓް ދޭންޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންވެ، އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.