ރިޔާސީ އިންތިހާބެއްގެ ކެމްޕޭނަށް ވުރެން ކޮމަންޑޫ ދާއިރާގައި ފޯރިގަދަ އެވެ؛
19 ޖެނުއަރީ 2022
ރިޔާސީ އިންތިހާބެއްގެ ކެމްޕޭނަށް ވުރެން ކޮމަންޑޫ ދާއިރާގައި ފޯރިގަދަ އެވެ؛
އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯއްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮމަންޑު އަށް އެއްފަހަރު ވަޑައިގެންފި އެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނާ އެކު އެމަނިކުފާނުގެ ދަތުރުފުޅެއް އަންނަ މަހުގެ 5ގައި އޮންނަ ބައި އިލެކްޝަނުގެ ކުރިއަށް އަދިވެސް ޝެޑިއުލްކޮށްފައި އެބައޮތެވެ. މިއީ، ކެންސަރު ބަލީގައި އަވަހަރާވި ހުސެއިން ވަހީދު ފުރުއްވި އެ ގޮނޑި އެމަނިކުފާނަށް މުހިއްމު ވަރެވެ.
އޭގެ ކުރިން ވެސް ސަރުކާރުގެ ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނާއި އެމްޑީޕީގެ އިސް ބޭފުޅުން އެ ތިއްބެވީ ދޮރުން ދޮރަށް ހިންގެވުމުގައި ކޮމަންޑޫ ދާއިރާގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހުންނެވީ މި ސަރުކާރަށް ދޫ ނުދެއްވައި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ ހޮވަން ކެމްޕޭނަށް ނުކުމެވަޑައިގެންފަ އެވެ. މިއީ، އިދިކޮޅު ލީޑަރެއްގެ ގޮތުގައި މި ސަރުކާރުގައި މިހާ ހަރަކާތްތެރިކޮށް އެމަނިކުފާނަށް ކޭމްޕޭނަކަށް ނުކުންނެވުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. ޕީޕީއެމްގެ ޓީމުތައް ވެސް އެ ދާއިރާގެ ތިން ރަށުގައި އެބަތިއްބެވެ. އިންތިހާބު އިއުލާންކުރުމާ އެކު އެންމެ ކުރިން ފެށި އެމްއެންޕީގެ މުޅި ލީޑަޝިޕް ވެސް ވަރުބަލިކަމެއް ނެތި ގެންދަވަނީ އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެންމެ ގާބިލް، ދާއިރާއަށް ކަމެއް ކޮށްދެއްވޭނީ އެ ޕާޓީގެ ކެންޑިޑޭޓް އަބްދުލް ހަންނާނަށް ކަމުގެ ޔަގީންކަން ދެއްވުމަށެވެ.
ކޮމަންޑޫ ދާއިރާގެ ތިން ރަށް، ކޮމަންޑު އާއި ފޯކައިދޫގެ އިތުރުން މަރޮށީގައި ކުއްލިއަކަށް ބައެއް މަޝްރޫއުތައް ފަށައިފި ކަމަށް ތުހުމަތުކުރެ އެވެ. މާ ފަހުގެ ތާރީހުތަކެއްގައި ފަށަން ހުރި ބައެއް ޕްރޮޖެކްޓްތަކުގެ ސްޕީޑް ވެސް އަވަސްކޮށްފި ކަމަށް ވެސް ބުނެ އެވެ. އޭގެތެރޭގައި އެތައް އަހަރުތަކެއް ވަންދެން ކޮމަންޑޫ ރައްޔިތުން އާދޭސްކުރި މަތިކޮމަންޑޫ ގުޅާލުން ހިމެނެ އެވެ. ބޯޅަ ދަނޑުތަކާއި ބަނދަރުތައް ތަރައްގީ ކުރުމާއި ދެން ވެސް ނުވެ ހުރި ކަން ކަމަށް ތާރީހުތަކެއް ވެސް ދެނީ އެވެ. އެކަމަކު ސަރުކާރުން ބުނަނީ މިއީ މާ ކުރިން ވެސް ފަށަން ޕްލޭންކޮށްފައި ހުރި ކަންކަން ކަމަށެވެ. އިންތިހާބުގެ މާ ކުރިން ވެސް އެ ދާއިރާގައި ހިނގި މަޝްރޫއުތަކުން އެކަން އެނގޭނެ ކަމަށެވެ.
ވެރިކަމުގައި އޮންނަ އިރު، އިންތިހާބު ކާމިޔާބު ކުރަން ދައުލަތުގެ މުދަލާއި ވަސީލަތްތައް އަދި ނުފޫޒު ބޭނުންކުރާނެ ކަން މި ސަރުކާރުން ވެސް ދަނީ ދައްކަމުންނެވެ. މި މައްސަލައިގައި ކުރިން ޕީޕީއެމާ ދިމާލަށް އަމާޒުކުރި ފާޑުކިއުންތަކުގެ މަތިން ހަނދާން ހުރި ހެނެއް ވެސް ހިއެއް ނުވެ އެވެ.
ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕޭންގައި ޔާމީން އެ ދާއިރާގެ ރައްޔިތުންތަކަކާ އެކު. -- ފޮޓޯ/ ޕީޕީއެމް
ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ކޮމަންޑޫ ދާއިރާއާ މާ ގިނައިން ޔާމީން ވަޑައިނުގަތަސް ނެތަސް އެންމެ ގޮނޑިއަކަށްޓަކައި ކެމްޕޭނެއްގައި މިހާ ބިޒީކޮށް އެމަނިކުފާނު ވެސް އުޅުއްވި ތަނެއް ނުފެނެ އެވެ. ޕީޕީއެމްގެ ވެރިކަމެއް 2023 ގައި އަތުވެއްޖެ ނަމަ އެ ދާއިރާ އަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރުން ބައެއް ވެސް މިހާރު ހިއްސާކުރައްވައިފި އެވެ. ބޮޑު އެއް ވައުދަކީ ކޮމަންޑޫ ކައިރީގައި އެއާޕޯޓެއް އަޅާނެ ކަމަށް މި ސަރުކާރުން ދެއްކި ހުވަފެން ޕީޕީއެމުން ހަގީގަތަކަށް ހަދައިދީ، އެއާޕޯޓް ދިގުވެލިދޫގައި އަޅައިދެއްވުމެވެ. އެކަމަކު ދިގުވެލިދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން މި ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.
އެމްއެންޕީން ރައްޔިތުންނަށް ވިސްނައިދެމުން އަންނަނީ މި ސަރުކާރުން އެ ދާއިރާ އަށް ހައްގު މިންވަރު ހޯދައި ނުދެވޭ ކަމެވެ. އަސާސީ ހިދުމަތްތަކާ ދުރުގައި ތިބި އެ ރައްޔިތުން ފުދުންތެރިކުރުވޭނީ އަދި ގާތުން މަސައްކަތް ކޮށް އަޑުއުފުލޭނީ އެ ޕާޓީ އަށް ކަމުގެ ޔަގީންކަން ވެސް އެބަދެ އެވެ.
ކެމްޕޭންގެ ވާދަވެރިކަން ބޮޑުކަމުން، ހަމަ ހަގީގަތުގައި ވެސް މި އުޅެނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން މުހިއްމު ވެގެންތޯ ނުވަތަ ދާއިރާއަށް ކުރިއެރުންތަކެއް ހޯދައި ދިނުމުގެ ނިޔަތެއް އޮވެގެންތޯ ވެސް ސުވާލު އުފެދެ އެވެ.
މި ކެމްޕޭނުގައި ހިންގާ ކަންކަން ބަލަން ދުރުގައި ތިބި މީހުންނަށް ފެންނަ މަންޒަރު ތަފާތެވެ؛ އެ ދާއިރާގެ ރައްޔިތުންގެ މުހިއްމުވެގެން ކުރިއެރުން ހޯދައިދޭން ދައްކާ ވާހަކަތަކުގެ ފަހަތުގައި ފޮރުވިފައި އެހެން ކަމެއް އެބައޮތެވެ. ކޮންމެ ބަޔަކުު ވެސް ސިޔާސީ މޮޅެއް ހޯދުމެވެ.
ކުއްލިއަކަށް މަޝްރޫއުތައް ވުޖޫދުކުރުމާއި ވެރިކަންތަކުގެ އިހުމާލުން ނުވެ ހުރި އެވެނި މިވެނި ކަމަކަށް ވަމުންދާ ވައުދުތަކާއި މިހާރުގެ ސަރުކާރަށް ކަމެއް ނުވާ ކަމަށް ދައްކާ ވާހަކަތަކުން ސާފުވާން ވެސް އޮތީ އެ ކަމެވެ.
އެމްޑީޕީގެ ކެންޑިޑޭޓު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ އެމްޑީޕީ
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ ތިން ޕާޓީއަށް ވެސް ސިޔާސީ ގޮތުން ކުރިމަތިވާ ވަރަށް ބޮޑު ޓެސްޓެކެވެ. މި އިމްތިހާނުން އެނގޭނީ ތިން ފިކުރެއްގެ ތާއީދު ރައްޔިތުންގެ މެދުގައި އޮތް މިންވަރެވެ. ކެމްޕޭންގައި މިހާރު އެ ފެންނަނީ މި ތާއީދު އޮތީ އެ ބައަކަށް ކަން ދެއްކުމަށް ރައްޔިތުންގެ ކުރިމަތީގައި ވާން ޖެހޭ ގުރުބާނީތަކެވެ.
ދައުރުގެ މެދުތެރެއިން ބާއްވާ މި އިންތިހާބު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ގެއްލިއްޖެ ނަމަ މެސެޖް ވަރަށް ސާފުވީ އެވެ. އެއީ، ކޮމަންޑޫ ދާއިރާގެ ގޮނޑިއާ އެކު މަޖިލީސް އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކުރި ޕާޓީއަށް ދާއިރާގެ ތާއީދެއް މިހާރު ނެތް ކަމެވެ. ކިތަންމެ ގިނަ މަޝްރޫއުތަކެއް އެ ދާއިރާގައި ހިންގިއަސް ހިތްހަމަނުޖެހުން އޮތް ކަމެވެ. މި ބައި އިލެކްޝަނަށްޓަކައި ވީ ވައުދުތައް ވެސް ފުއްދާނެ ކަމުގެ އިތުބާރު ނެތް ކަމެވެ.
ވޭތުވެދިޔަ ތިން ދައުރު އެމްޑީޕީން ކޮންޓްރޯލްކުރި ކޮމަންޑޫ ދާއިރާ މި ފަހަރު ޕީޕީއެމަށް ކަށަވަރުވެއްޖެ ނަމަ ތާރީހް ބަދަލުވީ އެވެ. އަދި އެއީ އެ ޕާޓީއަށް ސިޔާސީ ގޮތުން ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ޕާޓީގެ ވަަރަށް ބޮޑު ކާމިޔާބީއަކަށް ވެސް ވާނެ އެވެ.
ޕީޕީއެމަށް މި އިންތިހާބު މުހިއްމު ވަނީ ރައީސް ޔާމީނާ އެކު އެ ޕާޓީގެ ތާއީދު ބޮޑުވެފައި އޮތް ކަން ހާމަކުރުމަށެވެ. ރިޔާސީ އިންތިހާބާއި ވިދިގެން އައި އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވިޔަސް ކައުންސިލް އިންތިހާބަށް ފަހު އެ ޕާޓީ ކުރިއަރަމުން އަންނަ ކަން ވެސް ރައްޔިތުންނަށް ދައްކައި ދިނުމަށެވެ. މި ގޮނޑި ކާމިޔާބުވުމަކީ ރިޔާސީ އިންތިހާބަށް އަރާ ފުރަތަމަ ސިޑި ކަމަށް އެ ޕާޓީން ދެކެ އެވެ.
ރިޔާސީ އިންތިހާބެއް ވަގުތުން ބޭއްވިޔަސް އެ ޕާޓީން ކާމިޔާބުކުރާނެ ކަމަށް ހަރު އަޑުން ދައްކާ ވާހަކައަށް ބާރުދޭން ވެސް މި އިންތިހާބު ކާމިޔާބުކުރުން އެ ޕާޓީއަށް މުހިއްމެވެ.
ލީޑަރުންގެ ފަހަތުގައި ވަށައި އެނބުރޭ އެމްޑީޕީ އާއި ފީޕީއެމްގެ ފިކުރު ނޫން ގޮތެއް ރައްޔިތުންނަށް ހޯދައިދޭން އުފައްދައި ކުރު މުއްދަތެއްގައި އެހެން ސިޔާސީ ޕާޓީތަކާ އެއް ސަފަކަށް އަރާ ހަމަވި އެންއެންޕީއަށް މިއީ އެ ޕާޓީން ވާދަކުރާ ފުރަތަމަ ގައުމީ އިންތިހާބެވެ. އެ ޕާޓީން ޕްރޮމޯޓްކުރާ ގައުމީ ފިކުރަށް އެ ދާއިރާގެ ރައްޔިތުންގެ އިތުބާރު އޮތްތޯ އެނގިގެންދާނެ އެވެ.
ކޮމަންޑޫ ދާއިރާގައި އެމްއެންޕީން ކެމްޕެއިން ކުރަނީ-- ފޮޓޯ/އެމްއެންޕީ
އެ ޕާޓީއަށް މި ގޮނޑި ކާމިޔާބުވެއްޖެ ނަމަ މިއީ ސިޔާސީ މައިދާނުގައި ޕާޓީ ކުރިއަރަން ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ އެވެ. ރާއްޖޭގައި ބޮޑު ދެ ފިކުރުގެ މައްޗަށް ކުރި ހޯދުނީ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ވަގުތީ ލިސްޓުގައިވާ ގޮތުން ފޯކައިދު އާއި މަރޮށި އަދި ކޮމަންޑޫން 3،000 އަށް ވުރެން ގިނަ މީހުންނަށް މި ދާއިރާއިން ވޯޓު ލުމުގެ ހައްގު ލިބިގެންނެވެ.
އެއީ، ކޮމަންޑޫން 1،409 އާއި ފޯކައިދޫން 1،204 އާއި މަރޮށިން 703 މީހުންނަށެވެ.
ކޮމަންޑޫ ދާއިރާގެ ކެމްޕޭންގައި އުޅުއްވާ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ކޮމަންޑޫގައި ޕީޕީއެމް އާއި އެމްޑީޕީގެ ވާދަވެރިކަން ބޮޑެވެ. އެއާއެކު އެންއެންޕީން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަށް އެ ރަށުގައި ތާއީދު ބޮޑު ކަމަށެވެ.
އިންތިހާބުގެ ނަތީޖާއަށް ބަލާއިރު އެމްޑީޕީއަށް އެންމެ ގިނަ ވޯޓު އެ ދާއިރާ އިން މިހާތަނަށް ލިބިފައި އޮތީ ފޯކައިދޫންނެވެ. އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި މަރޮށީގައި ވެސް ޕީޕީއެމާއި އެމްޑީޕީން ހޯދި ވޯޓުގެ މާ ބޮޑު ތަފާތެއް ނެތެވެ.
މި ދާއިރާގެ ވޯޓުތަކުން ފެންނަ ގޮތުގައި ނަތީޖާ ކޮންމެ ގޮތަކަށް ވެސް ބަދަލުވުމުގެ ފުރުސަތު މި އިންތިހާބުގައި އެބަ އޮތެވެ. ގޮތް ނިންމާނީ ދާއިރާގެ ރައްޔިތުންނެވެ. އިންތިހާބުގެ މޫސުންތަކުގައި އޮއްސާލާ ސަރުކާރުން ވައުދުތަކަށް ރައްޔިތުން މިހާރު ފަރިތަ އެވެ. އޭރެއްގައި އޮންނަ ސަރުކާރަކަށް އިދިކޮޅުން އިލްޒާމް އަޅުވަނީ ކީއްވެކަން ވެސް އެނގެ އެވެ.
ވޯޓުދޭން ޖެހޭނީ ވަކި ޕާޓީއަކަށް ނޫނެވެ. ގާބިލް، އިންތިހާބުކުރި މަގްސަދު ހަނދާން ނައްތާނުލާނެ ކަމުގެ ޔަގީންކަން އޮތް ކެންޑިޑޭޓަކަށެވެ. އެ ހިސާބަށް ދާންވާއިރަށް ވެސް އެ ދާއިރާއިން ފެންނަން އޮތީ ވާދަވެރި ކެމްޕޭނެކެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބު ރާޝިދަށް
ހަގީގަތުގައި މޮޅުވީ ކޮން ބައެއް؟
މިވަރުގެ ވާދައެއް، ފޯރިއެއް މި ރަށް ނުދެކޭ!
ކަމެއް ނުކޮށްދީ، ގޮނޑި ނަގަން އުޅޭލެއް ހުތުރު:ފަތުހީ
ވޯޓުލާގަޑި މަޝްވަރާއެއް ނެތި އިތުރުކުރީ ނުފޫޒު ފޯރުވަން
ދެ ބައި އިލެކްޝަނުން ވެސް އެމްޑީޕީ އަށް ނާކާމިޔާބު
އެމްޑީޕީއަށް ތާއީދު ނެތްކަން ސާފުވެއްޖެ: ފަތުހީ
އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ހުއްޓުވޭނެ ގޮތެއް ނެތް
10 ޝަކުވާއެއް ހުށަހެޅި، ސީރިޔަސް މައްސަލައެއެއް ނެތް
އޮފިޝަލުންނަށް ތުހުމަތާ އެކު ފޯކައިދޫގައި ހަމަނުޖެހުން