Roadha Mihaaru
ނުފޫޒުނުފޯރުވޭ ގޮތަށް ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭ

އިންތިހާބުން އެނގުނީ ނުފޫޒާ ނުލައި އިންތިހާބު ބާއްވަން ގާނޫނު ބަދަލުކުރަން ޖެހޭކަން: އެމްއެންޕީ

05 ފެބުރުއަރީ 2022

މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ހާމަވި އެއް ކަމަކީ ނުފޫޒެއް ނެތި އިންތިހާބުތައް ބާއްވަން ހުރި ގޮންޖެހުންތައް ގިނަ ކަމާއެކު، އެ މައްސަލަ ހައްލުކުރުމަށް އިންތިހާބުތަކާ ގުޅޭ ގާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭކަން ކަމަށް އެންމެ ފަހުން އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވަގުތީ ނަތީޖާ ދައްކާ ގޮތުން، މި ވާދަވެރި އިންތިހާބު 1،401 ވޯޓުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އެމްއެންޕީގެ އަބްދުލް ހަންނާނަށް ހޯއްދެވުނީ 323 ވޯޓެވެ.

ރާޝިދު ހޯއްދެވި ކާމިޔާބީ އަށް މަރުހަބާ ކިޔައި، އެމްއެންޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި އިންތިހާބުގައި އެ ޕާޓީ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނަސް، އިންތިހާބުތަކަށް ނުފޫޒު ފޯރުވަން އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިމަގުގައި އެމްއެންޕީން ކުރާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނީ، ރާއްޖޭގައި ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެސީއާއެކު، ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާތާ 15 އަހަރުވީ އިރު، ރައްޔިތުން އެދޭ ތަރައްގީ އާއި ފުދުންތެރިކަން އަދިވެސް ނުލިބޭ ކަމަށާއި އެ ޕާޓީން މަސައްކަތް ކުރާނީ އެކަން ބަދަލުކުރުމަށް ކަމަށެވެ.

އެމްއެންޕީގެ ކެމްޕެއިން ޖަލްސާއެއްގައި އެ ޕާޓީގެ ކެންޑިޑޭޓް ހަންނާން ވާހަކަ ދައްކަވަނީ: އޭނާ އަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ހޯއްދެވުނީ 323 ވޯޓު.

އެމްއެންޕީގެ ކެމްޕެއިން ޖަލްސާއެއްގައި އެ ޕާޓީގެ ކެންޑިޑޭޓް ހަންނާން ވާހަކަ ދައްކަވަނީ: އޭނާ އަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ހޯއްދެވުނީ 323 ވޯޓު.

"ފުދުންތެރި ރައްޔިތެއް އުފެއްދުމަށާއި ދިވެހި ގައުމިިއްޔަތު ދިރުވައި އާލާކުރުމަށް އުފެއްދި އެމްއެންޕީ އަކީ ދިވެހިންނަށް ލިބުނީ އުންމީދީ ދަންމަރެކެވެ. އަދި މި ޕާޓީ އުފެއްދިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ދޮށީ ޕާޓީތައް ބައިވެރިވާ އިންތިހާބެއްގައި ބިރެއް ނެތި ބައިވެރިވެ ހިތްވަރާ އެކު މަސައްކަތް ކުރުމަކީ މި ޕާޓީގެ ކުރިމަގު ނުހަނު އުޖާލާކަން އަންގައިދޭ ކަމެކެވެ،" އެމްއެންޕީން ބައިވެރިވި ފުރަތަމަ އިންތިހާބާ ގުޅޭ ގޮތުން އެ ޕާޓީން ބުންޏެވެ.

އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއާ ވެސް ވާދަކޮށް، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު މި ގޮނޑި ކާމިޔާބުކުރީ 240 ވޯޓުގެ ތަފާތަކުންނެވެ. ނަމަވެސް އެއީ ސަރުކާރުގެ ނުފޫޒާއި އާރާއިބާރުގެ ތެރެއިން ބާއްވާ އިންތިހާބެއް ކަމަށް ބުނެ، އިދިކޮޅުން ގެންދިޔައީ ކެމްޕެއިން ފެށުނީއްސުރެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް އިންތިހާބާ ދިމާކޮށް ކޮމަންޑޫ ދާއިރާ އަށް ސަރުކާރުން ބައެއް މަޝްރޫއުތައް ފެށުމާއި ފައިސާގެ ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ވަރަށް ބޮޑެވެ.