Roadha Mihaaru
ހަގީގަތުގައި މޮޅުވީ ކޮން ބައެއް؟

ހަގީގަތުގައި މޮޅުވީ ކޮން ބައެއް؟

06 ފެބުރުއަރީ 2022

ރާއްޖޭގެ ތާރީހުގައި ވެސް ބޭއްވި އެންމެ ވާދަވެރި ބައި އިލެކްޝަނެވެ. އެމްޑީޕީ ކާމިޔާބު ހޯދީ 240 ވޯޓުގެ ތަފާތުންނެވެ. އެ ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކުރި ހޯއްދެވީ 1,401 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގަތީ 1,161 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް 323 ވޯޓެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ތާރީހުގައި ވެސް ބޭއްވި އެންމެ ވާދަވެރި ބައި އިލެކްޝަނެވެ. އެމްޑީޕީ ކާމިޔާބު ހޯދީ 240 ވޯޓުގެ ތަފާތުންނެވެ. އެ ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކުރި ހޯއްދެވީ 1,401 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގަތީ 1,161 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް 323 ވޯޓެވެ.

ކޮމަންޑޫ ދާއިރާ، 2019ގައި އެމްޑީޕީން ހޯދި 65 ގޮނޑީގެ ތެރޭގައި ހިމެނުނީ 353 ވޯޓުގެ ތަފާތުން ޕީއެންސީ ބަލިކޮށްގެންނެވެ. އޭގެ ކުރިން 2014ގައި 520 ވޯޓުންނެވެ. އެ ފަހަރު ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާ ވާދަކޮށް އެމްޑީޕީއަށް ލިބުނީ 1,215 ވޯޓެވެ.

ވޭތުވެދިޔަ ތިން އިންތިހާބާ އަޅާކިޔާއިރު އިއްޔެ ނެގި ވޯޓުގެ ނަތީޖާ ސަރުކާރާއި އެމްޑީޕީން ދައްކަނީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގަ އެވެ.

ކެމްޕޭން ނިންމާލުމުގެ ހިނގާލުމުގައި ޕީޕީއެމްގެ ސަޕޯޓަރުން ދިދަ ހިފައިގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކެމްޕޭން ނިންމާލުމުގެ ހިނގާލުމުގައި ޕީޕީއެމްގެ ސަޕޯޓަރުން ދިދަ ހިފައިގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެކަމަކު އިދިކޮޅުން ދެކޭ ގޮތުގައި އެމްޑީޕީ ބޮޑުތަނުން ބަލިވެއްޖެ އެވެ. އެ ނަތީޖާއަކީ އެ ޕާޓީ އާއި ސަރުކާރަށް ލިބުނު ނާކާމިޔާބީއެކެވެ. ސަރުކާރުގައި އެ ޕާޓީ އޮވެ ހުރިހާ ބާރަކާއި އިންތިހާ ދަރަޖައިގެ ނުފޫޒާއި މިލިއަނުން ކުރި ހަރަދާ ބަލާއިރު ދާއިރާ އިން ނޫނެކޭ ބުނެފި އެވެ.

ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާ މޫސާ ފަތުހީ އާދަމް، ވޯޓުލާ މަރުކަޒަށް އިއްޔެ ވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާ މޫސާ ފަތުހީ އާދަމް، ވޯޓުލާ މަރުކަޒަށް އިއްޔެ ވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެހާ ނުފޫޒު ނުފޯރުވި ނަމަ ޕީޕީއެމުން ދެކޭ ގޮތުގައި ނަތީޖާ ބުރަވާނީ ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީ އަށެވެ.

ދާއިރާގެ މެސެޖަކީ ކޮބާ؟

ފެންނަން އޮތް ހަގީގަތަކީ ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރަން ސަރުކާރާއި އިދިކޮޅުން ވެސް ގުރުބާނީތަކެއް ވެއްޖެ އެވެ.

ނުފޫޒު ފޯރުވަން ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި އިންތިހާބުތަކަށް ބޭނުންކުރާ މައްސަލައިގައި ރައްޔިތުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތުކުރި އެމްޑީޕީގެ ވެސް މާބޮޑު ތަފާތެއް މި އިންތިހާބުގައި ނުފެނުނެވެ.

ކުއްލިއަކަށް ފެށި މަޝްރޫއުތަކާއި ކޮށްދިން ކަންކަމުން ރައްޔިތުންގެ ރުހުން ހޯދި އެވެ. ދައުރުގެ މެދު ތެރެއިން ބޭއްވި މި ބައި އިލެކްޝަން އެެއްވެސް ސަބަބަކާ ހެދި ގެއްލި ސަރުކާރު ކޯލިޝަނަށް ތާއީދެއް ނެތް ކަން ފެންނަން ބޭނުން ނުވީ އެވެ. ކެމްޕޭނުގެ މަންޒަރަކީ ސަރުކާރުގެ މަޝްރޫއުތަކަށް ކޮމަންޑޫ ދާއިރާގައި ވެސް ތާއީދު އޮތް ކަމެވެ.

ކޮމަންޑުއަށް މިއަދު ކުރެއްވި ކެމްޕޭން ދަތުރެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: އެއް ފަހަރަށް ވުރެ ގިނައިން ކޮންމެ ބޭފުޅަކު ވެސް ކެމްޕޭނަށް މި ރަށަށް ވަޑައިގަތް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކޮމަންޑުއަށް މިއަދު ކުރެއްވި ކެމްޕޭން ދަތުރެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: އެއް ފަހަރަށް ވުރެ ގިނައިން ކޮންމެ ބޭފުޅަކު ވެސް ކެމްޕޭނަށް މި ރަށަށް ވަޑައިގަތް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ހަމަ އެގޮތަށް އިދިކޮޅުން ވެސް އެންމެ ގޮނޑިއެއް ކާމިޔާބުކުރަން މިހާ މަސައްކަތެއް ނުކުރެ އެވެ. އެ ބޭފުޅުންގެ ވެސް މުޅި ޕާޓީގެ ލީޑަޝިޕް އޮތީ މި ދާއިރާގެ ތިން ރަށުގަ އެވެ. މަހަކަށް ވުރެން ގިނަ ދުވަހު އެ ރަށްތަކުގައި ޖަލްސާ ބާއްވައި ސަރުކާރާއި އެމްޑީޕީއަށް ނޫނެކޭ ބުނަންވީ ކިތަންމެ ސަބަބެއް ދެއްކި އެވެ. ދިވެހިންގެ ގައުމު އިންޑިއާގެ ނުފޫޒަށް ހުޅުވާލާފައި އޮތުމެވެ. މި އިންތިހާބު ގެއްލިއްޖެ ނަމަ ރާއްޖެ އަޅުވެތިވުމުގެ ބިރު އޮތުމެވެ.

މި ބައި އިލެކްޝަނަކީ އެއް އަޑަކަށް "އިންޑިއާ އައުޓް" މުޅި ރާއްޖެ އިން ގޮވަން ލިބޭ ފުރުސަތަކަށް ހަދަން ވެސް އެ ޕާޓީން އެދުނެވެ.

މި އިންތިހާބު ކާމިޔާބުކުރަން އިދިކޮޅުން ބޭނުންވި އަނެއް ސަބަބަކީ ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއީދު ދެއްކުމެވެ. ފަސް އަހަރުގެ ޖަލު ހުކުމުން އެމަނިކުފާނު މިނިވަންވެވަޑައިގަތުމާ އެކު ކުރިމަތިވެވަޑައިގެންނެވި ސިޔާސީ ފުރަތަމަ އިމްތިހާން ކާމިޔާބު ކުރުމެވެ. އެއާއެކު ރިޔާސީ އިންތިހާބުގައި ކުރިއަށް ދާންވީ މަގު ރައްޔިތުންނަށް ސާފުކޮށްދިނުމެވެ.

އެމްއެންޕީން ބޭނުންވީ އެ ޕާޓީއަކީ ރާއްޖޭގައި މިވަގުތު އޮތް ސިޔާސީ ދެ ފިކުރުގެ ތެރެއިން އިސް ސަފުން ޖާގަ ހޯދޭނެ ޕާޓީއެއްކަން ދައްކާށެވެ. އެކަމަކު މި އިންތިހާބުގައި ފެނުނީ އެމްޑީޕީ އާއި ޕީޕީއެމްގެ ތެރެއިން ކުރި ހޯދަން އަދި ފަސޭހަ ނޫން ކަމެވެ.

ބިލިއަނުން "ގަނެލި" ގޮނޑިއެއް!

އިދިކޮޅުން މި އިންތިހާބުގެ ބަލި ގަބޫލެއް ނުކުރެ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި ދައުލަތުގެ ބަޖެޓުން އެތައް މިލިއަނެއް ހޭދަކޮށް އެމްޑީޕީއަށް ލިބުނު މޮޅެއް ނެތެވެ. އެމްޑީޕީ އާއި ޕީޕީއެމްގެ ވޯޓުގައި ހުރި ފަރަގަކީ ފޯރުވި ފައިސާގެ ނުފޫޒު ކަމުގެ ފާޑުކިއުން ވެސް ބޮޑެވެ.

އަޅުގަނޑުމެން ހިސާބު ޖަހާލާއިރު ބިލިއަނެއްހާ ރުފިޔާ ކޮމަންޑޫ ދާއިރާއަށް މި އިންތިހާ ގުޅިގެން ވަނީ ކަނޑައަޅައި ހަރަދުކުރަން ފަށާފައި.

"ފާޅުކަން ބޮޑު ގޮތެއްގައި ނުފޫޒު ފޯރުވި. އެއްވެސް ގާނޫނަކަށް ގަވާއިދަކަށް ބެލުމެއް ނެތި އެ ބޭފުޅުން ގެންދެވީ މަސައްކަތް ކުރަމުން. ފެނިގެން ދިޔައީ ހަމަތަކާއި އުސޫލްތަކާ ހިލާފަށް އެތައް ކަމެއް ކުރި ތަން،" މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހިސާބު ޖަހާލާއިރު ބިލިއަނެއްހާ ރުފިޔާ ކޮމަންޑޫ ދާއިރާއަށް މި އިންތިހާ ގުޅިގެން ވަނީ ކަނޑައަޅައި ހަރަދުކުރަން ފަށާފައި."

އިންތިހާބު އިއުލާންކުރި ފަހުން ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަނީ: މި ޕްރޮޖެކްޓަށް އެކަނި ވެސް މި އަހަރުގެ ބަޖެޓުގައި ދާއިރާއަށް ކަނޑައެޅި ބަޖެޓަށް ވުރެން އެތައް ގުނަ ބޮޑު ހޭދައެއް ހިނގާ. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އިންތިހާބު އިއުލާންކުރި ފަހުން ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަނީ: މި ޕްރޮޖެކްޓަށް އެކަނި ވެސް މި އަހަރުގެ ބަޖެޓުގައި ދާއިރާއަށް ކަނޑައެޅި ބަޖެޓަށް ވުރެން އެތައް ގުނަ ބޮޑު ހޭދައެއް ހިނގާ. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ޕީޕީއެމުން ދެން ފާޅުކުރާ ކަންބޮޑުވުމަކީ މި އިންތިހާބާ ދިމާކޮށް އޭސީސީ ގާނޫނީ ހުސްކަމަކަށް ގެނައުމެވެ. ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ހިންގި މައްސަލަތައް ބެލޭނެ ދޮރު ސަރުކާރުން އޮތީ ބަންދުކޮށްފަ އެވެ.

އަނެއް ތުހުމަތަކީ އިންޑިއާގެ ނުފޫޒެވެ!

ޕީޕީއެމުން ބުނާ ގޮތުގައި ރިޔާސީ އިންތިހާބެކޭ އެއްގޮތަށް މި ބައި އިލެކްޝަނަށް ވެސް އިންޑިއާ އިން ނުފޫޒު ފޯރުވި އެވެ. އެއީ ވަރަށް ބޮޑަށް ޕްލޭންކުރެވި ސަރުކާރާ އެކު ކުރި ކަމެއް ކަމަށް ތުހުމަތު ކުރެ އެވެ.

"އެހެން ދަންނަވަން މިޖެހެނީ މިއަދު ކުޑަވަގުތުކޮޅަކަށް ނަމަވެސް ފެނިގެން ދިޔަ އިންޑިއާ އެމްބަސީގެ ބަޔާނެއް ވެސް. ފަހުން އެ ނެގި ތަން ފެނުނީ. ރާޝިދަށް ވޯޓު ދިނުމަކީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް," މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު މުއިއްޒު ވިދާޅުވި ބަޔާނަކީ އިންޑިއާ އެމްބަސީން ނެރެ، މީޑިއާ އިން ރިޕޯޓްކުރި ކަމަށް ހަދައިގެން އުޅުނު ފޭކު ހަބަރެކެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ސަޕޯޓަރުން ށ. ފުނަދޫގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ސަޕޯޓަރުން ށ. ފުނަދޫގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.

މި އިންތިހާބުގައި އިދިކޮޅުން ގޮވާލަމުން އައީ އިންޑިއާގެ ނުފޫޒާ ދެކޮޅަށް ވޯޓު ދިނުމަށެވެ. މި ބައި އިލެކްޝަނުގައި އިންޑިއާ އައުޓް ކެމްޕޭން ނުހިނގިޔަސް އެ ޕާޓީގެ މިސްރާބު އަނެއްކާވެސް އޮތީ އިންޑިއާ އައުޓް ކެމްޕޭން އިތުރު ގިއަރެއްގައި ކުރިއަށް ގެންދިއުމަށެވެ.

"15 އަހަރުގެ ފިކުރު ބަދަލެއް ނުވޭ. މިއީ މޮޅެއް"

އެމްޑީޕީން އިއުލާންކުރި ގޮތުގައި ޕީޕީއެމާ ދެކޮޅަށް 200 ވޯޓަކީ މޮޅެކެވެ. އެ ނަތީޖާ އެގޮތަށް އައީ ތިން ކެންޑިޑޭޓުން ވާދަކުރުމުން ކަމަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ މި ފަހަރުގެ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވި ތިން ކެންޑިޑޭޓުން. އެހެންވީމަ ދެ ކެންޑިޑޭޓުން ވާދަކޮށްގެން ނަގާ ވޯޓަށް ވުރެން ތަންކޮޅެއް މަދުވުމަކީ އާއްމު އުސޫލު," އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެޖެންޑާ 19އަށް އޮތް ތާއީދު ފެނިގެން އެ ދިޔައީ ކޮމަންޑޫ ދާއިރާ އިން."

އެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން އަދިވެސް ތިބީ އިދިކޮޅުގެ ސިޔާސަތު ގަބޫލުކުރަން ތައްޔާރަށް ނޫން ކަން ވޯޓުގައި ހަތަރު ވަނަ ފަހަރަށް ބުނެދީފި އެވެ. އެ ދާއިރާ އަދިވެސް އޮތީ އެ ޕާޓީގެ ފިކުރުގަ އެވެ.

ސަރުކާރުން އައީ ޕްރޮޖެކްޓްތައް ހުރިހާ ދާއިރާއެއްގައި ހިންގަމުން. އެއްވެސް ޕްރޮޖެކްޓަކީ އިންތިހާބާ ގުޅުވައި ފެށި ޕްރޮޖެކްޓެއް ނޫން. -- ނިހާދު

ކޮމަންޑޫ ދާއިރާ ނުލާ 64 ގޮނޑި އެމްޑީޕީއަށް އޮތަސް މަޖިލިހުގެ މަސައްކަތައް ހުރަހެއް ނެތް ކަން ކޮމަންޑޫ ރައްޔިތުންނަށް އެނގި ތިބެ ވެސް އިތުބާރުކުރުމަކީ ސަރުކާރާއި އެމްޑީޕީއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

ކޮމަންޑޫ ދާއިރާއިގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރި މުހައްމަދު ރާޝިދު.-- ފޮޓޯ: އެމްޑީޕީ

ކޮމަންޑޫ ދާއިރާއިގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރި މުހައްމަދު ރާޝިދު.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކެމްޕޭން ޓީމްތަކާ އެކު ކޮމަންޑޫގައި ހުންނެވި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކާއި ކޮށްދޭ ހިދުމަތްތައް ކޮމަންޑޫ ދާއިރާ އިން ބަލައިގެންފި ކަމަށެވެ. މި ނަތީޖާގައއި އެއްވެސް ނުފޫޒެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޯލިޝަން ލީޑަރުންނާ އެކު ކޮމަންޑޫ އަށް ވަޑައިގަތުމާއި ވަޒީރުންނާއި މަޖިލިސް މެމްބަރުން އަދި ކުންފުނިތަކުގެ ވެރިން ދާއިރާގައި ތިއްބަވައިގެން ވޯޓު ކުރިއަށް ގެންދިއުމަކީ ވެސް އާދަޔާހިލާފު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ކޮމަންޑޫ ދާއިރާގެ ރައްޔިތުން މުހިއްމު ވަރެވެ.

"ސަރުކާރުން އައީ ޕްރޮޖެކްޓްތައް ހުރިހާ ދާއިރާއެއްގައި ހިންގަމުން. އެއްވެސް ޕްރޮޖެކްޓަކީ އިންތިހާބާ ގުޅުވައި ފެށި ޕްރޮޖެކްޓެއް ނޫން،" ނިހާދު ވިދާޅުވި އެވެ.

ވާދަވެރި ބައި އިލެކްޝަނުގައި ކޮންމެ ބަޔަކު ވެސް ހޯދަން ބޭނުންވީ ސިޔާސީ މޮޅެކެވެ. ބައި އިލެކްޝަން ނިމުނު އިރު ކޮންމެ ބަޔަކަށް ވެސް މި ފެންނަނީ އެ ބަޔަކު ކުރި ހޯދާފައި އޮތް ތަނެވެ. ނަތީޖާ މާނަކުރަނީ އެ ބަޔަކު މޮޅުވާނެ ގޮތަކަށެވެ.