Roadha Mihaaru
އާޒިމާއަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ: ހައި ކޯޓް

އާޒިމާއަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ: ހައި ކޯޓް

20 އެޕްރީލް 2022

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާކުރަން މަގުފަހިކޮށް ދިން ކަމަށް ބުނެ އާޒިމާގެ މައްޗަށް ކުރާ މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު އޮތީ ނިންމައިފަ އެވެ.

އެ މައްސަލަ އާޒިމާގެ ފަރާތުން އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ނިންމުން ދެމެހެއްޓީ ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

ހައި ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އާޒިމާގެ ފަރާތުން ފާހަގަކުރި ކަންކަމަކީ ދަށު ކޯޓުން ބަލާ އަސްލު މައްސަލާގެ ތެރެއިން ގޮތެއް ނިންމަންޖެހޭ ކަންކަން ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ މަދަނީ މިންގަނޑުން ނިންމާ ނިންމުންތައް އިސްތިއުނާފް މަރުހަލާގައި ވަޒަން ކުރަން ޖެހޭނީ މައްސަލާގެ އެންމެ ފުނަށް ހެކި ވަޒަންކޮށްގެން ނޫން ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާތީ އެވެ.

އިސްތިއުނާފް ކުރެވޭނެކަމާ މެދު ރައުޔު ތަފާތު

މި މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ އާޒިމާ ހުށަހެޅުއްވި އެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ. އެއީ ދައުލަތުން ނަގާފައިވާ އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ. އެހެންވެ، ކްރިމިނަލް ކޯޓުގެ ނިންމުމުގެ ސައްހަކަމާ މެދު މެދު ފަނޑިޔާރު ޝަފީއު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ދައުލަތުން އިޖްރާއީ ނުކުތާއެއް ނެގީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވާ ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެ ކަމަށް ހައި ކޯޓުގެ ކުރީގެ ނިންމުމެއްގައި އޮތުމުންނެވެ.

އާޒިމާގެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު ޝަފީއު  -- ފޮޓޯ/މިހާރު

އާޒިމާގެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު ޝަފީއު -- ފޮޓޯ/މިހާރު

ފަނޑިޔާރު ޝަފީއުގެ ރައުޔަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެތީ އެ މައްސަލަ ބޭރުކޮށްލަންޖެހޭ ކަމަށެވެ. އެއީ ގާނޫނު އޮތްގޮތުން އިސްތިއުނާފް ކުރެވޭނީ ހުކުމްތަކާއި އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް އެކަނި ކަމަށްވާތީ އޭނާ ދެކެވަޑައިގަންނަވަ އެވެ.

ގާނޫނުގައި އެގޮތަށް އޮތީ ކޯޓުގެ ކޮންމެ ކޮންމެ ނިންމުމެއް އިސްތިއުނާފް ކުރެވޭ ނަމަ، އަސްލު މައްސަލަ ނުނިމި އިންސާފު ލަސްވެގެން ހިނގައިދާނެތީ ކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ.

މި ނުކުތާގައި ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ހައި ކޯޓުގެ އެ ނިންމުން އެގޮތަށް އޮތަސް، މަދަނީ މިންގަނޑުން ކުރިއަށް ގެންދަން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރެވޭނެ ކަމަށެވެ. ސަބަބެއް ގޮތުގައި ދެ ފަނޑިޔާރުން ދެއްކެވީ އެފަދަ މައްސަލައެއް އިސްތިއުނާފް ކުރުމުގެ ހުއްދަ ދޭން ސުޕްރީމް ކޯޓުން ނިންމާފައިވާތީ އެ ނިންމުމެވެ.

އެކަމަކު ފަނޑިޔާރު ޝަފީއު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ މި ނުކުތާގެ އެންމެ ފުނަށް ބަލައިގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ. އެއީ އެ ނިންމުން ނިންމީ އަޑުއެހުމެއް ބޭއްވުމަށްފަހު ނުވަތަ ދެ ފަރާތުން އެކަމާ މެދު ފުޅާކޮށް ބަހުސް ކުރުމަށްފަހު ކަމަށް ނުވާތީ އެވެ. އަދި މަތީ ކޯޓުތަކުގެ ކޮންމެ ނިންމުމަކީ ދަށު ކޯޓުތަކުން ތަބާވާން ޖެހޭ ނިންމުންތަކެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމަކާ ހަވާލާ ދެއްވައި، ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ.