Roadha Mihaaru
ހުޅުމާލޭ މުނިސިޕަލްކަންކަމާ ކައުންސިލުން ހަވާލުވާންއެދެނީ

ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް ސިޓީ ކައުންސިލާ ހަވާލުކުރަން ރައީސް އޮފީހުގައި އެދެނީ

02 ފެބުރުއަރީ 2022

ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ދިނުން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކޮށްދިނުމަށް ރައީސް އޮފީހުގައި އެދެން އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ދިނުން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކޮށްދިނުމަށް ރައީސް އޮފީހުގައި އެދެން އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި ބައިވެރިވި 13 މެމްބަރުން ވެސް ވަނީ ހުޅުމާލޭގެ މުނިސިޕަލްގެ ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ރައީސް އޮފީހަށް ހުށަހަޅަން ތާއީދުކޮށްފަ އެވެ.

ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް މިހާރު ދެނީ އެޗްޑީސީންނެވެ.

ކައުންސިލްގެ މިއަދުގެ ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި އޮންނަ ހުޅުމާލެ ސާފުކުރުމާއި އެ ނޫން ވެސް އާންމު ހިދުމަތްތަކާއި އަދި ރަށްވެހިކަމުގެ ހިދުމަތްތައް ސިޓީ ކައުންސިލުން ދިނުމަކީ އެ އަވަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އެހެންވެ، ސަރުކާރުން މި ކަމަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލާމަރުކަޒީ ގާނޫނުގައި ބަޔާން ކޮށްފައިވާ ރަށްވެހިކަމުގެ ހިދުމަތްތަކާއި އާންމު ހިދުމަތްތަކާއި ކައުންސިލްގެ މަސްއޫލިއްޔިތަތުތައް ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ހިމެނޭ ގޮތަށް އަދާކުރުމަށްޓަކައި ކައުންސިލްގެ ދަށަށް އެ ހިދުމަތްތައް ބަދަލުކުރަން ޖަލްސާގައި ބައިވެރިވި 13 މެމްބަރުންގެ ތާއީދާއެކު ފާސްކޮށްފިން،" ކައުންސިލްގެ ނިންމުން އިއުލާން ކޮށްދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.

ހުށަހަޅަނީ ބަޖެޓާއި މުވައްޒުންނާއި ވަސީލަތްތައް ދޭން

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން އެދެނީ އެޗްޑީސީގެ މުނިސިޕަލް ސެކްޝަންގެ ހުރިހާ މުވައްޒަފުންނާއި ވެހިކަލްތަކާއި އަދި ބަޖެޓު ވެސް ދޭން ޖެހޭ ގޮތަށެވެ. ބަޖެޓާއި މުވައްޒަފުން ލިބިގެން ނޫނީ، މި ކަން ނުކުރެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި އާންމު ޖަލްސާގައި ކައުންސިލް މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި އާންމު ޖަލްސާގައި ކައުންސިލް މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މުނިސިޕަލްގެ ހިދުމަތްތައް ސިޓީ ކައުންސިލާ ހަވާލުކުރަން ސަރުކާރުން ބޭނުން ވިޔަސް، އެޗްޑީސީން އެގޮތް ބޭނުން ނުވާ ކަމަށާއި އެކަން ކޮށްފާނެތީ މިހާރު ވެސް އެ ކުންފުނިން ކައުންސިލަށް ދަތިކުރުމަށް އެކި މަސައްކަތް ފަށާފައިވާ ކަމަށް ހުޅުމާލޭގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު މިއަދުގެ ޖަލްސާގައި ތުހުމަތު ކުރެއްވި އެވެ.

"އެޗްޑީސީގެ މުނިސިޕަލް ސެކްޝަންގެ ތެރެއިން އޮޕަރޭޝަނަލް ސެކްޝަން ކިޔައި، އާ ބައެއް އުފައްދައިގެން މުނިސިޕަލް ހުރިހާ މުވައްޒަފުންނާއި ތަކެއްޗާ އެ ބަޔަށް އެބަ ބަދަލުކުރޭ، ކައުންސިލަށް އެ އެއްޗެހި ލިބިދާނެތީ،" ޝުޖާއު ވިދާޅުވި އެވެ.

"ހުޅުމާލޭގެ މުނިސިޕަލް އެއްވެސް ކަމެއް އެޗްޑީސީ އަށް ނުބެލޭ. ތަންތަން ސާފުނުކުރެވޭއިރު، ފްލެޓްތަކުގެ މެއިންޓަނެސް ކަންކަން ވެސް ނުބެލެހެއްޓޭ."

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުށަހަޅާއިރު، އެޗްޑީސީ އަށް ދީފައިވާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ސިޓީ ކައުންސިލުން ބާތިލުކުރި މައްސަލަ ވެސް އޮތީ ކޯޓުގަ އެވެ. ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ހުޅުމާލެ އަކީ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ވާ ތަނަކަށް ވިޔަސް، އަދިވެސް ހުޅުމާލެ ބަލަހައްޓަނީ އެޗްޑީސީންނެވެ.