Roadha Mihaaru
ކެމްޕެއިނަށް އެމްއާރުއެމްގެ ޝައުގުވެރިކަމެއް ނެތް

އެމްއާރުއެމުން ކެމްޕެއިންގައި ބައިވެރި ނުވަނީ ކޯލިޝަން ކެންޑިޑޭޓަކަށް ނުވާތީ

03 ފެބުރުއަރީ 2022

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބު ކޮށްދޭން، ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުން ކެމްޕޭންގައި ބައިވެރިވިޔަސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިހާތަނަށް ވެސް ގޮތެއް ނުނިންމަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބު ކޮށްދޭން، ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުން ކެމްޕޭންގައި ބައިވެރިވިޔަސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިހާތަނަށް ވެސް ގޮތެއް ނުނިންމަ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދުކުރަން، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވަނީ ނިންމައިފަ އެވެ. ކެމްޕޭންގައި އިސްކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ އެ ދާއިރާ އަށް ވަޑައިގެން އެމްޑީޕީގެ ކެމްޕޭން ޓީމުތަކާ އެކު މަސައްކަތް ފައްޓަވައިފަ އެވެ. އަދާލަތު ޕާޓީގެ އިސް މެމްބަރު އަދި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވެސް އެ ދާއިރާގެ މަރޮއްޓަށް ވަޑައިގެން ކެމްޕެއިނުގައި އުޅުއްވި އެވެ.

އަދާލަތުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމައި އެކަން އިއުލާންކޮށްފަ އެވެ.

ސަރުކާރަށް މުހިއްމު ގޮނޑިއެއް ކާމިޔާބުކުރަން ކޯލިޝަން އެހެން ޕާޓީތަކުގެ އެހީ ލިބުނަސް އެމްއާރުއެމްގެ ވިސްނުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ހިންގުމާއި ނުފޫޒު ފޯރުވުމަކީ ގާނޫނާ ޚިލާފު އަމަލުތަކެއްކަން ހަނދާންކޮށްދީ އެކަމާ މެދު ނުރުހުންފާޅުކޮށް ބަޔާނެއް ވަނީ ނެރެފަ އެވެ.

އެމްއާރުއެމުން ބުނީ އިސްލާހުގެ މަގުގައި މިއަދު އައިސް ތިބި ހިސާބަކީ އެފަދަ ކަންކަމާ ދުރުވެ މިނިވަން އަދި އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް ވަކާލާތުކޮށްގެން ތިބި ހިސާބެއް ކަމަށެވެ. އެހެންވެ އެ ޕާޓީން ގޮވައިލީ، ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ހުރިހާ ޕާޓީތަކަކުން ވެސް އިންތިހާބުގެ ކެމްޕެއިން ކުރުމަށެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްއާރުއެމްގެ ސްޓޭންޑާ ގުޅޭ ގޮތުން އެހުމުން އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ އެ ޕާޓީގެ އާ ލީޑަޝިޕާ އެކު މިހާރު އަމާޒު ހުރީ ޕާޓީގެ ކަންކަން ކުރިއަރުވައި ހަރަކާތްތައް ހިންގަން ކަމަށެވެ. ކެމްޕެއިންގައި ބައިވެރިނުވުމުގެ ސަބަބަކަށް ދެއްކީ ކޮމަންޑޫ ދާއިރާ އަށް ވާދަކުރަނީ ކޯލިޝަން ޕާޓީތަކުން ނެރުނު ކެންޑިޑޭޓަކަށް ނުވުމެވެ.

ރިޔާސީ އިންތިހާބަށް ޕާޓީތަކުން ކޯލިޝަން ހެދިއިރު އެއްބަސްވީ ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތުން އިންތިހާބުތަކުގައި ވެސް ކެންޑިޑޭޓުން ނެރުމަށެވެ. އެކަމަކު 2019ގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ބޭނުންވީ އެ ޕާޓީ އެކަނި ވާދަކުރާށެވެ. މަޖިލީހުގެ 65 ގޮނޑި އެެ ފަހަރު އެ ޕާޓީން ކާމިޔާބުކުރި އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ގޮނޑިއާ އެކު ސާފު އަޣުލަބިއްޔަތު ހޯދިޔަސް މިފަހަރު ބާއްވާ ބައި އިލެކްޝަންގައި އެ ގޮނޑި ވަރަށް ވާދަވެރި އެވެ. ޕީޕީއެމާއި އެމްއެންޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދަން ވެސް އަންނަނީ އެ ދާއިރާގެ ތިން ރަށުގައި ކެމްޕޭން ކުރަމުންނެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ އިތުރުން އެ ގޮނޑިއަށް ވާދަކުރަނީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނެވެ.