Roadha Mihaaru
އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ހުއްޓުވޭނެ ގޮތެއް ނެތް

އިންތިހާބާ ދިމާކޮށް ހިންގާ މަޝްރޫއުތައް ހުއްޓުވޭނެ ގޮތެއް ނެތް: ފުއާދު

06 ފެބުރުއަރީ 2022

އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން އަބަދުވެސް މަޝްރޫއުތައް ހިންގާ ކަމަށާއި އެކަން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން އަބަދުވެސް މަޝްރޫއުތައް ހިންގާ ކަމަށާއި އެކަން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވިއިރު، އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެންމެ ގިނަ ބަޔަކު ދެއްކި އެއް ވާހަކައަކީ އެ އިންތިހާބާ ދިމާކޮށް، ސަރުކާރުން އެ ދާއިރާގައި އާ މަޝްރޫއުތައް ފެށުމާއި އެހެން ގޮތްގޮތުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ. އެ އިންތިހާބުގައި ނާކާމިޔާބުވި އިދިކޮޅު ޕީޕީއެމްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެއީ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އީސީގެ ރައީސް ވިދާޅުވީ، ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގިޔަސް އެއީ އިންތިހާބާ ދިމާކޮށް ކުރާ ކަމެއް ކަމަށް ސަރުކާރުން ގަބޫލުނުކުރާ ކަމަށެވެ. އެ ދާއިރާ ނޫން އެހެން ގިނަ ރަށްތަކެއްގައި ވެސް މަޝްރޫއުތައް ކުރިޔަށް ގެންދާ ކަމަށާއި އިންތިހާބެއް އައުމުން މަޝްރޫއުތައް ހުއްޓައި ނުލެވޭ ކަމަށް ސަރުކާރުން ބުނި ކަމަށް ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެއީ ހުރިހާ ސަރުކާރުތަކުން ވެސް އިންތިހާބުތަކާ ދިމާކޮށް މިހާތަނަށް ދީފައިވާ ޖަވާބެވެ.

"ދެހާސް އަށެއްގައި ރައީސް މައުމޫން ހުންނެވި އިރު ވެސް ނަޝީދު ހުންނެވި އިރު ވެސް އަދި ޑރ. ވަހީދުގެ ވެރިކަމާއި ޔާމީންގެ ވެރިކަމުގައި ވެސް މި ނުފޫޒުގެ ޝަކުވާ އަށް ސަރުކާރުން ދިނީ އެ ޖަވާބު. މަޝްރޫއުތައް ވެސް ހިންގާ. އެކަމަކު އީސީ އަށް ހުއްޓުވޭނެ ގޮތެއް ނެތް،" ފުއާދު ވިދާޅުވި އެވެ.

އީސީން ބޮޑަށް މަސައްކަތް ކުރީ ވޯޓުލާން ދާ ހިސާބުން ފެށިގެން ނަތީޖާ ނެރުމާ ހަމަޔަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކީ ހުރިހާ ކަމެއް ގެންދިޔުން ކަމަށް ފުއާދު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިއްޔެ ކުރިއަށް ގެންދިޔައިރު، ބައެއް ޝަކުވާތައް ފެންމަތިވި ނަމަވެސް ފުލުހުން ފޮނުވައިގެން އެ ކަންކަން ހުއްޓުވައި، އިންސާފުވެރިކަމާއެކީ އިންތިހާބުގެ ކަންކަން ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ.

ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި ކޮމަންޑޫ ދާއިރާ އަށް އެއްފަހަރާ 50 އެއްހާ ވަޒީފާ އުފެއްދުމާާއި ގިނަ މަޝްރޫއުތަކެއް ހިންގުމާއި ފައިސާ ބެހުމުގެ ނުފޫޒުތައް ވެސް އެމްޑީޕީން ހިންގި އެވެ. އަދި ދައުލަތުގެ ވަސީލަތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން އެތައް ގޮތަކުން ނުފޫޒު ފޯރުވި ކަމަށް ޕީޕީއެމުން ބުނެ އެވެ. ހާއްސަކޮށް، އިންތިހާބާ ދިމާކޮށް ސަރުކާރުގެ އެންމެ އިސްވެރިންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ސަރުކާރު ހިންގާ ކޯލިޝަންގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގާތްގަނޑަކަށް ހުރިހާ މެމްބަރުން އެ ދާއިރާ އަށް ވަޑައިގެން ކެމްޕެއިން ކުރެއްވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކޮށް، 323 ވޯޓާއެކު އެންމެ ފުލަށް ދިޔަ އެމްއެންޕީ ބުނިގޮތުގައި، އެ ޕާޓީ އަށް ފާހަގަވި ކަމަކީ އިންތިހާބާ ދިމާކޮށް ފޯރުވާ ނުފޫޒު ހުއްޓުވުމަށްޓަކައި އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމެވެ. އަދި އެ ޕާޓީން އެ ކަން ކުރާނެ ކަމަށް ވެސް ރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.

ވަރަށް ވާދަވެރިކޮށް ހިންގި ކެމްޕެއިނަކަށް ފަހު ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދެވެ. އޭނާ އަށް 1،401 ވޯޓު ލިބިވަޑައިގެންނެވިއިރު، ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނަށް ހޯއްދެވުނީ 232 ވޯޓެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެއް ބޭއްވީ އެ ގޮނޑި މިހާތަނަށް ފުރުއްވަމުން ގެންދެވި އެމްޑީޕީގެ ހުސައިން ވަހީދު މިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމުންނެވެ.