Roadha Mihaaru
ރާއްޖެއަށް މިދިޔައަހަރު 1.4މިލިއަން މީހުން ދަތުރުކުރި

ރާއްޖެއަށް މިދިޔަ އަހަރު 1.4 މިލިއަން މީހުން ދަތުރުކުރި: އެމްއޭސީއެލް

02 ފެބުރުއަރީ 2022

މިދިޔަ އަހަރު ރާއްޖެއަށް 1.4 މިލިއަން މީހުން ދަތުރު ކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު ރާއްޖެއަށް 1.4 މިލިއަން މީހުން ދަތުރު ކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ 1.4 މިލިއަން މީހުންގެ ތެރޭގައި ޓޫރިސްޓުންނާއި ބިޒްނަސް ވިސާގައި އައި މީހުންނާއި އެހެނިގެން ގޮތްތަކަށް ރާއްޖެއަށް އައި މީހުން ވެސް ހިމެނޭ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، 2019 ވަނަ އަހަރު ޖުމްލަ ދެ މިލިއަން މީހުން އައިސްފައިވެ އެވެ.

މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 26 ގައުމެއްގެ 41 މަންޒިލަށް ދަތުރުކޮށްފައިވެ އެވެ. އެއާޕޯޓަށް 36 އެއާލައިނަކުން ދަތުރުކޮށްފައިވެ އެވެ. މިއީ 2019 ވަނަ އަހަރު ވެސް ރާއްޖެއަށް ދަތުރު ކުރި އެއާލައިންގެ އަދަދެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްވީޓް

މިދިޔަ އަހަރުގެ ޑޮމެސްޓިކް ދަތުރުތަކުގައި އެއާޕޯޓަށް އައި މީހުންގެ އަދަދު 360،000 އަރަ އެވެ. މިދިޔަ އަހަރު ޑޮމެސްޓިކް ދަތުރުތަކުގައި ފުރި މީހުންގެ އަދަދު އުޅެނީ 372،000 ގަ އެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް 29،000 ޓަނުގެ މުދާ އެތެރެކުރި އިރު 9،000 ޓަނުގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެ އެވެ. އަދި ޓްރާންސްޝިޕްމެންޓްގެ ގޮތުގައި 5،000 ޓަނު އެއާޕޯޓަށް ވައްދާފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ މިދިޔަ އަހަރު އެއާޕޯޓުގެ ޕާފޯމަންސް 2019 ވަނަ އަހަރާ ގާތް ކޮށްފައިވަނީ އެއާޕޯޓުގެ ހިދުމަތް ދިނުމުގައި އުޅޭ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި މި އަހަރު އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ހަދާފައިވާ އާ ސީޕްލޭންގެ ހިދުމަތް އަންނަ އޭޕްރީލްގައި ފަށައި އާ ރަންވޭ މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭނުން ކުރަން ފަށާނެ އެވެ.