Roadha Mihaaru
މިއަހަރު ތިން ވަނަ ފަހަރަށް އެއާޕޯޓު ރެކޯޑު މުގުރާލައިފި

މިއަހަރު ތިން ވަނަ ފަހަރަށް އެއާޕޯޓް ރެކޯޑް މުގުރާލައިފި

24 ޑިސެމްބަރ 2019

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 239 އަށް އަރައި، އާދިއްތަ ދުވަހަކީ ރެކޯޑް އަދަދަކަށް ރަންވޭގެ ހަރަކާތްތައް ހިނގި ދުވަހެއް ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 239 އަށް އަރައި، އާދިއްތަ ދުވަހަކީ ރެކޯޑް އަދަދަކަށް ރަންވޭގެ ހަރަކާތްތައް ހިނގި ދުވަހެއް ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މިއަދު ބުނެފި އެވެ.

މިއީ މިގޮތަށް މިއަހަރުގެ ތެރޭ ރެކޯޑް އަދަދަކަށް ފްލައިޓްތައް ޖެއްސި ތިން ވަނަ ފަހަރެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ރެކޯޑް އަދަދަށް ފްލައިޓް ޖައްސާފައިވާ އިރު މިމަހުގެ އެއް ވަނަ ދުވަހު ވެސް ރެކޯޑް އަދަދަކަށް ރަންވޭގެ ހަރަކާތްތައް ހިނގާފައިވެ އެވެ. މި ތިން ފަހަރު ވެސް ރެކޯޑު އަދަދަކަށް ފްލައިޓްތައް ޖައްސާފައިވަނީ އާދިއްތަ ދުވަހެއްގަ އެވެ.

އެމްއޭސީއެލް ޓްވީޓް

އާދިއްތަ ދުވަހަކީ، އެންމެ ގިނަ އަދަދަކަށް އެއާޕޯޓުގެ މަސައްކަތްތައް ހިނގާ ދުވަހެވެ. އެގޮތުން ހަފްތާގެ އެހެން ދުވަސްތަކާ އަޅާ ބަލާއިރު ފްލައިޓް ޖައްސައި، ފްލައިޓް ފުރާ ވަރު ވަރަށް ބޮޑަށް އިތުރުވެ އެވެ. އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ، ގިނަ އަދަދަކަށް ފްލައިޓްތައް ޖައްސާ ފުރުވުމުގައި އެމްއޭސީއެލްގެ މުވައްޒަފުން ވަރަށް ގިނަ މަސައްކަތް ކުރާ ކަމަށާއި ހާއްސަކޮށް އެއާ ޓްރެފިކް ކޮންޓްރޯލާއި އޮޕަރޭޝަންސްގެ މުވައްޒަފުން ވަރަށް ބުރަކޮށް އުޅެން ޖެހޭ ކަމަށެވެ.

ހަސަން ވިދާޅުވީ، މި ދުވަސްވަރަކީ ބޮޑު ޗުއްޓީ ދުވަސްވަރަށް ވެފައި ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ދުވަސްވަރަކަށް ވެސް ވާތީ، އެއާޕޯޓުގެ ކަންކަން އިންތިޒާމުކުރުމުގައި އެންމެ ބޮޑު އިސްކަމެއްދެނީ ދަތުރުކުރާ ޕަސެންޖަރުންގެ ރައްކާތެރި ކަމަށް ކަމަށެވެ.

މި މަހުގެ އެއް ވަނަ ދުވަހު ރެކޯޑް ހަދާފައިވަނީ 226 ރަންވޭ މޫވްމެންޓާ އެކު އެވެ. ކޮންމެ އަހަރެއް ވެސް ޕީކް ސީޒަންގައި އެއާޕޯޓުގެ ރަންވޭ މޫވްމެންޓް އިތުރުވެގެންދެ އެވެ.