Roadha Mihaaru
ހިއްސާއަކަށް 2.70ރ. ބަހަން އުރީދޫން ނިންމައިފި

ހިއްސާއަކަށް 2.70ރ. ބަހަން އުރީދޫގެ ބޯޑުން ނިންމައިފި

05 ފެބުރުއަރީ 2022

މިދިޔަ އަހަރުގެ ހިއްސާގެ ފައިސާގެ ގޮތުގައި ހިއްސާއަކަށް 2.70ރ. ބަހަން އުރީދޫގެ ބޯޑުން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ އަހަރުގެ ހިއްސާގެ ފައިސާގެ ގޮތުގައި ހިއްސާއަކަށް 2.70ރ. ބަހަން އުރީދޫގެ ބޯޑުން ނިންމައިފި އެވެ.

މިގޮތަށް ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގަ އެވެ. ހިއްސާގެ ފައިދާ ބަހާނީ މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންގެ މެދުގަ އެވެ.

ހިއްސާގެ ފައިދާ ބަހަން އުރީދޫގެ ބޯޑުން ނިންމައި މި އަހަރު ބާއްވާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އަށް ހުށަހެޅި ނަމަވެސް އެ އަދަދު ފާސް ކުރާނީ މި ޖަލްސާގައި ހިއްސާދަރުންގެ ވޯޓުންނެވެ. ޖަލްސާ އޮންނާނީ އަންނަ މަހު އެވެ.

އަހަރީ އާއްމު ޖަލްސާ ބާއްވަނެ ތާރީހެއް އަދި އިއުލާން ނުކުރި ނަމަވެސް އުރީދޫން ބުނީ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން އެދެވޭނީ މި މަހުގެ 17 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށެވެ. އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ވެސް މި ޖަލްސާގައި ބައިވެރިވެ، ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އުރީދޫގެ ބޯޑު ބައްދަލުވުމުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދުގެ އިތުރުން ކުންފުނީގެ އަހަރީ ރިޕޯޓުތައް ވެސް ވަނީ ފާސްކޮށްފަ އެވެ. މި ރިޕޯޓުތައް މި މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އާއްމު ކުރާނެ ކަމަށް އެެ ކުންފުނިން ބުންޏެވެ. އަ މި މަހުގެ 20 ކުރިން އޭޖީއެމްގެ ނޯޓިސް އާއި އެޖެންޑާ ވެސް އުރީދޫން އާންމު ކުރާނެ އެވެ.