Roadha Mihaaru
ނަޝީދަށް ހަމަލާ ދިން މީހުންގެ ޝަރީއަތް ލަސް: އައްބާސް

ނަޝީދަށް ހަމަލާ ދިން މީހުންގެ ޝަރީއަތް ލަސްކަމުން އައްބާސްގެ ކަންބޮޑުވުން

07 ފެބުރުއަރީ 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާ ދިން މީހުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެހެން މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ލަސްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް، މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބެއްގެ ގޮތުން، ހަމަޖެއްސެވި، އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާ ދިން މީހުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެހެން މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ލަސްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް، މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބެއްގެ ގޮތުން، ހަމަޖެއްސެވި، އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.

އައްބާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް ހަމަލާދިން ކަމުގެ ތުހުމަތުކުރެވޭ މީހުންނަށް ދައުވާކުރިތާ އެތައް މަހެއް ވެފައި ވާއިރު އެ މައްސަލައިގެ އަޑުއެހުންތައް ވަރަށް ބޮޑަށް ލަސްވެއްޖެ ކަމަށެވެ.

މިހާތަނަށް ނިމިފައި ވަނީ އެންމެ މީހެއްގެ ޝަރީއަތް ކަމާއި ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ އެހެން މީހުންގެ މައްސަލަތައް އަދިވެސް އޮތީ އިބްތިދާއީ މަރުހަލާގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

އައްބާސް ވިދާޅުވީ ޝަރީއަތްތައް އިތުރަށް ލަސްވިޔަ ނުދޭން، މައްސަލާއާ ގުޅުން ހުރި އެންމެންގެ ޝަރީއަތްތައް އެއްކޮށް ކުރިއަށް ގެންދާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ކަށަވަރު ނުވާ ކަމަށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހުކުމް އިއްވާފައި ވަނީ އެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް އަމިއްލަ އަށް އިއުތިރާފްވި އަދުހަމް އަހުމަދު ރަޝީދަށެވެ. އޭނާ 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

އަދުހަމްގެ އިތުރުން އެތައް ބައެއްގެ މައްޗަށް ދައުވާ އުފުލާފައި ވިޔަސް، ހެކީގެ ނިސްބަތަށް ބަލަށް މީގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ ހަމަލާއާ ގުޅުވައިގެންނެއް ނޫނެވެ. އެ މީހުންގެ މައްޗަށް ކޮށްފައި ވަނީ ހަރުކަށި ފިކުރާއި ޓެރަރިޒަމާ ގުޅުން ހުރި އެކި ކަންކަމުގަ އެވެ.

ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، ނީލޯފަރު ހިނގުމާއި މަޖީދީމަގާ ގުޅޭ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އައިޑީއެއް ގޮއްވައިލުމުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެ، ފުރާނަ ސަލާމަތްކުރަން ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ.

އައްބާސް، ރައީސްގެ މަންދޫބަކަށް ހަމަޖެއްސެވީ އޭރުން ފެށިގެން ހަމަލާއާ ގުޅޭ ހުރިހާ ތަހުގީގެއް ނިމި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްކޮށް ހުކުމާ ހަމައަށް ވާސިލްވަންދެން އެ ކަންކަން ބެއްލެވުމުގައި ހުންނަވާ ގޮތަށެވެ. އައްބާސް އަކީ އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖުތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސަކުރެއްވި ތަޖުރިބާކާރުން ބޭފުޅެކެވެ.