Roadha Mihaaru
ފްލޯޓިން ސިޓީގެ ގެތަކެއް އަޅަން ބައިސަން މޯލްޑިވްސްއަށް

ފްލޯޓިން ސިޓީގެ ގެތަކެއް ބައިސަން މޯލްޑިވްސްއަށް

12 ފެބުރުއަރީ 2022

ދުނިޔޭގައި ވެސް މިހާތަނަށް ހަދާ ފުރަތަމަ ފްލޯޓިން ސިޓީގެ ގެތަކެއް އެޅުމުގެ މަސައްކަތް، ކޮންސްޓްރަކްޝަން ކުންފުނި ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގައި ވެސް މިހާތަނަށް ހަދާ ފުރަތަމަ ފްލޯޓިން ސިޓީގެ ގެތަކެއް އެޅުމުގެ މަސައްކަތް، ކޮންސްޓްރަކްޝަން ކުންފުނި ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފި އެވެ.

މުޅިން ތަފާތު ކޮންސެޕްޓަކަށް 5،000ގެ އާ އެކު އެ ސިޓީ ތަރައްގީ ކުރަން ސަރުކާރުން ހަވާލުކުރި ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

"މޯލްޑިވްސް ފްލޯޓިން އައިލެންޑް" ތަރައްގީ ކުރަނީ މާލޭގެ އުތުރުން އޮންނަ ފަޅެއްގަ އެވެ. މާލެއިން ފަސް މިނެޓެއްހާ އިރު ތެރޭގައި ދެވޭ މި ފްލޯޓިން ސިޓީގެ ގެތައް ހުންނާނީ ވަރަށް ރީތި ޑިޒައިނަކަށެވެ. މި ގެތައް ހަދަނީ ވަރަށް ގިނަ ކުލަތައް ހިމެނޭ ގޮތަށެވެ. ދެބުރިއަށް ހަދާ މި ގެތަކުގެ މަތީގައި ޓެރަސް އެއް ހަދާނެ އެވެ.

ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލާއި މޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.

މޯލްޑިސް ފްލޯޓިން ސިޓީގެ ތްރީޑީ ކުރެހުމެއް

މޯލްޑިސް ފްލޯޓިން ސިޓީގެ ތްރީޑީ ކުރެހުމެއް

ބައިސަން މޯލްޑިވްސް އަކީ ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ކުންފުންޏެވެ. އެ ކުންފުނިން ވަނީ "ކުކޫން މޯލްޑިވްސް" އާއި "ޔޫ އެންޑް މީ" ފަދަ ރިސޯޓުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްފަ އެވެ.

އެކުންފުނީގެ ފައުންޑާ އަދި މެނޭޖިން ޑިރެކްޓާ އަބްދުލް މަޖީދު ވިދާޅުވީ، އެ ސިޓީގައި ފުރަތަމަ ގެތައް އެޅުމުގެ މިފަދަ ތަފާތު ޕްރޮޖެކްޓެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އުފާ ކުރާ ކަމަށެވެ.

"އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލުން،" އޭނާ ވިދާޅުވި އެވެ

އެ މަޝްރޫއުގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް ވިދާޅުވީ، މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ފްލޯޓިން ސިޓީގެ ގެތައް: މިތަނުގައި ހުންނަ ގެތައް ހަދަނީ ފްލޯޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން

ފްލޯޓިން ސިޓީގެ ގެތައް: މިތަނުގައި ހުންނަ ގެތައް ހަދަނީ ފްލޯޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން

"މި ޕްރޮޖެކްޓްގެ ގެތައް ނިންމާ އާންމުންނަށް އެތަންތަން ފެންނާނެ ދުވަހަކަށް ވަރަށް ބޮޑަށް އުއްމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

ފްލޯޓިން ސިޓީގެ ފުރަތަމަ ގެ އަންނަ ރޯދަ މަހަށް ނިންމާލެ ކަމަށް އެ ކުންފުނިން ބުންޏެވެ. ފުރަތަމަ ހަދާ ގެތައް ނިމުމުން އާންމުންނަށް ގޮސް އެތަނުގައި ހަދާ ގެތައް ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ސިޓީގައި މިޑްލް ރޭންޖުން ހައި-އެންޑްގެ ގެތައް ހުންނާނެ އެވެ. ގެތަކުގެ އަގު އުޅޭނީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގަ އެވެ. ފްލޯޓިން ސިޓީގެ މި ގެތައް އިންސްޓޯލްމެންޓް އުސޫލުގެ އިތުރުން މޯގޭޖް އުސޫލުން ލޯނު ނަގައިގެން ގަތުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. މި ސިޓީގެ ވަށައިގެން ދެ ރިސޯޓު ތަރައްގީކުރަން ހަމަޖެހިފައިވެ އެވެ. އަދި ޔޮޓް މެރީނާއަކާއި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ރެސްޓޯރެންޓްތައް ވެސް އެ ސަރަހައްދަށް ގެންނަން ހަމަޖެހިފައިވެ އެވެ.