ޕެރިސް (ފެބްރުއަރީ 12) - ފްރާންސް ލީގުގައި ޕީއެސްޖީ އާއި ރެންސް ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ލަނޑުން، ޕީއެސްޖީން ލީގު އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
12 ފެބުރުއަރީ 2022
ޕެރިސް (ފެބްރުއަރީ 12) - ފްރާންސް ލީގުގައި ޕީއެސްޖީ އާއި ރެންސް ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ލަނޑުން، ޕީއެސްޖީން ލީގު އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ޕީއެސްޖީން 1-0 އިން ކާމިޔާބު ކުރި މި މެޗު ލަނޑެއް ނުޖެހި އެއްވަރުވާން ދަނިކޮށް، ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އެމްބާޕޭ ލަނޑު ޖެހީ ލިއޮނެލް މެސީގެ އެހީތެރިކަމާ އެކު އެވެ. އޭރިއާ ތެރޭން ހުސްކޮށްލާފައި އެމްބާޕޭ އަށް މެސީ ދިން ބޯޅަ އޭނާ ވަނީ ހުރަސް އަޅަން ކުރިމައްޗަށް އެރި ޑިފެންޑަރާއި ކީޕަރަށް ވެސް ފުރުސަތެއް ނުދީ ތިރިތިރިން ގޯލުގެ ދުރުކަނަށް ފޮނުވާލައިފަ އެވެ.
ޕީއެސްޖީން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން 18 މެޗު ކާމިޔާބު ކޮށްގެން 59 ޕޮއިންޓް ހޯދައިފަ އެވެ. ލީގުގައި ޕީއެސްޖީ ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހު ރެންސްގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ރެންސް ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމްބާޕޭ މެސީ އާއެކު.-- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުގައި ޕީއެސްޖީން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، އެމްބާޕޭގެ ގޯލަކީ، ބޯޅަ ގޯލާ އަމާޒު ކޮށްލެވުނު ހަމައެކަނި ހަމަލާއިން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފުގައި އެމްބާޕޭ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅަ އެޓީމުގެ ޒުވާން ކުޅުންތެރިޔާ، ޒަވީ ސިމޮންސް އެއްފަހަރުން ފޮނުވާލުމުން ރެންސްގެ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފަ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު މެސީގެ ޕާހަކުން ބޯޅަ ހޯދައި ކީޕަރު ކައިރިން ނައްޓާފައި އެމްބާޕޭ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ އެމްބާޕޭ އޮފްސައިޑު ކަމަށް ނިންމައިފަ އެވެ.
މިހާތަނަށް ލީގުގައި ޕީއެސްޖީ އަށް 12 ގޯލު ޖަހައިދީފައިވާ އެމްބާޕޭ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި، ތިން ގޯލު ޖަހައި، އެއް ގޯލު ޖަހަން އެސިސްޓް ކޮށްދީފަ އެވެ. އަދި މެސީ ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި އެއް ގޯލު ޖަހައި، ތިން އެސިސްޓް ކޮށްފަ އެވެ.
ޕީއެސްޖީ އަށް ދެން އޮތީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގެ މެޗެވެ. މި މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީގެ ދަނޑުގަ އެވެ. މި މެޗް ވެގެންދާނީ ބާސެލޯނާ ދޫކޮށް މި ސީޒަނުގައި ޕީއޭސްޖީއަށް ބަދަލުވި މެސީ، ބާސެލޯނާ ނޫން ޖޯޒީއެއްގައި ރެއާލްއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށެވެ. އަދި މި ސީޒަނަށް ފަހު އެމްބާޕޭ ހިލޭ ޓްރާންސްފާގައި ބޮޑު މުސާރައަކަށް ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެމްބާޕޭގެ ދެގޯލުން މޮޅުވެ ޕީއެސްޖީ ލީގު ހޯދުމާ ގާތަށް
ހިލޭޖެހުމަކުން ފަހުވަގުތު ޕީއެސްޖީ މޮޅުކޮށްދިނީ މެސީ
މެސީ އާއި އެމްބާޕޭ ނެތި ނޭމާ އަށް ނުވި
ބަލިނުވެ މެސީ، ނޭމާ އަދި އެމްބާޕޭ ވޯލްޑް ކަޕަށް
އުނދަގޫ މޮޅެއް، މެސީ، ނޭމާ، އެމްބާޕޭ ވެސް ގޯލުޖެހި
މެސީ އާއި އެމްބާޕޭގެ ލަނޑުތަކުން ޕީއެސްޖީ ކުރިއަށް
މެސީގެ މޮޅު ހިލޭޖެހުމާއެކު ޕީއެސްޖީ އެއްވަނަ އަށް
ނަންޓްސް ކޮޅަށް އެމްބާޕޭގެ ދެލަނޑު ޖަހަން އެހީވީ މެސީ
ނޭމާ އާއި އެމްބާޕޭ އަށް ވެސް ހެޓްރިކެއް
މެސީ، ނޭމާ އަދި އެމްބާޕޭގެ ލަނޑުތަކުން މޮޅުވެއްޖެ