Roadha Mihaaru
ޗެލްސީ އާއި ލިވަޕޫލް ލީގު ކަޕުގެ ތިން ވަނަ ބުރަށް

ޗެލްސީ އާއި ލިވަޕޫލް ލީގު ކަޕުގެ ތިން ވަނަ ބުރަށް

24 އޯގަސްޓް 2016

ލަންޑަން (އޮގަސްޓް 24) - އިނގިރޭސި ލީގު ކަޕް ދެ ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޗެލްސީ އާއި ލިވަޕޫލް މުބާރާތުގެ ތިން ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮގަސްޓް 24) - އިނގިރޭސި ލީގު ކަޕް ދެ ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޗެލްސީ އާއި ލިވަޕޫލް މުބާރާތުގެ ތިން ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ލިވަޕޫލް މޮޅުވީ ރަށުން ބޭރުގައި ބާޓަން އަލްބިއަން އަތުން 5-0 އިންނެވެ. ވާދަވެރި ކުޅުމަކަށް ފަހު ޗެލްސީން އަމިއްލަ ދަނޑުގައި ބްރިސްޓަލް ރޯވާސްގެ މައްޗަށް ކުރިހޯދީ 3-2 އިންނެވެ.

އެންމެ ފަހުން ކުޅުނު މެޗުން ބާންލީ އަތުން ބަލިވުމުން ރޭގެ މެޗަށް ލިވަޕޫލުން ނުކުތީ މޮޅެއް ހޯދައި ޓީމުގެ ފޯމު ރަނގަޅު ކުރުމަށެވެ. އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު މެޗުގައި ބެންޗުގައި ހުރި ސަޑިއޯ މާނޭ ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ ޑިވޮކް އޮރީގީ އެވެ.

ފުރަތަމަ ހާފްގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ ރޮބާޓޯ ފިރްމީނޯ އެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑަކީ ބާޓަންގެ ޓޮމް ނޭލާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ދެ ލަނޑު ކާމިޔާބުކުރީ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނިއަލް ސްޓަރިޖް އެވެ.

ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މެޗުގައި ބްރިސްޓަލް ރޯވާސް ކޮޅަށް ޗެލްސީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ އެވެ. އަނެއް ލަނޑު ޖެހީ ވިކްޓަ މޮސެސް އެވެ. ބްރިސްޓަލް ރޯވާސްގެ ލަނޑުތައް ކާމިޔާބުކުރީ ޕީޓަ ހާޓްލީ އާއި އެލިސް ހެރިސަން އެވެ.

ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އެވަޓަން ވަނީ 4-0 ޔޯވިލް ޓައުން ބަލިކޮށްފަ އެވެ. އަދި ނިއުކާސަލް ވަނީ 2-0 އިން ޗެލްޓަންހަމް ޓައުން އަތުން މޮޅުވެފަ އެވެ.