Roadha Mihaaru
ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބުން މައްސަލައަކަށް ނުވި

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބުން އެމްޑީޕީއަށް މައްސަލައަކަށް ނުވި

14 ފެބުރުއަރީ 2022

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުން ތިބުމަށް ތާއީދުކޮށް އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުން ތިބުމަށް ތާއީދުކޮށް އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަން ފަށައިފި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި އެ ކޮމިޝަންގައި ތިބި ސިޔާސީ މީހުން ބޭރުކުރުމަކީ އެމްޑީޕީގެ އިސް ބޭފުޅުން މީގެ ކުރިން ވަރަށް ގަދައަށް ވަކާލާތު ކުރަމުންް އައި ކަމެކެވެ. ޖޭއެސްސީ އެކުލަވާލާ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ވެސްމެ އެވެ.

ޖޭއެސްސީގައި މިހާރު ތިއްބެވި ސިޔާސީ ބޭފުޅުން ނުހިމަނައި އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިގެން ކުރިޔަށް ދާއިރު މިހާތަނަށް އެ ބިލަށް ވާހަކަ ދެއްކެވި އެމްޑީޕީގެ އެއްވެސް މެންބަރަކު އެ އިސްލާހަށް ތާއީދެއް ނުކުރައްވަ އެވެ. އެމްޑީޕީ މެންބަރުންގެ ވިސްނުން ހުރީ ސިޔާސީ މީހުން ޖޭއެސްސީން ބޭރުކުރުމާ ދެކޮޅަށެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމަށް ވުރެ އޭނާ ކަންބޮޑުވަނީ އެ ކޮމިޝަންގައި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ތިބޭތީ ކަމަށެވެ. އަދި ރައްޔިތުންގެ ރުހުމާއި ލޯބި މިވަގުތު ލިބިފައި އޮތީ މަޖިލިސް މެންބަރުންނަށް ކަމަށާއި މަޖިލީހުގައި ހިމެނޭ ކޮންމެ ސިޔާސީ ޕާޓީއަކުން އެއް މެންބަރަކު އެ ކޮމިޝަންގައި ހުންނަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މިއަދު ވެސް އަޑަށް ބާރުލާފާ ބުނަން ކެރޭނެ ޖޭއެސްސީ އަށް ދެން ވެސް މެންބަރުން ލާ ކަމަށްވާ ނަމަ އަޅުގަނޑަށް ވަރަށް ރަނގަޅު ސިޔާސީ ޕާޓީތަކުން މަޖިލީހަށް އިންތިހާބުކުރާ ކޮންމެ ޕާޓީއަކުން މެންބަރަކު އެތަނަށް ދާން. ހުކުމަށް ނުފޫޒު ފޯރުވޭ ބޭފުޅުން އެތަނުގައި ތިބުން މާ ނުރައްކާތެރި،" ޝަހީމް ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ޖޭއެސްސީ މިނިވަން ވާނީ ސިޔާސީ ބޭފުޅުން ބޭރުކޮށްގެން ކަމަށް ގަބޫލުކުރުމަކީ މޮޔަ ވިސްނުމެއް ކަމަށް.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ޖޭއެސްސީ މިނިވަން ވާނީ ސިޔާސީ ބޭފުޅުން ބޭރުކޮށްގެން ކަމަށް ގަބޫލުކުރުމަކީ މޮޔަ ވިސްނުމެއް ކަމަށް.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ޖޭއެސްސީން ސިޔާސީ މީހުން ބޭރުކުރުމަކީ ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށް ގަބޫލު ކުރުމަކީ ތަސައްވުރު ނުފުދޭ ޅަ ވިސްނުމެއް ކަމަށް ސައުތު އެފްރިކާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ކްރީގްލާގެ ދިރާސާއެއްގައި ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ ސިޔާސީ މީހުން އެތަނުން ބޭރު ކޮށްގެން ޖޭއެސްސީ މިނިވަން ވެދާނެ ކަމަށް ބެލުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް އިންތި ވިދާޅުވި އެވެ.

"އެންމެ މުހިންމު ކަމަކީ ރިފޯމުގެ އެޖެންޑާއާ އެކުގައި ވަކާލާތުކުރާ ބަޔަކު ވެރިކަމަށް އައިސް، އެ ގުޑް ވިލް އާއި އިސްލާހީ އަޒުމެއް އޮންނަ ބަޔަކު އައުން. އެއީ [ޖޭއެސްސީ އިސްލާހު ކުރަން] ބޭނުންވާ އެންމެ މުހިންމު ކަމެއް ގޮތުގައި ކްރީގްލާ ފާހަގަކުރަނީ. ވަކި ކޮމްޕޮޒިޝަނެއް އޮތުމެއް ނޫން،" އިންތި ވިދާޅުވި އެވެ.

އެ މައްސަލާގައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ މީހަކީ ރައިސުލްޖުމްހޫރިއްޔާ ކަމަށާއި އެ މަނިކުފާނަށް ބާރުވެރިކަން ދެނީ ރައްޔިތުން ކަމަށެވެ. އަދި ރައީސްގެ ފަރާތުން ދެ ބޭފުޅަކު ކޮމިޝަންގައި އިންނަވާ ކަމަށާއި ރައްޔިތުންގެ ބާރު އޮންނަ ގޮތަށް އެ ކޮމިޝަން އޮތުމަކީ ގޯސް ކަމެއް ގޮތުގައި ބެލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ޖޭއެސްސީގައި މިހާރު ތިއްބެވި ސިޔާސީ މީހުން ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާ ކަމަށާއި ނުފޫޒު ފޯރުވާ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލަ އަވަހަށް ހިނގާނެ ކަމަށެވެ.

"ބޮން ގޮއްވި މައްސަލަ އަދިވެސް އެ އުޅެނީ ނުބެލިގެން. ނުފޫޒު ފޯރުވާ ނަމަ އެންމެ ފުރަތަމަ ވެސް ބަލާނީ އެ މައްސަލަ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ވާހަކަ ދެއްކެވި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވެސް ޓޮމް ހުށަހެޅުއްވި އިސްލާހަށް ތާއީދެއް ނުކުރައްވަ އެވެ. އެ ދެ މެންބަރުން ވެސް ގަބޫލު ކުރައްވަނީ ޖޭއެސްސީ މިހާރު އޮތް ގޮތް ބަދަލު ކުރަން ޖެހޭ ކަމަށާއި ނަމަވެސް މިހާރު ހުށަހަޅާފައި އޮތް ގޮތް ރަނގަޅު ނޫން ކަމަށެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެން ވާނީ 10 މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައި ކޯޓުން އަދި ދަށު ކޯޓަކުން ފަނޑިޔާރަކާއި އާންމު މެންބަރަކާއި ގާނޫނީ ވަކީލެއް އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނައިބު އަދި ރައިސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއް ހިމެނެ އެވެ.

ޓޮމް ހުށަހެޅުއްވީ އެއްވެސް ސިޔާސީ މީހަކު ނުހިމެނޭ ގޮތަށް އެކުލެވުން ބަދަލު ކުރުމަށެވެ. ރިޓަޔާ ކޮށްފައިވާ ފަނޑިޔާރަކާއި އިންތިހާބުކުރާ ދެ ވަކީލުންނާއި ޔުނިވާސިޓީތަކުގައި ޝަރީއަތް ކިޔަވައިދޭ ބޭފުޅަކާއި ގާނޫނު ކިޔަވައިދޭ ބޭފުޅަކާއި ތައުލީމީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރެއް ހިމެނެ އެވެ. އަދި ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ދާއިރާއަކުން މަތީ ތައުލީމް ހޯދާފައިވާ ބޭފުޅަކު ހިމަނަން ވެސް ހުށަހަޅުއްވާފައިވެ އެވެ.

މީގެ ކުރިން ވެސް، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ޓޮމް ހުށަހެޅުއްވި ނަމަވެސް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލި އެވެ.