Roadha Mihaaru
ޖޭއެސްސީ ހިމަނަންވީ ނިޒާމީ ބަދަލުގެ ތެރޭގައި: ނަޝީދު

ޖޭއެސްސީ ބަދަލުކުރަން ފެންނަނީ ނިޒާމީ ބަދަލާ ވެސް އެކީ: ނަޝީދު

30 ނޮވެމްބަރ 2021

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލުކުރަން ފެނިވަޑައިގަންނަވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުން ހިމެނޭ ގޮތުން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އެހެން ބަދަލުތަކާ ވެސް އެކުގައި، އެއް ފަހަރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލުކުރަން ފެނިވަޑައިގަންނަވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުން ހިމެނޭ ގޮތުން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އެހެން ބަދަލުތަކާ ވެސް އެކުގައި، އެއް ފަހަރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީއަށް ގިނަ ބަދަލުތައް ގެންނަން ޖެހޭ ބައިވަރު ސަބަބުތަކެއް އެބަހުރި ކަަމަށާއި ޖޭއެސްސީގެ އެކުލެވުމަށް ބަދަލު ގެނައުމަކީ އޭގެ އެއް ކަންތައް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އެ ބަދަލުތަކަކީ އެއް ފަހަރާ ގެންނަ ބަދަލުތަކަކަށް ވުމަކީ ބޭނުންތެރިކަމެކެވެ.

"ހަމަ އެއާ އެކީގައި، އެނގިވަޑައިގަންނަވާނެ ވެރިިކަމުގެ ނިޒާމު ބަދަލުކުރުމަށް ވެސް އެތައް ބަޔަކު އެބަ މަސައްކަތް ކުރޭ. ގާނޫނޫނުއަސާސީއަށް ގެންނަ ބަދަލުތަކަކީ، އެއްފަހަރާ ގެންނަ ބަދަލުތަކަށް ވުން އެއީ ބޭނުންތެރިކަމެއް. އެހެންވީމާ އެ ބަދަލުތައް ގެންނަ ވަގުތުގައި، ޖޭއެސްްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން ވެސް އެެއީ އަޅުގަނޑަށް ފެންނަ ގޮތުގައި ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ސިޔާސީ ފަރާތްތައް ހިމެނޭ އަދަދު މަދުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުނު އިންތިހާބުގައި އެ ޕާޓީން ވެފައިވާ ވައުދެކެވެ. މިރޭގެ ޕްރޮގްރާމްގައި އެސުވާލު ފޮނުއްވި ފަރާތުން ސުވާލުކުރެއްވީ " އެވައުދު ފުއްދަވާނީ ކޮންއިރަކުންތޯ އާއި އެއީ ދައުރު ނިމޭ ހިސާބުން ފުއްދަންވީ ވައުދެެއްތޯ" އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ޖުޑިޝަރީ އިސްލާހުކުރުމަކީ އަބަދުވެސް އެންމެ ބޮޑަށް ކުރަމުން އަންނަ އެއް މަސައްކަތް ކަމަށެވެ. ފަނޑިޔާރުގެތަކަކީ މިނިވަން ތަންތަން ކަމަށް ވާން އެދެނީ އާއްމު ހާލަތު ރަނގަޅުކުރަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޝަރީއަތް އިސްލާހުކުރުން އެއީ އަޅުގަނޑުމެންގެ ވައުދެއް، އެ މަސައްކަތް އަޅުގަނޑުމެން މިއަންނަނީ ކުރަމުން. އަޅުގަނޑަށް މިރޭ ލިބޭ ވަރަށް ބޮޑު އުފަލެއް އެއީ އަޅުގަނޑުމެންގެ ވަރަށް ގިނަ ވާދަވެރިން ވެސް ޝަަރީއަތް އިސްލާހުވެފައި ހުރި މިންވަރުގެ ވާހަކަ ފާހަގަކުރޭ،" ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައި އޮތް ޖަލު ހުކުމް ބާތިލުކުރަން ސުޕްރީމްކޯޓުން ނިންމި ނިންމުމަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ކޯޓްތައް އިސްލާހުވަމުން އަންނަ ކަމާއި ޖޭއެސްސީން ހަރުދަނާ މަަސައްކަތްތަކެއް ކުރަމުން އަންނަ ކަން، އެ ހުކުމާއި އެކު މިހާރު ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ.

މި ފަހުން ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާ ބަދައްލުކުރެއްވުމަށް ފަހު ނަޝީދު ވިދާޅުވެފައިވަނީ ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުވެގެން ކުރެވޭ މަސައްކަތަކަށް ވުމަކީ ރައްޔިތުންނަށް އޭގެ އެންމެ ހެޔޮ ނަތީޖާ ނުކުންނާނެ ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއަަށް އަމަލުކުރުމުގައި ހުރި ދަތިތައް އެންމެނަށް ވެސް މިހާރު ފެންނަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

ޖޭއެސްސީ ބަދަލުކުރަން، އިދިކޮޅު ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) މީގެ ކުރިން ދެ ފަހަރަކު މަޖިލީހަށް ހުށަހެޅުއްވި އެވެ. އެހެން ނަމަވެސް އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާހެއް ނުވި އެވެ.