Roadha Mihaaru

30 ޕަސެންޓާ މެދު މަޝްވަރާ ކުރަން ޖެހޭ، އެއީ އެމްޑީޕީ އަށް މޮޅުވެވިދާނެ ފޯމިއުލާއެއް ނޫން: ފައްޔާޒް

ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯއްދަވާ ކެންޑިޑޭޓް މޮޅުވީ ކަމަށް ނިންމަން ގާނޫނުއަސާސީ އަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނުކުރެއްވި އިސްލާހަކީ އެމްޑީޕީ އަށް މޮޅު ވެވިދާނެ ފޯމިއުލާއެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެކަމާ މެދު މަޝްވަރާކޮށް، ރަނގަޅު ހައްލެއް ހޯދަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

30 ޕަސެންޓުގެ އިސްލާހަށް މަޝްވަރާކުރަންޖެހޭ: ފައްޔާޒު
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

14 ފެބުރުއަރީ 2022

ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯއްދަވާ ކެންޑިޑޭޓް މޮޅުވީ ކަމަށް ނިންމަން ގާނޫނުއަސާސީ އަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނުކުރެއްވި އިސްލާހަކީ އެމްޑީޕީ އަށް މޮޅު ވެވިދާނެ ފޯމިއުލާއެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެކަމާ މެދު މަޝްވަރާކޮށް، ރަނގަޅު ހައްލެއް ހޯދަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ 2023 އަށް ނެރެމުން އަންނަނީ ސިޔާސީ އެކި ބޭފުޅުންނަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ގޮތްތަކަކަށް ނެރޭ ވަރުގަދަ ފޯމިއުލާތަކެއް ކަމަށެވެ. ނަޝީދު، އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވައި ކޮންގްރެސްގައި މަޝްވަރާކުރާ ގޮތަށް އިއުލާން ކުރެއްވި 30 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯއްދަވާ ބޭފުޅަކު މޮޅުވީ ކަމަށް ކަނޑައެޅުގެ އިސްލާހު ހިމެނެނީ ވެސް އޭގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި 30 ޕަސެންޓް ވާހަކައިގައި މެރިޓްސް އެބަހުރި،" ފައްޔާޒް ވިދާޅުވި އެވެ.

ނަޝީދު ހުށަހެޅުއްވި ގޮތް:

- އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޖުމުލަ ވޯޓުގެ 30 ޕަސެންޓަށް ވުރެ މަތިން ލިބޭ ކެންޑިޑޭޓަކީ ކާމިޔާބު ހޯދި ކެންޑިޑޭޓުގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުން.

- އެއްވެސް ކެންޑިޑޭޓަކަށް 30 ޕަސެންޓް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުން.

ފައްޔާޒް ވިދާޅުވި ގޮތުގައި އެއް ޕާޓީއަކުން އެކަނި ނުކުމެ އިންތިހާބު ކާމިޔާބުކޮށްފި ނަމަ ކޯލިޝަން ޕާޓީތަކާ އެކު ސަރުކާރު ބަހަން ޖެހުމުގެ ޝަކުވާއަށް ނިމުމަކަށް އަންނާނެ އެވެ. އެއާއެކު ވެސް ރާއްޖޭގައި އަދިވެސް އެއް ޕާޓީއަކުން އެކަނި ނުކުމެ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމުގެ ހަގީގަތް އޭނާ ގަބޫލުކުރައްވަ އެވެ.

މިސާލަކަށް އަޅުގަނޑުމެން އެހެން ޕާޓީއަކާ އިންތިހާބުގައި ނުގުޅި ލިބެނީ 45 ޕަސެންޓް، ދެން ތިބި ހުރިހާ ޕާޓީއެއް އެއްކޮށްލައިގެން ފުރަތަމަ ބުރުގައި ނުކުމެ 55 ޕަސެންޓް ލިބުނީމާ އަޅުގަނޑުމެންނަށް ވެރިކަން ލިބޭ ފޯމިއުލާއެއް ކަމަކަށް ނުފެނޭ:--- ފައްޔާޒް

ފުރަތަމަ ބުރުގައި އެންމެ މަތިން ވޯޓު ހޯދާ ކެންޑިޑޭޓު މޮޅުވީ ކަމަށް ގާނޫނުއަސާސީ އަށް ގެންނަން އުޅޭ އިސްލާހު މިހާރު އޮތް ގޮތުން، ފައްޔާޒް ގަބޫލުކުރައްވާ ގޮތުގައި، އެމްޑީޕީ އަށް މޮޅު ހޯދޭކަށެއް ނެތެވެ.

"މިސާލަކަށް އަޅުގަނޑުމެން އެހެން ޕާޓީއަކާ އިންތިހާބުގައި ނުގުޅި ލިބެނީ 45 ޕަސެންޓް، ދެން ތިބި ހުރިހާ ޕާޓީއެއް އެއްކޮށްލައިގެން ފުރަތަމަ ބުރުގައި ނުކުމެ 55 ޕަސެންޓް ލިބުނީމާ އަޅުގަނޑުމެންނަށް ވެރިކަން ލިބޭ ފޯމިއުލާއެއް ކަމަކަށް ނުފެނޭ،" ފައްޔާޒް ވިދާޅުވި އެވެ.

އެއީ ފުރަތަމަ ބުރުގައި އެމްޑީޕީއާ ދެކޮޅަށް ކޯލިޝަން ހަދައި އެންމެން އެއްގަލަކަށް އެރުމުގެ ފުރުސަތު ވެސް އޮތުމުންނެވެ.

"އެކަމަކު ޑިބޭޓްކޮށް، ވާހަކަ ދައްކަން ޖެހޭ ކަަމަށް އަޅުގަނޑު ގަބޫލުކުރަން. އޭގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަން،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 30 ޕަސެންޓުން ހޮވޭ ކެންޑިޑޭޓް ވެރިކަމާ ހަވާލުވިޔަސް އަޣުލަބިއްޔަތަކާ ނުލައި ނުވަތަ އެހެން ބައެއްގެ ތަރުހީބާއި އެއްބާރުލުމާ ނުލައި ކުރިއަށް ދެވިދާނެ ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ފިކުރަށް ނުވަތަ ޕީޕީއެމްގެ ފިކުރަށް ބެލިޔަސް އެއްވެސް ސުވާލެއް ނެތި ޕާޓީއާއެކު ކުރިއަށް ދާން ތިބޭނީ 20-30 ޕަސެންޓް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ދެން މި ތިބެނީ މެދުގައި އުޅޭ ބައެއް. މިސާލަކަށް އެއް ޕާޓީއެއްގެ ސިޔާސަތު ރަނގަޅު ކަމަށް ގަބޫލު ކުރެވިފައި އެ ސިޔާސަތުތައް ތަންފީޒު ކުރަން ތިބި މީހުންނާ މެދު ޔަގީންކަން އޮތިއްޔާ މި ޕާޓީއާއެކު ތިބޭނެ. ނޫން ނަމަ ކަމުނުދަންޏާ އެހެން ކޮޅަކަށް ދާނެ. އެހެންވީމާ 51 ޕަސެންޓް ފުރަތަމަ ބުރުގައި ނުލިބިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" ފައްޔާޒް ވިދާޅުވި އެވެ.

އެކަމަކު ކުރިއަށް އޮތް ތަނުގައި އެ ހިސާބަށް އެމްޑީޕީއަށް ދެވޭނެ ކަމުގެ ޔަގީންކަން ފައްޔާޒަށް އެބައޮތެވެ. އޭނާގެ އަމާޒު 2023 އާ ހަމައަށް ގެންގުޅުއްވާނީ އެމްޑީޕީއަށް ދެވަނަ ދައުރެއް ކަށަވަރު ކުރެއްވޭނެ އެންމެ ރަނގަޅު ހައްލުތަކަކާ އެކު ކުރިއަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވި އެވެ.