Roadha Mihaaru

ރާވައިގެން ގަސްތުގައި ގޯސް ހަދާ މީހުން ދައުލަތުގައި އެބަތިބި: އޭޖީ

ނިޒާމް ރަނގަޅަށް އެނގިގެން އެ ނިޒާމުގެ ލޫޕް ހޯލްތައް ގަސްތުގައި ބޭނުން ކޮށްގެން ގޯސް ހަދާ މީހުން ދައުލަތް ތެރޭގައި އެބަތިބި ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެ އެވެ.

ރާވައިގެން ގޯސްހަދާ މީހުން ދައުލަތުގައި އެބަތިބި: އޭޖީ
މޫސާ ރަޝީދު
މޫސާ ރަޝީދު

16 ފެބުރުއަރީ 2022

ނިޒާމް ރަނގަޅަށް އެނގިގެން އެ ނިޒާމުގެ ލޫޕް ހޯލްތައް ގަސްތުގައި ބޭނުން ކޮށްގެން ގޯސް ހަދާ މީހުން ދައުލަތް ތެރޭގައި އެބަތިބި ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެ އެވެ.

ރިއްފަތު މިހެން ވިދާޅުވީ، ކުށް ކުރާކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ އިރު ވެސް ކުދިކުދި "ޓެކްނިކަލް މައްސަލަތަކާ" ހެދި މީހުން ދޫވާތީ އެކަމާ ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ކުރެއްވި ސުވަލަކަށް ޖަވާބު ދެއްވަމުންނެވެ.

ރިއްފަތު ވިދާޅުވީ އެގޮތަށް މީހުން ދޫވާ މައިގަނޑު ދެ ސަަބަބެއް އޮންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ފުލުހުންނާއި ތަހުގީގީ އިދާރާތަކުގެ ތެރޭގައި ނުވަތަ ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކުގައި ވެސް ރޭވި އިންތިޒާމް ވެގެން ގޯސް ހަދާ މީހުން ތިބުން ކަމަށެވެ.

"ނިޒާމު ރަނގަޅަށް އެނގިގެން ނިޒާމުގެ ތެރޭގައި ހުރި ލޫޕް ހޯލްތައް ހޯދައިގެން ގަސްތުގައި އެކަމުގެ ނިޔަތެއް ބާއްވައިގެން އެބަ ކުރިޔަށް ގެންދެވޭ. އެ ހަގީގަތް އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ދެވަނަ މައްސަލެއްގެ ގޮތުގައި ފާހަގަކުރެއްވީ 1977 ގައި ފާސް ކޮށްފައި އޮތް ދެ ސަފުހާގެ ހެއްކާ ބެހޭ ގާނޫނަކަށް މިއަދާ ހަމަޔަށް ވެސް ކޯޓުތަކުން އަމަލުކުރަން ޖެހުމެވެ. އެ ގާނޫނުގެ ތެރެއިން ހެކި ވަޒަން ކުރުމުގެ ބޮޑު އިހުތިޔާރެއް ފަނޑިޔާރަށް ލިބޭ ކަމަށް ރިއްފަތު ވިދާޅުވި އެވެ.

ތަފްސީލީ ގޮތެއްގައި ހެކި ވަޒަން ކުރެވޭ ގޮތެއް ލިޔެފައި ނެތުމުން ގާނޫނުގެ ތެރެއިން ބޮޑެތި ބާގަނޑުތަކެއް އުފެދޭ ކަމަށާއި އެކަމުގެ ސަބަބުން މައްސަލަތައް ސާބިތު ނުވެ މީހުން ދޫވާ ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

ހެއްކާ ބެހޭ އާ ގާނޫނެއް އޭޖީ އޮފީހުން މިދިޔަ އަހަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.

ރިއްފަތު ވިދާޅުވީ އެ ގާނޫނު ފާސްވުމުން މީގެ ގިނަ މައްސަލަތައް ހައްލު ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭގެ އިތުރުން މަދަނީ އަދުލުގެ ނިޒާމަށް ހުރި ގޮންޖެހުންތައް މަދަނީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން ހައްލުވާނެ ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ. އަދި އެކަންކަން އިތުރަށް ހަރުދަނާ ކުރުމަށް މި އަހަރުގެ ތެރޭގައި ފަނޑިޔާރުންގެ ގާނޫނާއި ކޯޓުތަކުގެ ގާނޫނަށް އިތުރު އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.