Roadha Mihaaru
ރޭލު ޑްރައިވަރުކަމަށް ސައޫދީން 28،000 އަންހެނުން

ރޭލު ޑްރައިވަރުކަމަށް ސައޫދީން 28,000 އަންހެނުން

17 ފެބުރުއަރީ 2022

ސައޫދީ އަރަބިއްޔާގައި ރޭލުތައް ދުއްވާނެ އަންހެން ޑްރައިވަރުން ހޯދުމަށް އިއުލާން ކުރުމާ ގުޅިގެން، އެ ވަޒީފާ އަށް އެދި އެ ގައުމުގެ 28,000 އަންހެނަކު ކުރިމަތިލައިފި އެވެ.

ސައޫދީ އަރަބިއްޔާގައި ރޭލުތައް ދުއްވާނެ އަންހެން ޑްރައިވަރުން ހޯދުމަށް އިއުލާން ކުރުމާ ގުޅިގެން، އެ ވަޒީފާ އަށް އެދި އެ ގައުމުގެ 28,000 އަންހެނަކު ކުރިމަތިލައިފި އެވެ.

ސައޫދީ އަރަބިއްޔާގައި ރޭލު ދުއްވުމުގެ ހިދުމަތް ދެމުން އަންނަ ސްޕޭންގެ ރެންފީ ކުންފުނިން ބުނި ގޮތުގައި އަންހެން ޑްރައިވަރުންގެ ގޮތުގައި 30 މީހުން ތަމްރީންކުރުމަށްޓަކައި އެކަމަށް ޝައުގުވެރިވާ މީހުން ހޯދުމަށް ހުޅުވައިލި އިރު، ސައޫދީން އެހާ ގިނަ އަދަދެއްގެ އަންހެނުން ކުރިމަތިލާނެ ކަމަށް ލަފާވެސް ނުކުރެވެ އެވެ. ނަމަވެސް ލިބުނު ތަރުހީބާ މެދު ހިތްހަމަޖެހޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރެންފީ އިން ބުނި ގޮތުގައި އެހާ ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލުމާ ގުޅިގެން، އެމީހުންގެ އިނގިރޭސި ފެންވަރާއި ތައުލީމީ ފެންވަރު ބެލުމަށް އޮންލައިންކޮށް ހެދި ޓެސްޓުތަކަށް ފަހު، އެ އަދަދު މިހާރު ވަނީ ދެ ބައިކުޅަ އެއް ބަޔަށް ދަށް ކުރެވިފަ އެވެ. ބާކީ ތިބި މީހުންގެ ތެރެއިން، 30 ޖާގައަށް ނަގާނެ މީހުން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ދާނީ މާޗް މަހުގެ މެދުތެރޭގަ އެވެ.

ތިރީސް ޖާގަ އަށް ހޮވޭ މީހުންނަށް، ރޭލު ދުއްވުމާ ބެހޭ ތަމްރީންތައް އެއް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާނެ އެވެ. ތަމްރީނުގެ މުއްދަތުގައި ވެސް އެމީހުންނަށް މުސާރަ ލިބޭނެ އެވެ. އެއަށް ފަހު އެމީހުންގެ ވަޒީފާއަކަށް އޮންނާނީ، މަދީނާ އާއި މައްކާއާ ދެމެދު ދަތުރުކުރާ ބުލެޓް ރޭލުތައް ދުއްވުމެވެ.

އެންފީ ކުންފުނިން ސައޫދީގައި ދެމުން އަންނަ ރޭލުގެ ހިދުމަތުގައި މިހާރު ބޭނުން ކުރަނީ 80 ފިރިހެން ޑްރައިވަރުންނެވެ. އޭގެ އިތުރުން ފިރިހެން 50 ޑްރައިވަރަކު ތަމްރީންތައް ފުރިހަމަކުރުމަށް ފަހު މިހާރު އަންނަނީ ރޭލު ދުއްވުމުގެ އަމަލީ ތަޖުރިބާތައް ހޯދަމުންނެވެ.

އާންމު ގޮތެއްގައި އަންހެނުން ވަޒީފާ އަދާކުރުން މަދު ސައޫދީ އަރަބިއްޔާގައި މިފަހަކާ ޖެހެންދެން އަންހެނުން އަދާކުރަމުން އައީ ކިޔަވައިދިނުމާއި ސިއްހީ ހިދުމަތުގެ ދާއިރާގެ ވަޒީފާތަކެވެ. އަދި 2018 ވަނަ އަހަރާ ޖެހެންދެން ވެސް، އެ ގައުމުގެ އަންހެނުން އަމިއްލައަށް ކާރު ދުއްވުން ވެސް އޮތީ މަނާކޮށްފަ އެވެ.

ނަމަވެސް ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން، އެ ގައުމު ތަރައްގީކުރެއްވުމަށް އިއުލާންކުރައްވާފައިވާ 2030ގެ ތަސައްވުރުގެ ދަށުން، ވަޒީފާގެ މައިދާނުން އަންހެނުންނަށް އިތުރު ފުރުސަތުތައް މިހާރު އަންނަނީ ދެމުންނެވެ. މީގެ ކުރިން ހަމައެކަނި ފިރިހެނުންނާއި ބޭރު ގައުމުތަކުގެ އަންހެނުން އަދާކުރަމުން އައި ވަޒީފާތައް ސައޫދީ އަންހެނުންނަށް ދޭން ފެށުމާ ގުޅިގެން، އެ ގައުމުގެ ވަޒީފާ އަދާކުރާ އާބާދީގައި އަންހެނުންގެ ހިއްސާ 33 ޕަސެންޓަށް މަތިވެއްޖެ އެވެ.