Roadha Mihaaru
ސައޫދީގައި ރޭލު ދުއްވަން އަންހެން ޑްރައިވަރުން ނެރެނީ

ސައޫދީގައި ރޭލު ދުއްވަން އަންހެން ޑްރައިވަރުން ނެރެނީ

23 ޖެނުއަރީ 2023

ސައޫދީ އަރަބިއްޔާގައި ގާއިމުކޮށްފައިވާ ރޭލުގެ ޚިދުމަތް ކަމަށްވާ ހަރަމައިން އެކްސްޕްރެސްގެ ރޭލުތައް ދުއްވުމަށް، އެ ގައުމު އެކި ސަރަހައްދުތަކުން ހޮވާލައިގެން ނެގި އަންހެނުންގެ ތެރެއިން 32 އަންހެނަކު ތަމްރީންތައް ފުރިހަމަކޮށް ޚިދުމަތަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ސައޫދީ އަރަބިއްޔާގައި ގާއިމުކޮށްފައިވާ ރޭލުގެ ޚިދުމަތް ކަމަށްވާ ހަރަމައިން އެކްސްޕްރެސްގެ ރޭލުތައް ދުއްވުމަށް، އެ ގައުމު އެކި ސަރަހައްދުތަކުން ހޮވާލައިގެން ނެގި އަންހެނުންގެ ތެރެއިން 32 އަންހެނަކު ތަމްރީންތައް ފުރިހަމަކޮށް ޚިދުމަތަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ސައޫދީ އަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީން އިއްޔެ ބުނި ގޮތުގައި، ހަރަމައިން އެކްސްޕްރެސްގެ ރޭލުތައް ދުއްވުމަށް ތަމްރީން ކުރި 32 ޑްރައިވަރުން މިހާރު ތިބީ، އެ މަސައްކަތަށް ނުކުންނަން ބޭނުންވާ ހުރިހާ ތަމްރީންތަކެއް ފުރިހަމަކޮށްފަ އެވެ. އޭގެ ތެރޭގައި ރޭލުގެ ދަތުރުތަކުގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި، ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ އެންމެހައި އުސޫލުތަކަށް ވެސް މިހާރު އެމީހުން ތިބީ ހޭނި ފަރިތަވެފައި ކަމަށް ވެސް އެ އޭޖެންސީން ބުނެ އެވެ.

އެހެންކަމުން އެމީހުން ވަރަށް އަވަހަށް ޚިދުމަތަށް ނުކުންނާނެ ކަމަށް ސައޫދީގެ ރަސްމީ ނޫސް އޭޖެންސީން ބުންޏެވެ.

ތަމްރީންތައް ފުރިހަމަކުރި ޑްރައިވަރުންގެ ތެރޭގައި ހިމެނޭ ޘަރާ އަލީ އައްޒަހްރާނީ ބުނި ގޮތުގައި ސައޫދީގެ ޕޮލިޓެކްނިކުން ރޭލު ޑްރައިވަރުންގެ ވަޒީފާގެ ފުރުސަތު އަންހެނުންނަށް ހުޅުވައިލުމަކީ، ތަރައްގީގެ ކަންކަމުގައި އަންހެނުން ބައިވެރިވުމަށް ހުޅުވުނު ވަރަށް ތަނަވަސް ދޮރެކެވެ. އެ ކަމަށް ކުރިމަތިލުމުން އިންޓަވިއުކޮށް ތަމްރީންތައް ފުރިހަމަކޮށް ނިންމައި ތަމްރީންތަކުން ފާސްވެ ޚިދުމަތަށް ނުކުތުމުގެ ފުރުސަތު ލިބުނީތީ އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސައޫދީގެ ވަލީ އަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އިއުލާން ކުރެއްވި 2030ގެ ތަސައްވުރުގެ ސަބަބުން، ގައުމީ ޚިދުމަތުގައި ބައިވެރިވުމުގެ ފުރުސަތު އަންހެނުންނަށް ލިބިއްޖެ އެވެ. އަދި މިއީ ގައުމުގެ އިގްތިސާދީ ހަރަކާތްތަކުގައި އިތުރު ތަފާތު ދާއިރާތަކުން އަންހެނުން ބައިވެރިވުމަށް ލިބުނު ހިތްވަރެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ހަރަމައިން އެކްސްޕްރެސް އަކީ މައްކާ އާއި މަދީނާއާ ދެމެދު ގާއިމުކޮށްފައިވާ 453 ކިލޯމީޓަރު ދިގުމިނުގެ ރޭލު މަގެއްގައި ދެމުން އަންނަ ޚިދުމަތެކެވެ. ހައްޖާއި އުމްރާގެ އަޅުކަމަށާއި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރާ މީހުންގެ ލުއިފަސޭހައަށް ޚާއްސަކޮށްގެން ގާއިމުކުރި މި ޚިދުމަތުގައި ރޭލުތައް ދަތުރު ކުރާނީ ޖިއްދާގެ ތެރެއިން ލައިފަ އެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށީ 2009 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. މަސައްކަތް ފުރިހަމަ ކުރުމަށް ފަހު އަޖުމަބެލުމުގެ ދަތުރުތައް ފެށީ ސެޕްޓެމްބަރު 25، 2018ގަ އެވެ. އެއަށް ފަހު އާންމު ދަތުރުތަކަށް ހުޅުވައިލީ އޮކްޓޫބަރު 11، 2018ގަ އެވެ.

ސައޫދީ ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި ހަރަމައިން އެކްސްޕްރެސްގެ ރެއިލްތަކުން އަހަރަކު 60 މިލިއަން މީހުން ދަތުރުކުރާނެ އެވެ. އޭގެ ތެރޭގައި ހައްޖާއި އުމްރާގެ އަޅުކަމަށް އަންނަ 3-4 މިލިއަން މީހުން ވެސް ހިމެނެ އެވެ.