Roadha Mihaaru
ސައުދީ އަންހެން ޓީމުގެ މެޗުގެ ފޮޓޯ/ވީޑިއޯ ނެގުން މަނާ

ސައުދީގެ އަންހެން ޓީމު ކުޅޭ މެޗުގެ ފޮޓޯ އާއި ވީޑިއޯ ނެގުން މަނާކޮށްފި

20 ފެބުރުއަރީ 2022

ރާއްޖޭގައި މިހާރު ކުރިއަށްގެންދާ އަންހެނުންގެ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުގެ ސީރީޒްގައި މިރޭ ސައުދީ އަރަބިއާ ކުޅޭ މެޗުގެ ފޮޓޯ އާއި ވީޑިއޯ ނެގުން މަނާކޮށްފި އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްގެންދާ އަންހެނުންގެ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުގެ ސީރީޒްގައި މިރޭ ސައުދީ އަރަބިއާ ކުޅޭ މެޗުގެ ފޮޓޯ އާއި ވީޑިއޯ ނެގުން މަނާކޮށްފި އެވެ.

އެފްއޭއެމުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސިލްސިލާ މެޗުތަކުގައި މިރޭ ސައުދީގެ ޓީމު ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. މިރޭގެ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 9 ޖަހާއިރު އެވެ. ސައުދީ އަރަބިއާގެ އަންހެން ފުޓްބޯޅަ ޓީމުން ކުޅޭ ފުރަތަމަ އިންޓަނޭޝަނަލް މެޗަށް މިރޭގެ މެޗު ވާނެ އެވެ.

މިރޭ މެޗާ ގުޅިގެން އެފްއޭއެމް އިން މީޑިއާތަކަށް އަންގާފައި ވަނީ ފޮޓޯ އާއި ވީޑިއޯ ނެގޭނެ އެއްވެސް އިކިޔުޕްމެންޓެއް ދަނޑުގައި ބޭނުން ނުކުރުމަށެވެ.

"މިރޭ ސީޝެލްސް އާއި ސައުދީ އަރަބިޔާ ބައްދަލުކުރާ އެކުވެރިކަމުގެ މެޗުގައި، ސްޓޭޑިއަމްގެ އެތެރޭގައި ފޮޓޯ ނެގުމާއި ކެމެރާ ބޭނުން ކުރުމުގެ ހުއްދައެއް ނެތެވެ." އެފްއޭއެމްގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައިވެ އެވެ.

މި ސީރީޒްގައި މިހާތަަނަށް ކުޅުނު ދެ މެޗަކީ ސީޝެލްސް އާއި ރެއްޖެ ބައްދަލުކުރި ދެ މެޗެވެ. ފުރަތަމަ މެޗް ރާއްޖެއިން ކާމިޔާބު ކުރީ 1-0 އިންނެވެ. ދެވަނަ މެޗު ސީޝެލްސްއިން ކާމިޔާބު ކުރީ 4-0 އިންނެވެ. އެ ދެމެޗު ވެސް ޔެސް ޓީވީން ވަގުތު ދެއްކި އެވެ. ސިލްސިލާގެ ފަހު މެޗުގައި ސައުދީއާ ދެކޮޅަށް ކުޅޭނީ ރާއްޖެ އެވެ.

ސައުދީ އަރަބިއާ އިން ވަނީ 2020 ގައި އެ ގައުމުގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ލީގެއް ތައާރަފް ކޮށްފަ އެވެ.