Roadha Mihaaru
ޔާމީން ހައްޔަރުކުރަން ގޮވާލުން ހަމައެއް ނުޖެހޭ: ޝިޔާމް

ޔާމީން ހައްޔަރުކުރަން ގޮވާލުން ހަމައެއް ނުޖެހޭ: ޝިޔާމް

21 ފެބުރުއަރީ 2022

ރައްޔިތުންނަށް އިންސާފު ހޯދައިދޭން ވެރިކަމަށް އައި ބަޔަކު ގޮވަންވީ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަންތޯ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު އުފައްދަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންނަށް އިންސާފު ހޯދައިދޭން ވެރިކަމަށް އައި ބަޔަކު ގޮވަންވީ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަންތޯ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު އުފައްދަވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުން ނުހިމެނޭ ގޮތަށް، އެ ކޮމިޝަނަކުން އެކުލަވައިލަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހުގެ މިއަދުގެ ބަހުސްގައި ޝިޔާމް ވިދާޅުވީ، ފަނޑިޔާރުގެ އިސްލާހުކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށް ވާއިރު، މިހާރު އެ ވައުދުގެ މަތިން ހަނދާން ނެތިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ އެއްވެސް ނިޔަތެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށާއި ޖޭއެސްސީ އިސްލާހުކުރުމުގެ ބިލް، އިދިކޮޅުގެ މެމްބަރަކު މަޖިލީހަށް ހުށަހަޅުއްވަން ޖެހުމަކީ އެމްޑީޕީގެ މެމްބަރުން ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ. އަދި މިއަދުގެ ބަހުސް ކުރިއަށް ދިޔަ ވަގުތު މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ނެތުމުން އެކަމާ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އެމްޑީޕީގެ މެމްބަރުންނަށް ހީވާ ކަހަލަ ރައީސް ޔާމީން ކަރުގައި ހިފައިގެން ނުވަތަ ހައްޔަރު ކުރެވުނީމާ ރާއްޖޭގައި އިންސާފު ގާއިމުކުރެވުނީ ކަމަށް. އަތު ޖެހޭ ކޮންމެ ޕޯޑިއަމެއްގައި ކޮންމެ މައިކެއްގައި ރައީސް ޔާމީން ހައްޔަރު ކުރާ ވާހަކަ އާއި ޖަލަށް ލާ ވާހަކަ. އެއީތޯ ރައްޔިތުންނަށް އިންސާފު ހޯދައިދޭން އައި ބަޔަކު ގޮވަން ޖެހޭ ވާހަކައަކީ؟" އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ފުރުއްވާ ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މި ސަރުކާރުން ޔާމީންގެ ފަހަތުން ދުވެގެން ރައްޔިތުންނަށް ހޯދައިދޭވޭނެ އެއްވެސް ހިތްހަމަޖެހުމެއް ނޯންނާނެ އެވެ.

އެ އިސްލާހާ ގުޅޭ ގޮތުން އިތުރު މެމްބަރުން ވެސް ވާހަކަ ދެއްކެވިއިރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ކުރީގެ ދެ ސަރުކާރުގައި ވެސް ފެނުނީ ޖޭއެސްސީ ބޭނުންކޮށްގެން، ވެރިން އަމިއްލަ ފައިދާ ހާސިލްކުރަމުން ދިޔަ މަންޒަރު ކަމަށެވެ.

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މަޖިލީހުގައި ވާހަކަދައްކަވަނީ: ޖޭއެސްސީ އިސްލާހުކުރުމުގެ ބިލަށް އޭނާ ތައީދުކުރައްވާ.-- ފައިލް ފޮޓޯ: މަޖިލިސް

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މަޖިލީހުގައި ވާހަކަދައްކަވަނީ: ޖޭއެސްސީ އިސްލާހުކުރުމުގެ ބިލަށް އޭނާ ތައީދުކުރައްވާ.-- ފައިލް ފޮޓޯ: މަޖިލިސް

ގާނޫނުއަސާސީން ތިން ބާރު ވަކިކޮށްފައިވާއިރު، ޖޭއެސްސީ އަކީ ވެސް މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބެން ޖެހޭ ތަނެއް ކަމަށް ގަބޫލު ކުރައްވާތީ އެ އިސްލާހަށް އޭނާ ތާއީދުކުރައްވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެކަމަކު، މިއަދު ޖޭއެސްސީ އެކުލަވާފައިވާ ގޮތުން، އެއީ މިނިވަންކަމާ އެކު މަސައްކަތް ކުރެވިދާނެ ކޮމިޝަނެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުގައި މިހާރު އޮތް ގޮތުން ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަންނާނެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ހައި ކޯޓުގެ ފަނޑިޔާރުން އެ ތާނގައި ތިއްބެވި. ދަށު ކޯޓުގެ ފަނޑިޔާރުން އެބަ ތިއްބެވި. ހަމަ އެއާކު ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ރައީސް އައްޔަންކުރާ މެމްބަރަކު އެބަ އިންނެވި. ބަންޑާރަ ނައިބު އެބަ އިންނަވާ،" ނާޒިމް ވިިދާޅުވި އެވެ.

"އެހެންވެ، އޭރެއްގައި ހުންނަ ރައީސަކަށް ޖޭއެސްސީ ކޮންޓްރޯލް ކުރުމުގެ ބާރު ލިބިގެންދާނެ ކަަން މީގެން އެނގޭ."

ޖޭއެސްސީއާ ގުޅޭ ގޮތުން ކުރިން ނެރެފައިވާ ބައެއް މިނިވަން ރިޕޯޓްތަކުގައި ވެސް އެ ކޮމިޝަން މިނިވަންތަނެއް ނޫން ކަމަށް ބުނެފައި ވާތީ އެ ރިޕޯޓްތަކަށް ވެސް ނާޒިމްގެ ވާހަކައިގައި އަލިއަޅުއްވާލެއްވި އެވެ.

ޖޭއެސްސީ އިސްލާހުކުރަން ޕީޕީއެމްގެ މެމްބަރު އަދި މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ހުށަހަޅުއްވާފައިވާ އިސްލާހު ބަލައިގަތުމާ އެމްޑީޕީގެ ގިނަ މެމްބަރުން ދެކޮޅު ހައްދަވަ އެވެ. ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމަށް ހުށަހެޅި އިސްލާހަށް ކުރީގެ ޖަލްސާތަކުގައި ބަހުސްކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން މިހާރު ދެކެވަޑައިގަންނަވާ ގޮތުގައި، އެ ކޮމިޝަންގައި ސިޔާސީ މީހުންގެ ބާރު ކޮންމެވެސް ވަރަކަށް އޮންނަން ޖެހެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާއި އެ ކޮމިޝަންގައި ސިޔާސީ މީހުން ނުތިބޭ ގޮތް ހެދުމަކީ އެމްޑީޕީން މީގެ ކުރިން ވަރަށް ގަދައަށް ވަކާލާތު ކުރަމުން އައި ކަމަކެވެ. އެއީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.