Roadha Mihaaru
އިދިކޮޅުގެ ރުޅި ޖޭއެސްސީއަށް: ނިޒާމް ފުނޑާލައިފި!

އިދިކޮޅުގެ ރުޅި ޖޭއެސްސީއަށް: ނިޒާމް ފުނޑާލައިފި!

18 ނޮވެމްބަރ 2019

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލާގައި، ސަރުކާރާ އިދިކޮޅު މެމްބަރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލާގައި، ސަރުކާރާ އިދިކޮޅު މެމްބަރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެ ދެ ފަނޑޔާރުން ވަކިކުރުމުގެ މައްސަލަ މިއަދަށް ވަނީ އެޖެންޑްކޮށްފަ އެވެ. ޖޭއެސްސީގެ ރިޕޯޓް ދިރާސާކޮށް ޖުޑީޝަރީ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް މިއަދު ވަނީ ތަޅުމަށް އިއްވައިފަ އެވެ.

އޭގެ ތެރެއިން އުއްތަމަ ފަނޑިޔާރު ވަކިކުރަން ނިންމި ނިންމުމާ ގުޅޭ ބަހުސްގައި ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއަދު ފެންނަނީ ގާނޫނު އަސާސީ "ފުނޑާލާ"ތަން ކަމަށެވެ.

ޖޭއެސްސީން އަމަލުކުރަނީ ފަނޑިޔާރުންގެ ގާނޫނާ ސީދާ ހިލާފަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އެއީ ޖޭއެސްސީގެ މެންޑޭޓުގެ ބޭރުން ކުރާ ކަމެކެވެ.

"މިހާރު މި ހިނގަނީ ބާތިލް ކަންތައްތަކެއް. ޖޭއެސްސީގެ ގާނޫނު މާ ބާރުގަދަވެގެން ރާއްޖޭގެ ގާނޫނު އަސާސީއަށް ވުރެ. ގާނޫނަށް ވުރެ ބާރުގަދަވާ ގާނޫނެއް މާއްދާއެއް ޖޭއެސްސީގެ ގާނޫނުގައި ނޯންނާނެ،" ގާނޫނު އަސާސީ ހިފައިގެން ހުންނަވައި ޝިޔާމް ވިދާޅުވި އެވެ.

"މިއަދު މިފެންނަނީ މާ ބާރުގަދަ މުއައްސަސާއަކަށް ޖޭއެސްސީ ވެގެން ދިވެހި ރައްޔިތުންނަށް ބިރު ދައްކަން މަސައްކަތް ކުރާތަން."

ޖޭއެސްސީ އަށް ފެންނަނީ ވަކި ވައްތަރެއްގެ އަދި ވަކި ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތަކެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ހުށަހަޅާފައި ވާނެ ކަމަށާއި އެކަމަކު އެ މައްސަލަ ޖޭއެސްސީން ނުބަލަނީ ކީއްވެގެންތޯ ޝިޔާމް ސުވާލުކުރެއްވި އެވެ.

"ޖޭއެސްސީން ބޭނުންވާ ގޮތަކަށް. ބޭނުންވާ ފަނޑިޔާރެއްގެ ކަރުގައި ހިފައި ފިތާލާތަން އަޅުގަނޑުމެންނަށް މިފެންނަނީ. މިއީ ހިތާމަހުރި ކަމެއް. މިކަންތައް މިކުރާ ވެރިން ޖަވާބުދާރީ ކުރުވާނެ ދުވަހެއް އަންނާނެކަން އެނގިގެން މިކަންތައް ކުރައްވާ،" ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ވަކި ގޮތަށް ކުރިއަށް ގެންދަން ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާ ކަމަށާއި އެކަން ގާޒީ އަލީ ރަޝީދަށް ވެސް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް އެ މައްސަލަ ކުރިން ބެއްލެވި ގާޒީ އަހުމަދު ހައިލަމް ވިދާޅުވެފައި ވާތީ އަލީ ރަޝީދު ވަނީ އެއީ ދޮގެއް ކަމަށް ވިދާޅުވެ ރާއްޖެޓީވީ އަށް އިންޓަވިއުއެއް ދެއްވައިފަ އެވެ. ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން، ސިޔާސީ މީހަކު ނުވަތަ މީޑިއާ ގައި ދައްކާ ވާހަކަ އަކަށް ފަނޑިޔާރުން ރައްދު ދިނުމަކީ މަނާ ކަމެކެވެ.

ޝިޔާމްގެ އެ ވާހަކައަށް ރައްދު ދެއްވައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މީޑިއާގައި ވާހަކަ ދެއްކުމަކީ އެއްވެސް ފަނޑިޔާރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ބުރަދަނަށް ބަލަނީ އެ މައްސަލައިގެ ބާވަތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބަހުސްގައި ޝިޔާމް ވިދާޅުވީ ޖޭއެސްސީން ބަލަނީ ވަކި ފަނޑިޔާރުންތަކެއްގެ މައްސަލަ ކަމަށެވެ.

"ޖޭއެސްސީން ބޭނުންވާ ގޮތަކަށް. ބޭނުންވާ ފަނޑިޔާރެއްގެ ކަރުގައި ހިފައި ފިތާލާތަން އަޅުގަނޑުމެންނަށް މިފެންނަނީ. މިއީ ހިތާމަހުރި ކަމެއް. މިކަންތައް މިކުރާ ވެރިން ޖަވާބުދާރީ ކުރުވާނެ ދުވަހެއް އަންނާނެކަން އެނގިގެން މިކަންތައް ކުރައްވާ،" ޝިޔާމް ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރުން އަބްދުﷲ ޖާބިރު ވިދާޅުވިގޮތުގައި ފަނޑިޔާރުގެ މިނިވަން ކުރުމުގެ ނަމުގައި މަޖިލީހުން ހަދަމުން ދަނީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ދެން އަމާޒު ހިފީ ފަނޑިޔާރު ގެއަކީ އަމިއްލަ މިލްކިއްޔާތަކަށް ހަދަން ކަމަށް ޖާބިރު ވިދާޅުވި އެވެ.

ހަމައެކަނި ގޯހީ ފަނޑިޔާރުގެ ތޯ އާއި ސަރުކާރުގައި ތިބި ކޮރަޕްޓް މީހުންނާ ދޭތެރޭ ފިޔަވަޅު ނާޅަނީ ކީއްވެތޯ ޖާބިރު ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑު ގަބޫލުކުރަން ދިވެހި ރާއްޖޭގެ ފަނޑިޔާރުގެ އިސްލާހުކުރަން ޖެހޭކަން. ހަމަ އެގޮތަށް އަޅުގަނޑު ގަބޫލު ކުރުމަށް ސަރުކާރުގައި ތިބި ވަގުންތައް ބޭރުކުރަން ޖެހޭކަން،" ޖާބިރު ވިދާޅުވި އެވެ.

ފަނޑިޔާރުން ވަކިކުރަން ނަގާ ވޯޓުގައި ވޯޓު ނުދެއްވާނެ ކަމަށާއި ސަބަބަކީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަން ކުރާ ކަމަކަށް ވާތީ ކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި ވައްކަމުގެ ތުހުމަތު ރައީސަށް ޖާބިރު ކުރެއްވި އެވެ.

މިހާރު އެމްޑީޕީގެ މެޖޯރިޓީ އޮތުމުން މަޖިލީހުގައި ބޭނުން ކަމެއް ކުރެވިދާނެ ކަމަށާއި ނަމަވެސް ފަހުން އެ ބާރުނެތް ދުވަހަކުން ކަންވާނެ ގޮތަކާމެދު ވިސްލާނަން ޖެހޭ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.