Roadha Mihaaru
ނިޒާމު ބަދަލުކުރަން ފެނޭތޯ އަހަން ޝިޔާމް ތާއީދު

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެނޭތޯ އަހަން ޝިޔާމްގެ ތާއީދު

19 ސެޕްޓެމްބަރ 2023

ރާއްޖޭގައި ވެރިކަންކުރާ ނިޒާމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ތާއީދުކުރައްވައި މިއަދު ވާހަކަ ދައްކަވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖޭގައި ވެރިކަންކުރާ ނިޒާމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ތާއީދުކުރައްވައި މިއަދު ވާހަކަ ދައްކަވައިފި އެވެ.

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ޝިޔާމް ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50،000 އަށް ވުރެ ގިނަ މީހުން ވޯޓު ލާން ނުނުކުންނަކަން ފާހަގަކުރައްވައިފަ އެވެ.

ވޯޓު ލެވޭ އާބާދީގެ 20 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓު ލާން ނުނުކުތީ ރާއްޖޭގައި 16 އަހަރުވީ ރިޔާސީ ނިޒާމުގެ މައްސަލައަކުންތޯ ރައްޔިތުންގެ ކިބައިން ސާފުކުރުމަށް ތާއީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން 16 އަހަރުވީ މި ނިޒާމުގައި ކޮބާތޯ ގޯސްކަމަކީ އަނެއްކާ ވެސް ރައްޔިތުން ކުރެން އަހާލުމަކީ އަޅުގަނޑު ހަމަ ތާއީދުކުރާ ކަމެއް. ރައްޔިތުން ކައިރިން އަހާލައިގެން އަނެއްކާ ރައްޔިތުން ބޭނުންވާ ގޮތަކަށް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން ނުރުހޭ ކަމެއް ނޫން، ރުހޭ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.

އިލްޔާސްގެ ގަރާރު މަޖިލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރަން ފާސްކުރީ، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ފަހު ވަގުތު ދޫދީ، ތާއީދު ކުރުމުންނެވެ.

އިއްޔެ އާއި މިއަދުގެ ޖަލްސާގެ ބޮޑު ބައެއް ވެސް އެމްޑީޕީ މެމްބަރުން ތަޅުމަށް ވަޑައިނުގަންނަވާތީ، އިލްޔާސްގެ ގަރާރަށް މުޅިންހެން ބަހުސް ކުރެއްވީ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.

ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައި އޮތީ، ގަރާރުގެ މަސައްކަތް ނިމެންދެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވުމަށެވެ. އެކަމަކު ގަރާރު ބަލައިގަންނަން ވޯޓަށް އަހާ ވަގުތު ޖެހުނު އިރު، އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ތަޅުމަށް ވަޑައިގެން އެ ގަރާރަށް ތާއީދުކުރެއްވުމުން، ނަޝީދު ވަނީ މުޅި މަޖިލީހުގެ ކޮމިޓީ މާދަމާ ކުރިއަށް ގެންދަން ނިންމަވައިފަ އެވެ.

ނިޒާމީ ވޯޓެއް ނަގަން ތާއީދުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި ނަމަވެސް، ގަރާރު މަޖިލީހަށް ބަލައިގަންނަން އޭނާ ވެސް އަދި ޕީޕީއެމް/ޕީއެންސީ ގެ އެއްވެސް މެމްބަރަކު ވެސް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

އިލްޔާސްގެ ގަރާރުގައި ވަނީ އަންނަ އޮކްޓޯބަރު 30 ގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ހުށަހަޅުއްވައިފަ އެވެ. އަދި ގާނޫނުއަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން އެކަން ސީދާ މަޖިލީހަށް ކުރެވޭނެ ކަމަށް ނަޝީދު ވަނީ މިއަދު ވިދާޅުވެފަ އެވެ.

ނިޒާމީ ވޯޓަކަށް ޝިޔާމް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިމިވަނީ، މި މަހުގެ 30 ގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދަން އެމްޑީޕީގެ އިތުރުން ޕީޕީއެމް/ޕީއެންސީ އާ އެކު މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އިންތިހާބުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ ޑިމޮކްރެޓްސްގެ މައިގަނޑު ޝަރުތު ކަމަށް ބުންޏަސް، އެ ޕާޓީގެ އިންޓަރިމް ކައުންސިލުން ރޭ ޕީޕީއެމް/ޕީއެންސީ އަށް ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި އެ ވޯޓު ނެގުން ހިމަނާފައެއް ނުވެ އެވެ.

އޭގެ ބަދަލުގައި ޑިމޮކްރެޓްސް އިން ހުށަހެޅީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގެ ބައިވެރިވުން އޮންނާނެ މިންވަރާއި ޑިމޮކްރެޓުންގެ ސިޔާސަތުތައް ތަންފީޒު ކުރާނެ މިންވަރު މާދަމާގެ ކުރިން ލިޔުމުން އެންގުމަށެވެ.

އެކަމަކު އެމްޑީޕީ އަށް ޑިމޮކްރެޓްސް އިން ހުށަހެޅީ މި މަހުގެ 28 ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ.