Roadha Mihaaru
ބޯޑާ މައިލްސްގެ ފުރަތަމަ ގޯލްޑް ޓިއާ ކޯބިން އަށް

ބޯޑާ މައިލްސްގެ ފުރަތަމަ "ގޯލްޑް ޓިއާ" ކޯބިންގެ ދެބަފައިންނަށް

21 ފެބުރުއަރީ 2022

ރާއްޖެ އަށް ތަކުރާރުކޮށް އަންނަ ޓޫރިސްޓުން ގިނަ ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފެށި "ބޯޑާ މައިލްސް" ޕްރޮގްރާމުގެ ދަށުން އަބާރަނަ (ގޯލްޑް) ޓިއާ ރާއްޖޭގެ ޓޫރިޒަމްގެ ޕައިނިއަރެއް ކަމަށްވާ ޖޯޖް ކޯބިން އާއި އޭނާގެ ދަރިކަނބަލުން ޖޯޖިއާ ކޯބިން އަށް މިއަދު ދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އަށް ތަކުރާރުކޮށް އަންނަ ޓޫރިސްޓުން ގިނަ ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފެށި "ބޯޑާ މައިލްސް" ޕްރޮގްރާމުގެ ދަށުން އަބާރަނަ (ގޯލްޑް) ޓިއާ ރާއްޖޭގެ ޓޫރިޒަމްގެ ޕައިނިއަރެއް ކަމަށްވާ ޖޯޖް ކޯބިން އާއި އޭނާގެ ދަރިކަނބަލުން ޖޯޖިއާ ކޯބިން އަށް މިއަދު ދީފި އެވެ.

މިއީ ރާއްޖެ އަށް އައި ޓޫރިސްޓަކަށް މި ޓިއާ ދިން ފުރަތަމަ ފަހަރެވެ.

މި ޓިއާ ކޯބިން އަށް އެރުވީ، އޭނާ ރާއްޖެ އަށް ކުރެއްވި ދަތުރު ނިންމަވައިލެއްވުމަށް ފަހު، ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވިި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. ނަސީމަކީ ވެސް މީގެ 50 އަހަރު ކުރިން ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާ އެވެ. އަދި ކޯބިންގެ ފުރަތަމަ ދަތުރު 50 އަހަރު ކުރިން ރާއްޖެ އަށް ކުރެއްވުމަށް މެދުވެރިވެ، އެހީތެރިކަން ދެއްވި ބޭފުޅަކީ ނަސީމެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ރާވާފައިވާ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކޯބިން ރާއްޖެ ވަޑައިގަތީ މި މަހުގެ 15 ގަ އެވެ. މިއީ 1972 ވަނަ އަހަރުގެ ފަހުން އޭނާ ރާއްޖެ އައި ތިންވަނަ ފަހަރެވެ.

ނަސީމް، ކޯބިންގެ ދަރިކަނބަލުން ޖޯޖިއާ ކޯބިންއާ ގޯލްޑް ޓިއާ ހަވާލު ކުރައްވަނީ-- ފޮޓޯ: އިމިގްރޭޝަން

ނަސީމް، ކޯބިންގެ ދަރިކަނބަލުން ޖޯޖިއާ ކޯބިންއާ ގޯލްޑް ޓިއާ ހަވާލު ކުރައްވަނީ-- ފޮޓޯ: އިމިގްރޭޝަން

ކޯބިން އަކީ ރާއްޖެ އަށް އެންމެ ފުރަތަމަ ޓޫރިސްޓުންގެ ގްރޫޕެއް ގެނައި ބޭފުޅާ އެވެ. އޭނާ އެ ގްރޫޕް ގެނައީ ފެބްރުއަރީ 16، 1972 ގައި ކަމަށް ވާއިރު، ރާއްޖޭގެ ފުރަތަމަ ރިސޯޓް، ކުރުނބާ ވިލެޖް އެ އަހަރު ހުޅުވި އެވެ.

ރާއްޖެ އަށް އައި އެންމެ ފުރަތަމަ ޓޫރިސްޓުންގެ ގްރޫޕުގައި ކޯބިންގެ ދަރިފުޅު ޖޯޖިއާ ވެސް ހިމެނެ އެވެ.

އެ ދެބޭފުޅުންނަށް އިމިގްރޭޝަނުން އެރުވި ޓިއާއާއެކު އެ ބޭފުޅުން ރާއްޖެ ވަޑައިގަންނަ ކޮންމެ ފަހަރަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިލޭ ވީއައިޕީގެ ހިދުމަތް ލިބޭނެ އެވެ. އަދި ބޯޑާ މައިލްސް ޕްރޮގްރާމްގައި ބައިވެރިވެފައިވާ ޕާޓްނާ ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން ވެސް ހާއްސަ އިނާޔަތްތަކެއް ލިބޭނެ އެވެ.