ފާއިތުވި 40 އަހަރުގެ ތެރޭގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ގައުމަށް ބޭނުންތެރި ދަރިންތަކެއް ބިނާކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
21 ފެބުރުއަރީ 2022
ފާއިތުވި 40 އަހަރުގެ ތެރޭގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ގައުމަށް ބޭނުންތެރި ދަރިންތަކެއް ބިނާކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އެ ސްކޫލަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ރައީސް ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި އަހުމަދިއްޔާ އިން ހޯދާފައި ވަނީ ފަހުރުވެރި ކާމިޔާބީތަކެއް ކަމަށެވެ.
އޭގެ ތެރެއިން ވެސް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، އެންމެ ބޮޑު ކާމިޔާބަކީ ގައުމަށް ބޭނުންތެރި ދަރިންތަކެއް އެ ސްކޫލުން ބިނާކޮށްދީފައިވުން ކަމަށް ވިދާޅުވި އެވެ.
"މި ސްކޫލުން ތައުލީމު ހާސިލު ކުރެއްވި ދަރިވަރުން ރައްޔިތުންގެ މަޖިލީހުގައި އަދި ދައުލަތުގެ މަގާމުތަކުގައި ވެސް އެބަތިއްބެވި. އެ ކުދިން ބިނާކުރުމުގައި އުޅުއްވި ގިނަ ބޭފުޅުން މި ތަނުން [ޖަލްސާ] އިން މިރޭ ފެންނަން އެބަތިއްބެވި. ސަރުކާރުގެ ނަމުގައި އިހުލާސްތެރި ޝުކުރު ދަންނަވަން އެ ބޭފުޅުންނަށް،" ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12 އާ ހަމައަށް މާލޭގައި މި ވަގުތު ކިޔަވައިދޭ ހަމައެކަނި ސްކޫލަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
މައްޗަށްގޮޅީގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަދްރަސަތުލް އަހްމަދިއްޔާގެ ބިންގާ އެޅީ ޖޫން 4، 1979 ގަ އެވެ. އެ ތަނުގެ މަސައްކަތް ނިންމައި އަވަށު މަދަރުސާއެއްގެ ގޮތުގައި ހިންގަން ފެށީ ފެބްރުއަރީ 21، 1982 ގަ އެވެ. މިތަން އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކޮށްގެން މިހާރު ހިންގަމުން އަންނައިރު އެއީ މައްޗަންގޮޅި އަށް ނިސްބަތްވާ ޑީ އަހުމަދު ދީީދީ އަމިއްލަ ހަރަދުގައި އެޅި ތަނެކެވެ،
މަދަރުސަތުލް އަހުމަދިއްޔާގެ ނަމުގައި ސްކޫލު ހިންގިއިރު--
މައްޗަށްގޮޅީގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން މައުމޫންގެ ވެރިކަމުގައި 1979 ވަނަ އަހަރު ބިންގާ އެޅި މަދްރުސަތުލް އަހްމަދިއްޔާއަކީ އެ އަވަށަށް އުފަން ޑީ މުހައްމަދު ދީދީގެ މަސައްކަތެވެ.
އެތަނުގެ މަސައްކަތް ނިންމައި އަވަށު މަދަރުސާއެއްގެ ގޮތުގައި ހިންގަމަށް ފަހު، މިހާރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ނަން ދީފައިވާ މި ސްކޫލަކީ މާލޭގެ އަވަށު މަދަރުސާތަކުގެ ތެރެއިން ދެގޮތެއް ނުވެ އެންމެ ކާމިޔާބުކަމާ އެކު މިހާރު ހިންގަމުން އަންނަ ހަމައެކަނި ސުކޫލުގެ ގޮތުގައި އޮތީ ވެސް ދީދީގެ ތެދުވެރި ނިޔަތާއި އިހުލާސްތެރި ހެޔޮ އަމަލުގެ ސަބަބުން ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވި އެވެ.
އަހުމަދިއްޔާ ސްކޫލަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން މަރުހަބާ ދެންވެނުން-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވިގޮތުގައި، މީގެ 40 އަހަރު ކުރިން ރާއްޖޭގެ ތައުލީމީ ހާލަތު އޮތީ އެހާ ރަނގަޅަކަށް ނޫނެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ރަނގަޅު ފެންވަރު ތައުލީމެއް ވެސް ލިބެން ނެތް ކަމަށާއި އޭރު މާލޭގައި ހުރީ ސަރުކާރުން ހިންގާ އެންމެ ތިން ސްކޫލާއި އަމިއްލަ ބަޔަކު ހިންގި ދެ ތިން ސްކޫލު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މާލޭގެ ސަރުކާރު ސްކޫލުތަކުން ވެސް މާލޭގެ ހުރިހާ ކުދިންނަށް އޭރު ޖާގައެއް ނުލިބޭ. އޭރު ދިމާވާ އަނެއް ކަމަކީ ޖެހިޖެހިގެން ދެ އަހަރު ފެއިލްވެއްޖެއްޔާ ސްކޫލުން ވަކިވާން ޖެހުން. އެހެން ވެގެން ވެސް ސްކޫލަކުން ޖާގައެއް ނުލިބި މަގުމަތިވެފައި ތިބި އެތައް ކުދިންނެއް އުޅުނު،" މާލޭގެ ހަތަރު އަވަށުގައި އުފެއްދި އަވަށު މަދަރުސާއަކީ އެ ކުދިންނަށް ހޯދައިން ފުރުސަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
އަހުމަދިއްޔާއަކީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި މިހާރު ވެސް ވަރަށް މަތީ މަގާމެއްގައި ދެމިއޮތް ސްކޫލެއް. މިދިޔަ 40 އަހަރު މި ސްކޫލުގެ ދަރިވަރުން ހޯދާފައި ވަނީ ރިކޯޑެއްގެ ގޮތުގައި ފާހަގަކުރެވޭ ރަންވަނަތަކެއް. ސްކޫލު ފެންވަރުގައި ވާދަކުރި އިތުރު ހަރަކާތްތަކުގައި ވެސް މި ސްކޫލުގެ ނަން ފެވެނީ ރަން ވަނަތަކުން-- ރައީސް
އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ 40 އަހަރުގެ ކާމިޔާބީގެ ދަތުރުގެ ތެރެއިން ވެސް ސްކޫލުގައި ހައްލުކުރަން ޖެހިފައިވާ ބައެއް ކަންކަން ހުރިކަން ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ ސްކޫލުގެ ޖާހައިގެ ދަތިކަމެވެ. އެ މައްސަލައަށް ވަރަށް އަވަސް ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދަރިވަރުން އިތުރު ހަރަކާތް ބާއްވާނެ ބިންކޮޅެއް މި ސްކޫލަކު ނެތް. ތުއްތު ކުދިން ކުޅެން ނިކުމެލާނެ ބިންކޮޅެއް ނެތް. އެ މައްސަލަ މި ސްކޫލުގެ ފަރާތުން ވެސް ވަނީ ސަރުކާރަށް ހުށަހަޅާފައި. އަޅުގަނޑު ދަންނަވާނީ ދިގު އިންތިޒާރެއްގެ ފަހަތުގައި ފޮނި ނިމުމެއްވާ ފަދައިން މި މައްސަލަ އަށް ވެސް ވަރަށް އަވަސް ހައްލެއް ލިބޭނެއޭ،" އަހުމަދިއްޔާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ. "އެކަމުގައި އެންމެ ފުރިހަމަ އެހީދޭން މި ދަނީ މަސައްކަތް ކުރަމުން."
އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ، މިދިޔަ 40 އަހަރު އެ ސްކޫލު ވަނީ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުބާރު ހޯދާފައި ކަމަށާއި އޭގެ ނަތީޖާއަކީ އެ ތަނުން ކިޔަވާ ދަރިވަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވުން ކަމަށެވެ. އަދި ވަށައިޖެހޭ ތައުލީމުގެ ތެރެއިން ވަށައިޖެހޭ ދަރިން ސްކޫލުން އުފައްދަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އެ ސްކޫލުން ކިޔަވާ ދަރިވަރުންނަކީ ކުށުގެ ވެށިން ފެންނަ މިންވަރު މަދު ކަމަށެވެ.
އަހުމަދިއްޔާ ސްކޫލަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު- ފޮޓޯ: ރައީސް އޮފީސް
ރަޝީދު ވިދާޅުވީ، އޯލެވެލާއި އެލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާތަކެއް ދަރިވަރުން ހޯދަމުން އަންނަނީ އެ ސްކޫލުގައި ތަޖުރިބާކާރު ޓީޗަރުންގެ ޓީމެއް އޮތުމުން ކަމަށެވެ. އެފަދަ ޓީޗަރުން ބިނާކުރަން ސްކޫލުން އިސްކަންދީ، ކިޔަވައިދިނުމަށް އެންމެ ފަހު ވަސީލަތްތައް ސްކޫލުގައި ގާއިމުކުރުމާ އެކު، ހިންގުންތެރި މެނޭޖުމަންޓެއް އޮތުމަކީ ވެސް ކާމިޔާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަހުމަދިއްޔާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވަނީ ސްކޫލަށް 10 އަހަރާއި 15 އަހަރު އަދި 20 އަހަރަށް ވުރެ އިތުރަށް މެދު ނުކެނޑި މަސައްކަތްކުރި މީޙުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް ދީފަ އެވެ.
ހިލޭޑިގްރީގެ ތަސައްވަރުގެ "ކްރެޑިޓް"އާ މެދު ދެބަސްވުން
ދަރިވަރުންގެ ފުރަތަމަ ނަމޫނާ ސާކްސަމިޓް އަހުމަދިއްޔާގައި
ދައުރު ނިމޭއިރު ކޭމްޕު ދާނެ ރަށެއް އޮންނާނެ: ރައީސް
އަހުމަދިއްޔާގެ ކާމިޔާބީގެ އަސްލަކީ އަހުލާގު
ދަރިވަރުންގެ ނަތީޖާއިން ސަރުކާރަށް ހިތްވަރު ލިބޭ:ރައީސް
ތިން މާއްދާއިން އޭ ސްޓާ ހޯދައިގެން ސްކޮލަޝިޕެއް
ސްޓޫޑަންޓް ލޯންގެ ތަކުލީފް ކުޑަކޮށްދިނުމުގެ އިޝާރާތެއް
ފޭދޫގެ އެންމެ ބޮޑު އިންވެސްޓްމެންޓަކީ ސްކޫލު: ރައީސް
އަހުމަދިއްޔާގެ އޮފީސް ތަޅާލައި 10 ބުރީގެ އިމާރާތެއް
ޗެމްޕިއަންސް ރައުންޑަށް ދިވެހި ކުދިން އެމެރިކާއަށް