Roadha Mihaaru
އަހުމަދިއްޔާގެ އޮފީސް ތަޅާލައި 10 ބުރީގެ އިމާރާތެއް

އަހުމަދިއްޔާ ސްކޫލުގެ އޮފީސް ތަޅާލައި 10 ބުރީގެ އިމާރާތެއް ހަދަނީ

04 ޑިސެމްބަރ 2022

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިދާރީ އޮފީސް ތަޅާލައި 10 ބުރީގެ އިމާރާތެއް ހަދަން ނިންމައިިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިދާރީ އޮފީސް ތަޅާލައި 10 ބުރީގެ އިމާރާތެއް ހަދަން ނިންމައިިފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ އާ އިމާރާތް ހެދުމަށް ފެޑޯ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. އެކަމަށް 32 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

އަހުމަދިއްޔާގެ އޮފީސް މިހާތަނަށް ހިންގަމުން ދިޔައީ އެ ސްކޫލުގެ ގޯތި ތެރޭގައި ހަދާފައިވާ ދެ ބުރީގެ އިމާރާތެއްގަ އެވެ. އެ ތަން ތަޅާލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އަހުމަދިއްޔާ ސްކޫލުން އަމިއްލަ އަށް ހަރަދުކޮށްގެން ހަދާ 10 ބުރީގެ އިމާރާތުގައި އިދާރީ އޮފީސް ބައިގެ އިތުރުން އެންމެ ޒަމާނީ ވަސީލަތްތަކާއެކު 15 ކްލާސް ރޫމް ހުންނާނެ އެވެ.

ދެ ލައިބްރަރީ އާއި މަލްޓިޕާޕަސް ދެ ހޯލާއި ލެންގުއެޖް ލެބާއި މީޓިން ރޫމް އަދި އޭވީ ރޫމް ވެސް އާ އިމާރާތުގައި ހަދާނެ އެވެ.

އަހުމަދިއްޔާއަކީ އެންމެ ގިނަ ކުދިން ކިޔަވަމުން އަންނަ އެއް ސްކޫލެވެ. އެ ތަނުގައި މި ވަގުތު 41 ކްލާސްރޫމް އެބަހުއްޓެވެ.

ރަޝީދު ވިދާޅުވިގޮތުގައި، އިތުރު ކްލާސްރޫމްތަކެއް ހެދި ނަމަވެސް ކުދިންގެ އަދަދު އިތުރު ވާނެ ކަމަށް ގަބޫލެއް ނުކުރެއްވެ އެވެ. އޭގެ ބަދަލުގައި ހިދުމަތްތައް ފުޅާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސްގެ ވައުދުފުޅާ އެއްގޮތަށް އަހުމަދިއްޔާ ސްކޫލަށް އާ އިމާރާތެއް ލިބޭނެ ކަމުގެ އިންތިޒާރުގައި މި ހުރީ،" 2،900 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

އަހުމަދިއްޔާ ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރަން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ސްކޫލުގެ ކާމިޔާބީގެ ދަތުރުގެ ތެރެއިން ވެސް ސްކޫލުގައި ހައްލު ކުރަން ޖެހިފައިވާ ބައެއް ކަންކަން އެބަހުރި ކަމަށެވެ.

އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ ސްކޫލުގެ ޖާގައިގެ ދަތިކަން ކަމަށާއި އެ ކަމަށް ވަރަށް އަވަސް ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސް އެ ރޭ ވިދާޅުވި އެވެ.

"ދަރިވަރުން އިތުރު ހަރަކާތް ބާއްވާނެ ބިންކޮޅެއް މި ސްކޫލަކު ނެތް. ތުއްތު ކުދިން ކުޅެން ނުކުމެލާނެ ބިންކޮޅެއް ނެތް. އެ މައްސަލަ މި ސްކޫލުގެ ފަރާތުން ވެސް ވަނީ ސަރުކާރަށް ހުށަހަޅާފައި،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާނީ ދިގު އިންތިޒާރެއްގެ ފަހަތުގައި ފޮނި ނިމުމެއްވާ ފަދައިން މި މައްސަލަ އަށް ވެސް ވަރަށް އަވަސް ހައްލެއް ލިބޭނެއޭ. އެކަމުގައި އެންމެ ފުރިހަމަ އެހީ ދޭން މި ދަނީ މަސައްކަތް ކުރަމުން."