Roadha Mihaaru
"ގާނޫނުއަސާސީ ބަދަލުކުރަން ޕާޓީތަކާ މަޝްވަރާ ކުރާނަން"

ގާނޫނުއަސާސީ އިސްލާހުކުރަން އެހެން ޕާޓީތަކާ ވެސް މަޝްވަރާކުރަން ޖެހޭ: ނަޝީދު

22 ފެބުރުއަރީ 2022

ގާނޫނުއަސާސީ އަށް ހުށަހަޅަން އެމްޑީޕީން ގަސްދުކުރާ އިސްލާހުތަކާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކާ އެކު މަޝްވަރާކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގާނޫނުއަސާސީ އަށް ހުށަހަޅަން އެމްޑީޕީން ގަސްދުކުރާ އިސްލާހުތަކާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކާ އެކު މަޝްވަރާކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދާ ބަހުސްގައި އެމްޑީޕީގެ ގިނަ މެންބަރުން ވާހަކަ ދެއްކެވީ ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅަން ޖެހޭނީ ކުއްލިއަކަށް ނޫން ކަމަށް ވިދާޅުވެ އެވެ. އެކަމާ ގުޅޭ ގޮތުން ފުން ދިރާސާއެއް ހަދައި މަޝްވަރާކުރަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވެ އެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުން މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާފައިވާ ކަމަށެވެ.

ނަމަވެސް އެ އިސްލާހުތައް ހަމައެކަނި އެމްޑީޕީން އެދޭ ގޮތަށް ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް މަސައްކަތްކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެކަން ކުރާއިރު [ގާނޫނުއަސާސީ އިސްލާހު ކުރާއިރު] ޕާޓީތަކާ އެކު މަޝްވަރާ ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ގާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެ ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި އެވެ.

އޭގެ ތެރޭގައި، ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ތާރީހެއް ކަނޑައެޅުމަށްޓަކައި ކޮންގްރަސްއެއް ބޭއްވުން ހިމެނެ އެވެ އަދި އެ ކޮންގްރެސްގައި ގާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފާސްކުރަން ވެސް ނިންމި އެވެ.

ނަޝީދު ހުށަހަޅުއްވާ ބަދަލުތައް:

- މިނިވަން މުއައްސަސާތަކުގެ އަދަދާއި އެކުލެވިގެންވާ ގޮތް ބަދަލުކުރުން.

- ގާނޫނުއަސާސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން.

- ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ ވޯޓުގެ 30 ޕަސެންޓަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓު ހޯދާ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުން.

- އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 30 ޕަސެންޓް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރު ބާއްވަން ގާނޫނުއަސާސީގައި ކަނޑައެޅުން.

- ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ތާރީހް ކަނޑައެޅުން. އަދި އެ ނަތީޖާއާ އެއްގޮތަށް ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމް ކަނޑައެޅުން.

- ގާނޫނުއަސާސީގައި ލާމަރުކަޒީ އިތުރު އުސޫލުތައް ކަނޑައެޅުން.