Roadha Mihaaru
ގާނޫނުއަސާސީއަށް ބަދަލު ގެންނަން މީހުން އެދޭ: ނަޝީދު

ޕާޓީތަކާ މަޝްވަރާކުރީ ގާނޫނުއަސާސީއަށް ބަދަލުތައް ގެންނަން މީހުން އެދޭތީ: ނަޝީދު

27 އޮކްޓޯބަރ 2021

މިދިޔަ ދެތިން ދުވަހު ސިޔާސީ ޕާޓީތަކުގެ ވެރިންނާ ބައްދަލުކުރައްވަައި މަޝްވަރާތައްް ކުރެއްވީ ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަން އެދި އެކި ފަރާތްތަކަކުން މަޖިލީހަށް ހުށަހަޅަމުން ގެންދާތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިދިޔަ ދެތިން ދުވަހު ސިޔާސީ ޕާޓީތަކުގެ ވެރިންނާ ބައްދަލުކުރައްވަައި މަޝްވަރާތައްް ކުރެއްވީ ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަން އެދި އެކި ފަރާތްތަކަކުން މަޖިލީހަށް ހުށަހަޅަމުން ގެންދާތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުވެގެން ކުރެވޭ މަސައްކަތަކަށް ވުމަކީ ރައްޔިތުންނަށް އޭގެ އެންމެ ހެޔޮ ނަތީޖާ ނުކުންނާނެ ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއަަށް އަމަލުކުރުމުގައި ހުރި ދަތިތައް އެންމެނަށް ވެސް މިހާރު ފެންނަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޕާޓީތަކާ ބައްދަލުކުރި އެންމެ ބޮޑު އެއް ސަބަބަކީ އެކިއެކި ފަރާތްތަކުން، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެދި މަޖިލީހުގެ އިދާރާއަށް އެބަ ހުށަހަޅާ އަދި މަޖިލީހުގެ އިދާރާގައި އެބަ އެދޭ. ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަހެޅުމެއް އެބަވޭ،" ނަޝީދު ވިދާޅުވި އެވެ.

އިއްޔެ އާއި އޭގެ ކުރީ ދުވަހު އިދިކޮޅު ޕީޕީއެމްޕީއެންސީ ކޯލިޝަނާއި ޖުމްހޫރީޕާޓީ އާއި އެމްއެންޕީއާ ވެސް ނަޝީދު ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުންތަކުގައި ކުރި މަޝްވަރާތަކާ ބެހޭ މައުލޫމާތު އާއްމުކުރީ އެމްއެންޕީން އެކަންޏެވެ. އެ ޕާޓީން ބުނީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ އެކުލެވުން ބަދަލުކުރުމުގެ އިތުރުން، ވެރިކަންކުރާ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުުން ވެސް ނަޝީދު މަޝްވަރާކުރެއްވި ކަމަށެވެ.

ނަމަވެސް ބައްދަލުވުންތަކާ ބެހޭ ގޮތުން މަޖިލީހުގައި މިއަދު ދެއްވި ތަފްސީލުގައި ނިޒާމަށް ބަދަލުގެނައުމުގެ ވާހަކަ ނަޝީދު ވިދާޅެއް ނުވެ އެވެ.

ނަމަވެސް ވިދާޅުވީ މިހާރުގެ ގާނޫނުއަސާސީއަށް އަމަލުކުރުމުގައި ހުރި ދަތިތައް އެންމެނަށް އަންނަނީ ފެންނަަމުން ކަމަށެވެ.

"މިގާނޫނުއަސާސީއަށް އަމަލުކުރަމުން ގެންދާތާ މި، ތޭރަ ސާދަ އަހަރުވެގެން ދިޔައީ. މިގާނޫނުއަސާސީއަށް އަމަލުކުރަމުންދާއިރު ދިމާވާ ދަތިތަކާ އަދި ހުރި އުނިތައްް، އިސްލާހުކުރަން ޖެހޭ ކަންކަން އަޅުގަނޑުމެން އެންމެނަށް ވެސް މިދަނީ ފެންނަމުން،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ މިދިޔަ އާދިއްތަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ބަހުސަށް ހައްްލެއް ހޯދުމަށާއި ގާނޫނުއަސާސީއަށް ބަަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލަފާ ދެއްވާފައިވާ ކަމަށެވެ.

ނަޝީދުގެ އިއްޔެ ވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ލީޑަޝިޕްގެ ބޭފުޅުންނާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކުރަނީސް ނަޝީދާ އެކު ސިޔާސީ މަޝްވަރާ ކުރަން އިދިކޮޅުން ވަނީ ދެކޮޅު ހަދައިފަ އެވެ