Roadha Mihaaru
ހުރާގައި ކެޕްސުލްއެއް ވަޅުލައިފި؛ ނަގަނީ 2037ގައި

ހުރާ ސްކޫލްގެ ކެޕްސުލްއެއް ވަޅުލައިފި، ނަގަނީ 2037 ގައި

23 ފެބުރުއަރީ 2022

މީގެ 15 އަހަރު ފަހުން ނަގާ ގޮތަށް، ކ. ހުރާ ސްކޫލްގައި އިއްޔެ ޓައިމް ކެޕްސުލްއެއް ވަޅުލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީގެ 15 އަހަރު ފަހުން ނަގާ ގޮތަށް، ކ. ހުރާ ސްކޫލްގައި އިއްޔެ ޓައިމް ކެޕްސުލްއެއް ވަޅުލައިފި އެވެ.

ހުރާ ސްކޫލްގެ 35 ވަނަ އަހަރީ ދުވަހާ ދިމާކޮށް، އިއްޔެ އެ ކެޕްސުލް ވަޅުލީ އެ ސްކޫލްގައި މިހާރު ހަދަމުން އަންނަ އާ އިމާރާތާ ކައިރީގަ އެވެ. އެ ކެޕްސުލް ވަޅުލީ ސްކޫލް އިސްވެރިންނާއި މުވައްޒަފުންނާއި ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން އަދި ބެލެނިވެރިން ބައިވެރިވެގެންނެވެ.

އެ ސްކޫލް ތާރީހުގައި ޓައިމް ކެޕްސުލްއެއް ވަޅުލި ފުރަތަމަ ފަހަރެވެ. އެ ކެޕްސުލް ނަގަން ނިންމާފައި ވަނީ އެ ސްކޫލްގެ 50 ވަނަ އަހަރީ ދުވަހާ ދިމާކޮށް، 2037 ވަނަ އަހަރު އެވެ.

ކ. ހުރާ ސްކޫލްގެ 35 ވަނަ އަހަރީ ދުވަހާ ދިމާކޮށް، ޓައިމް ކެޕްސުލްއެއް ވަޅުލުމަށް ބޭއްވި ހަފުލާ.-- ފޮޓޯ: ހުރާ ސްކޫލް

ކ. ހުރާ ސްކޫލްގެ 35 ވަނަ އަހަރީ ދުވަހާ ދިމާކޮށް، ޓައިމް ކެޕްސުލްއެއް ވަޅުލުމަށް ބޭއްވި ހަފުލާ.-- ފޮޓޯ: ހުރާ ސްކޫލް

ހުރާ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު އަރީޝާ މިއަދު "މިހާރު" އަށް ވިދާޅުވީ، ޓައިމް ކެޕްސުލްއެއް ވަޅުލުމަށް އެ ސްކޫލުން މީގެ 10 އަހަރު ކުރިން ވެސް މަސައްކަތް ކުރި ކަމަށާއި އެކަމަކު އެކި ސަބަބުތަކާ އެކު އެކަން ހުއްޓިފައި އޮތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްކޫލާއި ރަށުގެ ކޮމިއުނިޓީން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރަން ބޭނުންވެފައި އޮތް ކަމެއް މި ކުރެވުނީ،" އޭނާ ވިދާޅުވި އެވެ.

އެ ޓައިމް ކެޕްސުލްގައި ތިން ފޫޓް ހުރެ އެވެ. އެ ކެޕްސުލް ވަޅުލިތަން ފާހަގަކުރެވޭ ނިޝާނެއް ވެސް ބަހައްޓާފައިވެ އެވެ.

އެ ކެޕްސުލްގައި ހިމެނޭ ބައެއް އެއްޗެހި

- ސެކަންޑްރީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުން ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ކަންކަމާއި މުސްތަގުބަލުގައި އަދާކުރަން ބޭނުންވާ ވަޒީފާ އާއި އެ ކުދިން ޝުއޫރުތައް ހިމެނޭ ސިޓީތަކާއި ނޯޓްތައް.

- ސްކޫލްގެ ކޮންމެ ގްރޭޑެއްގެ ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިންނާއި އަދި އިމާރާތުގެ ފޮޓޯތައް.

- ސްކޫލްގެ ތާރީހާ ގުޅޭ ބައެއް ލިޔުންތަކުގެ ކޮޕީ.

- ދަރިވަރުންނާއި ގުޅޭ ބައެއް ތަކެތީގެ ތެރެއިން ސޭޝް އާއި ތައްގަނޑާއި އަދިވެސް އެ ކަހަލަ ބައެއް އެެއްޗެހި.

މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ވަބާގެ ބައެއް ހަނދާންތައް ވެސް އޭގައި ހިމެނުމުގެ ގޮތުން، ހޭންޑް ސެނިޓައިޒާ އާއި އަންގި އާއި މާސްކާއި އަދި ސާމްޕަލް ކިޓެއް ވެސް އެއަށް ލައިފައިވެ އެވެ.

"ކުދިންނާއި ސްކޫލްގެ އިތުރުން ބެލެނިވެރިންނާއި ރަށުގެ ކޮމިއުނިޓީ ވެސް ވަރަށް ގުޅިގެން، އެންމެން ކުރި ކަމެއް މިއީ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖޭގެ އެހެން ބައެއް ސްކޫލުތަކުގައި ޓައިމް ކެޕްސުލް ވަޅުލާފައިވެ އެވެ. އަދި ވަރަށް ފަހުން ބައެއް ސްކޫލްގެ ކެޕްސުލް ނަގަން ވެސް ނެގި އެވެ. މާލޭގައި ހުންނަ މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް 1992 ވަނަ އަހަރު ވަޅުލި ކެޕްސުލްއެއް، 2019 ވަނަ އަހަރު ނަގަން ހޯދިއިރު އެ ވަނީ ގެއްލިފަ އެވެ.