Roadha Mihaaru

ރަޝިއާގެ ބޯޑަރު ކައިރީ އުޅޭ ދިވެހިން ރާއްޖެ އަންނަން ފަށައިފި

ޔޫކްރެއިނާއި ރަޝިއާ ބޯޑަރު ކައިރީ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ދިވެހި ދަރިވަރުން އަނބުރާ ރާއްޖެ އަންނަން ފަށައިފި އެވެ.

ރަޝިއާ ބޯޑަރު ކައިރީ އުޅޭ ދިވެހިން އަންނަން ފަށައިފި
މޫސާ ރަޝީދު
މޫސާ ރަޝީދު

23 ފެބުރުއަރީ 2022

ޔޫކްރެއިނާއި ރަޝިއާ ބޯޑަރު ކައިރީ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ދިވެހި ދަރިވަރުން އަނބުރާ ރާއްޖެ އަންނަން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރަޝިއާ ބޯޑަރު ކައިރީ އޮންނަ ހާރްކީވްގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން އެކަކު ރާއްޖެ އައިސްފައިވާ ކަމަށާއި ހަތަރު ދަރިވަރަކު މިދިޔަ ހުކުރު ދުވަހު ރާއްޖެ އަންނަން ފުރާފައިވާ ކަމަށެވެ. އިތުރު 25 ދަރިވަރުން މިއަދުގެ ވަގުތެއްގައި ފުރާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ސަރަހައްދުގައި މި ވަގުތު ބާކީ ތިބީ ފަސް ދަރިވަރުންނެވެ. އެ މީހުން ވެސް ރާއްޖެ އައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޔުކްރެއިނުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައި ވާތީ، އެ ގައުމަށް ދިވެހިން ދަތުރު ނުކުރަން ދިވެހި ސަރުކާރުން ވަނީ އަންގައިފަ އެވެ.

ޔުކްރެއިނުން ވަކިވެގަތުމަށް މަސައްކަތްކުރާ އެ ގައުމުގެ އިރުމަތީ ސަރަހައްދަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ރަޝިޔާއިން ބަލައިގަތުމަށް ނިންމިކަން އިއުލާނުކޮށް، އެ ސަރަހައްދުތަކުގެ ސުލްހަ ބަލަހައްޓަން ކަމަށް ބުނެ ރަޝިއާގެ ސިފައިން އަރަން އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިން ވަނީ އަމުރުކުރައްވައިފަ އެވެ.