Roadha Mihaaru
ޔުކްރެއިންއާ ކައިރި ގައުމުތަކުގެ ދިވެހިންގެ ހާލު ބަލަނީ

ޔުކްރެއިންއާ ކައިރި އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ވެސް އަންނަނީ ބަލަމުން: ފޮރިން މިނިސްޓްރީ

24 ފެބުރުއަރީ 2022

ޔުކްރެއިންގައި ރަޝިއާ އިން މިއަދު ހަނގުރާމަ ފަށާފައިވާއިރު، އެ ގައުމާ ކައިރި އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ހާލު ވެސް ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޔުކްރެއިންގައި ރަޝިއާ އިން މިއަދު ހަނގުރާމަ ފަށާފައިވާއިރު، އެ ގައުމާ ކައިރި އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ހާލު ވެސް ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޔުކްރެއިންގައި ތިބި ދިވެހިންނާ ގުޅިގެން އެންމެފަހުން ދިން އަޕްޑޭޓްގައި ފޮރިން މިނިސްޓްރީން ބުނީ، ހަނގުރާމަ ފެށިއިރު ރާއްޖެ ނާދެވި އެ ގައުމުގައި ތިބި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް އެ އެ ސަރަހައްދާއި ރަހުމަތްތެރި އެހެން ގައުމުތަކުގެ ސަރުކާރާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެ ގައުމުގައި ތިބި ހުރިހާ ދަރިވަރުން މިއަދު ރާއްޖެ އަންނަން ނިންމާފައި ވިޔަސް، ހެނދުނު ހަނގުރާމަ ފަށައި އެއާޕޯޓް ދަތުރުތައް ހުއްޓުމަކަށް އައުމާ ގުޅިގެން ޔުކްރެއިން ދިވެހި 20 ދަރިވަރަކު ވަނީ ތާށިވެފަ އެވެ. އެ ހުރިހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށް މިނިސްޓްރީން ބުނެ އެވެ.

"ޔުކްރެއިންގައި ތިބި ދަރިވަރުންގެ އިތުރުން އެ ސަރަހައްދުގެ އެހެން ގައުމުތަކުގައި ތިބި ދަރިވަރުންގެ ހާލުތު ވެސް ފޮރިން މިނިސްޓްރީން އަންނަނީ ބަލަމުން،" ފަހުގެ އަޕްޑޭޓުގައި ބުނެފައިވެ އެވެ.

ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމެއް އަދި އިތުރު ތަފުސީލެއް ވެސް ނުދެ އެވެ.

ނާދެވި ތިބި ދަރިވަރުން:

ރަޝިއާގެ ބޯޑަރު ކައިރީގެ ސިޓީ ހާރްކިވްގައި ފަސް ދަރިވަރެއް.

- ޔޫކްރެއިންގެ އިރުމަތީ ފަރާތު ސިޓީއެއް ކަމަށްވާ އިވަނޯ ފްރެންކިވްސްގައި 14 ދަރިވަރެއް.

- އެހެން ސިޓީއެއް ގައި އިތުރު އެއް ދަރިވަރެއް.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިއަދު ހެނދުނު ޔޫކްރެއިންގައި ހަނގުރާމަ ފެށިކަން އިއުލާންކުރެއްވި އިރު، ރާއްޖެ އަންނަން އަދި ދަތުރު ނުފެށޭ 20 ދިވެހިން އެ ގައުމުގައި ތިބި ކަމަށް ބެލެވޭއިރު، ޔޫކްރެއިންގެ ވައިގެ ދަތުރުފަތުރުތަކަށް ރަޝިއާއިން ހުރަސްއަޅާ، ބައެއް އެއާޕޯޓްތައް ވަނީ ބަންދުކުރަން ފަށައިފަ އެވެ.