Roadha Mihaaru
އައިއެސްގެ ލީޑަރަށް ފާރަލާ ކަމަށް އެމެރިކާ އިން ބުނެފި

އައިއެސްގެ ލީޑަރަށް ފާރަލާ ކަމަށް އެމެރިކާ އިން ބުނެފި

02 ޖެނުއަރީ 2017

ވޮޝިންޓަން (ޖެނުއަރީ 1) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީގެ ހަބަރެއް ނުވެ އެތައް މަހެއް ފާއިތުވެގެން ދިއުމަށް ފަހު "ބަޣުދާދީގެ ބައެއް ހަރަކާތްތަކަށް ފާރަލަމުންދާ ކަމަށް" އެމެރިކާގެ އޮފިޝަލުން ސީއެންއެން އަށް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 1) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީގެ ހަބަރެއް ނުވެ އެތައް މަހެއް ފާއިތުވެގެން ދިއުމަށް ފަހު "ބަޣުދާދީގެ ބައެއް ހަރަކާތްތަކަށް ފާރަލަމުންދާ ކަމަށް" އެމެރިކާގެ އޮފިޝަލުން ސީއެންއެން އަށް ބުނެފި އެވެ.

ސޯޝަލް މީޑިއާގެ ބައެއް ރިޕޯޓްތައް ބުނި ގޮތުގައި ވައިގެ ހަމަލާއެއްގައި ބަޣުދާދީ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެ ނުވަތަ މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާ އިން ބުނަމުން ދިޔައީ އެއީ ތެދު މައުލޫމާތެއް ނޫން ކަމަށެވެ. އަަދި އެމެރިކާގެ އޮފިޝަލުން އެންމެ ފަހުން ދިން މައުލޫމާތަށް ބަލާއިރު ބަޣުދާދީ ދުނިޔޭގައި ހުރިކަން އެނގެ އެވެ.

"ބަޣުދާދީ ދުނިޔޭގައި ހުރި ކަމަށް ވަރަށް ބޮޑަށް ބެލެވޭ. އަދި އައިއެސް ޖަމާއަތް ލީޑު ކުރަނީ ވެސް އޭނާ ކަމަށް ބެލެވޭ،" ޕެންޓަގަންގެ ތަރުޖަމާން ޕީޓާ ކުކް ވިދާޅުވި އެވެ.

އެމެރިކާގެ އޮފިޝަލުން ބުނީ އައިއެސްއާ ބެހޭ ގޮތުން އެންމެ ފަހުގެ ރިޕޯޓުގައި ވަރަށް މުހިންމު މައުލޫމާތުތައް ހުރި ކަމަށާއި އެކަމަކު އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ. ބަޣުދާދީ ހުރީ އިރާގުގެ މޫސަލް ނުވަތަ ސީރިއާގެ ރައްގާގާކަން ވެސް އޮފިޝަލް ނުބުނެ އެވެ.

ކުކް ވިދާޅުވީ ކޯލީޝަނުގެ ވައިގެ ހަމަލާތަކުގައި އައިއެސްގެ އެހެން ލީޑަރުން މަރުވަމުންދާތީ ބަޣުދާދީ އުޅެނީ އައިއެސްގެ ހަރަކާތްތަކާ ދުރުން ކަމަށެވެ. އެކަމަކު އޭނާ އަށް ހައްގުވާ އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ކުކް ވިދާޅުވި އެވެ.

ބަޣުދާދީ އަތުލަން މަގު ފަހިކޮށްދިން ފަރާތަކަށް ހުށަހަޅާފައިވާ އަގު 25 މިލިއަން ޑޮލަރަށް ބޮޑުކުރިކަން ޑިސެމްބަރު 16 ވަނަ ދުވަހު އެމެރިކާ އިން ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ކުރިން ބަޣުދާދީގެ ބޮލަށް ހުށަހަޅާފައި ވަނީ 10 މިލިއަން ޑޮލަރެވެ.

އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ އިރާގު ސިފައިން މިހާރު ފަށާފައިވާ އޮޕަރޭޝަނުގައި މޫސަލް ހިފުމުން އައިއެސްގެ ލީޑާޝިޕާ ބެހޭ ވަރަށް ގިނަ މައުލޫމާގު އެނގޭނެ ކަމަށެވެ.

އައިއެސްގެ ޚިލާފަތު ޖޫން، 2014 ގައި ބަޣުދާދި އިއުލާން ކުރީ މޫސަލްގަ އެވެ.

އިރާގު ސަރުކާރުގެ ރަސްމީ ލިޔުންތަކުގައިވާ ގޮތުން ބަޣުދާދީ އުފަންވެފައި ވަނީ 1971 ވަނަ އަހަރު ސަމައްރާގަ އެވެ. އަދި އޭނާގެ ފުރަތަމަ އަނބިމީހާ އަށް ހަތަރު ކުދިން ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ. އިރާގުގެ އިންޓަލިޖެންސް ރިޕޯޓްތައް ބުނާ ގޮތުގައި އިސްލާމިކް ސްޓަޑީޒް އިން ބަޣުދާދީ ވަނީ ޕީއެޗްޑީ ނަގައިފަ އެވެ. އަދި ތިކްރީތު ޔުނިވާސިޓީގެ ޕްރޮފެސަރުކަން ވެސް ކޮށްފައިވެ އެވެ. އޭނާ ހަނގުރާމަވެރި ޖަމާއަތާ ގުޅިފައި ވަނީ 2003 ވަނަ އަހަރު އެމެރިކާ ސިފައިން އިރާގަށް އަރައިގަތުމަށް ފަހު އެވެ. އަދި އެމެރިކާގެ އަސްކަރީ ޖަލެއްގައި އޭނާ ބަންދުކުރި ކަމަށް ވެސް ވެ އެވެ.