Roadha Mihaaru
މޫނު މަތިން އުފާވެރިން؛ އެކަމަކު ހިތް ކުދިކުދިވެފައި

މޫނު މަތިން އުފާވެރިން؛ އެކަމަކު ހިތް ކުދިކުދިވެފައި

25 ފެބުރުއަރީ 2022

މީގެ ހަތަރު އަހަރު ކުރިން ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރުގެ މަންމަ، ކުރީގެ އެކްޓްރެސް ސްރީދޭވީ ދުބާއީގައި އުޅެނިކޮށް މަރުވީ އޭނާ ހުރި ބާތުޓަބަކަށް ގެނބިގެންނެވެ. އެ ހިތްދަތި ވަކިވުމުން އަދިވެސް އަރައިނުގެނެވޭ ކަމަށް އޭނާގެ ދޮށީގެ އަންހެން ދަރިފުޅު ޖާންވީ ވަނީ މިފަހުން ބުނެފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރުގެ މަންމަ، ކުރީގެ އެކްޓްރެސް ސްރީދޭވީ ދުބާއީގައި އުޅެނިކޮށް މަރުވީ އޭނާ ހުރި ބާތުޓަބަކަށް ގެނބިގެންނެވެ. އެ ހިތްދަތި ވަކިވުމުން އަދިވެސް އަރައިނުގެނެވޭ ކަމަށް އޭނާގެ ދޮށީގެ އަންހެން ދަރިފުޅު ޖާންވީ ވަނީ މިފަހުން ބުނެފަ އެވެ.

އިއްޔެ ސްރީދޭވީގެ މަރަށް ހަތަރު އަހަރުވުމުން ޖާންވީ ވަނީ އޭނާގެ މަންމައާ އެކު ކުޑައިރު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްކޮށް، ވަރަށް އަސަރުގަދަ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ. އޭގައި ވަނީ މަންމައާ ނުލާ ދިރިއުޅުނު ދުވަސްތަކަށް ވުރެ މަންމައާ އެކު އުޅުނު އަހަރުތައް އަދިވެސް ގިނަ ކަމަށެވެ. އެކަމަކު މަންމައާ ނުލާ އުޅެން ޖެހިފައިވާ ދުވަސްތައް އިތުރުވަމުން ދާތީ، އެކަމާ މާޔޫސްވާ ކަަމަށާއި އޭނާގެ އުއްމީދަކީ މަންމަ ފަހުރުވެރިވާ ދަރިއަކަށް ވުން ކަމަށް ބުންޏެވެ.

"އަހަރެން އުއްމީދުކުރަން އަހަރެމެން [އޭނާ އާއި ކޮއްކޮ] މަންމަ ފަހުރުވެރިވާނެ ދަރިންތަކަކަށް ވެވޭނެ ކަމަށް. އަހަރެމެން ދިރިއުޅުމުގައި ކުރިއަށްދާ ހަމައެކަނި ސަބަބަކީ އެއީ،" ޖާންވީގެ ޕޯސްޓުގައިވެ އެވެ.

ޖާންވީގެ އިތުރުން ސްރީދޭވީގެ ހަގު ދަރި ވެސް ވަނީ އޭނާގެ މަންމައާ އެކު ކުޑަައިރު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

އުމުރުން 24 އަހަރުގެ ޖާންވީގެ އަސަރުގަދަ ޕޯސްޓާ އެކު އޭނާގެ ސަޕޯޓަރުން ވަނީ ދުނިޔޭގައި ސްރީދޭވީ ނެތް ނަމަވެސް އޭނާގެ މަސައްކަތްތަކާ މެދު އުފާކުރާނެ ކަމަށް ބުނެފަ އެވެ.

ސްރީދޭވީ މަރުވީ އޭނާގެ ދަރިފުޅު ބޮލީވުޑަށް ނިކުތުމުގެ ކުރިންނެވެ. އެކަމަކު އޭރު އޮތީ ފިލްމުގެ ޝޫޓިންތައް ނިމިފަ އެވެ. ކަރަން ޖޯހަރުގެ ދަޅަކް އިން ޖާންވީ ބޮލީވުޑަށް ނިކުތީ އޭނާ މަންމަ މަރުވިތާ ހަތަރު މަސް ފަހުން ޖުލައި މަހުގަ އެވެ. އޭގެ ފަހުން "ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާލް" އާއި "ރޫހީ" އިން ވެސް ޖާންވީ ފެނުނެވެ.

އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކަކީ "ދޯސްތާނާ 2" އާއި "ގުޑް ލަކް ޖެރީ" އަދި "މިސްޓާ އެންޑް މިސިސް މާހީ" އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑުން ގިނަ ބައެއްގެ ލޯބި އޭނާ ހޯދިއިރު ކޮއްކޮ ހުޝީ ވެސް ހުރީ އެ ދާއިރާ އަށް ނިކުންނަން އިންތިޒާރުގަ އެވެ. އެކަަމަކު އަދި އޭނާ ފިލްމަކުން ފެންނާނެ އިރެއް އިއުލާން ނުކުރެ އެވެ.