Roadha Mihaaru
އާޗީ ކޮމިކަށް ޒޯޔާ ފިލްމެއް ހަދާކަން ކަށަވަރުކޮށް ދީފި

އާޗީ ކޮމިކަށް ޒޯޔާ ފިލްމެއް ހަދާކަން ކަށަވަރުކޮށް ދީފި

12 ނޮވެމްބަރ 2021

ބޮލީވުޑްގެ ކުޅަދާނަ އަންހެން ޑައިރެކްޓަރު ޒޯޔާ އަޚްތަރު ހުޅަނގުގެ މަޝްހޫރު ކޮމިކް ވާހަކަ "އާޗީ" އަށް ބިނާކޮށް ފިލްމެއް ހަދަން އުޅޭކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ކުޅަދާނަ އަންހެން ޑައިރެކްޓަރު ޒޯޔާ އަޚްތަރު ހުޅަނގުގެ މަޝްހޫރު ކޮމިކް ވާހަކަ "އާޗީ" އަށް ބިނާކޮށް ފިލްމެއް ހަދަން އުޅޭކަން ކަށަވަރުކޮށް ދީފި އެވެ.

މި ފިލްމު ހަދަން ނިންމާފައި ވަނީ އޭނާ އާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު ރީމާ ކަތުގީގެ ފިލްމު ކުންފުނި ޓައިގާ ބޭބީ އާއި ގްރެފިކް އިންޑިއާ އަދި ނެޓްފްލިކްސް ގުޅިގެންނެވެ. "ދި އާޗީސް" ގެ ނަމުގައި ހަދަން ނިންމާފައިވާ މިއުޒިކަލް ޑްރާމާގައި ދައްކުވައިދޭނީ 1960 ގެ ތެރޭގައި އިންޑިއާގެ ސެޓިންއެކެވެ.

"އާޗީ" ކޮމިކްގެ ކެރެކްޓާތަކާއި އޭގެ ސެޓިން އަށް ބިނާކޮށް ހަދާ މި ފިލްމު އިއުލާންކޮށް ޓްވިޓާގައި ޓައިގާ ބޭބީ އިން ބުނީ އޭގެ މަސައްކަތް ވަރަށް ފަށަން މިހާރު ތައްޔާރު ވަމުން އަންނަ ކަމަށެވެ. އެކަމަކު ކާސްޓާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ.

ނަމަވެސް މިއާ ބެހޭ ގޮތުން މީޑިއާތަކުން ކުރިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އާޗީގެ ރޯލު ކުޅޭނީ ސައިފް އަލީ ޚާންގެ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާނެވެ. އަދި ވެރޯނިކާ އާއި ބެޓީގެ ރޯލު ކުޅޭނީ ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުޚާނާ ޚާނާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރެވެ.

މި ތިން ޒުވާނުން ވެސް "ދި އާޗީސް" ގައި ހިމެނޭ ކަމަށްވާ ނަމަ މިއީ އެ މީހުންގެ އެކްޓިން ދަތުރުގެ ފެށުމަށް ވާނެ އެވެ.

ސުހާނާ އާއި ހުޝީ އަކީ އަދި އެމެރިކާގައި ކިޔަވަމުން އަންނަ ދެ ކުދިންނެވެ. އިބްރާހީމް ވެސް ކިޔަވާ އިރު، އޭނާ މިހާރު އަންނަނީ ކަރަން ޖޯހަރްގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

"ޒިންދަގީ ނާ މިލޭގީ ދުބާރާ" އާއި "ދިލް ދަޅަކް ނޭ ދޯ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޒޯޔާގެ އެންމެ ފަހުގެ ބޮޑު ފިލްމަކީ 2019 ގެ "ގަލީ ބޯއި" އެވެ. އޭނާގެ "ދި އާޗީސް" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ބުނެފައި ވަނީ އެ ވަރަށް އަވަހަށް ނެޓްފްލިކްސް އަށް އަންނާނެ ކަމަށެވެ.