Roadha Mihaaru
އާޗީ އަކީ ސައިފްގެ ދަރިފުޅު އިބްރާހީމް

އާޗީ އަކީ ސައިފްގެ ދަރިފުޅު އިބްރާހީމް

20 އޯގަސްޓް 2021

ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ބޮލީވުޑަށް ތައާރަފުކުރަން ޑައިރެކްޓަރު ޒޯޔާ އަޚްތަރު ހަދަން ނިންމާފައިވާ ވެބް ސީރީޒްގެ ބަތަލަކީ ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ބޮލީވުޑަށް ތައާރަފުކުރަން ޑައިރެކްޓަރު ޒޯޔާ އަޚްތަރު ހަދަން ނިންމާފައިވާ ވެބް ސީރީޒްގެ ބަތަލަކީ ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކާސްޓާ ބެހޭ ގޮތުން މީޑިއާތަކުގައި މިހާރު ވަރަށް ގިނަ ވާހަކަތައް ދެކެވެމުން އަންނަ އިރު، ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ޚުޝީ ކަޕޫރް ވެސް ފިލްމީ ދާއިރާ އަށް ތައާރަފުވާނީ މި ސީރީޒުން ކަމަށް މީޑިއާތަކުން ބުނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އިބްރާހީމްގެ ކެރެކްޓާ އަކީ އާޗީ އެވެ. އަދި ސުހާނާ އާއި ޖާންވީގެ ކެރެކްޓާތަކަކީ ވެރޯނިކާ އާއި ބެޓީ އެވެ. މިއީ މަޝްހޫރު ކޮމިކް ވާހަކަ "އާޗީ" އަށް ބިނާކޮށް ހަދަން ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.

މީގެ ވާހަކަ ހޫނުކޮށް މީޑިއާތަކުގައި ދެކެވުނަސް ސީރީޒާ ބެހޭ ގޮތުން ރަސްމީކޮށް ޒޯޔާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓް ކުޅުނު 2019 ގެ "ގަލީ ބޯއި" އެވެ.

މަޝްހޫރު ތިން ތަރިއެއްގެ ދަރިން އެއް ސީރީޒަކުން ފެނުމަކީ ހަމަ ގައިމު ވެސް ބެލުންތެރިން ވަރަށް ޝައުގުވެރިވާނެ ކަމެކެވެ. އެހެންވެ ޝާހްރުކާއި ޝްރީދޭވީ އާއި ސައިފްގެ ދަރިންގެ އެކްޓިން، އެއް ސީރީޒަކުން ފެންނާނެ ކަމަށް ބުނާތީ، ޒޯޔާގެ މި ފިލްމަށް ބެލުންތެރިން ވަރަށް އިންތިޒާރުކުރާނެ އެވެ.

އިބްރާހީމް، 20، ޚުޝީ، 20، އާއި ސުހާނާ، 21، އަކީ އަދި ކިޔަވަމުން އަންނަ ތިން ޒުވާނުންނެވެ. ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރްގެ ކޮއްކޮ ޚުޝީ ކިޔަވަނީ އެމެރިކާގެ ޔުނިވަސިޓީއެއްގަ އެވެ. ސުހާނަ ވެސް ވެސް ކިޔަވަމުން އަންނަނީ އެމެރިކާގައި ޔުނިވަސިޓީއެއްގަ ވެ. އަދި ބަތަލާ ސާރާ އަލީ ޚާންގެ ކޮއްކޮ އިބްރާހީމަކީ ވެސް ގައުމުން ބޭރުގައި ކިޔަވާ ޒުވާނެކެވެ.

ކުރިން އަޑުއަރާފައި އޮތް ގޮތުން ސުހާނާ އާއި ޚުޝީ ބޮލީވުޑަށް ނެރޭނީ ކަރަން ޖޯހަރެވެ. އެ ޝައުގުވެރިކަން އޭނާ އެތައް ފަހަރަކު ފާޅު ވެސްކޮށްފައިވެ އެވެ. ޚުޝީގެ ދައްތަ ޖާންވީ 2018 ގެ "ދަޅަކް" އިން ބޮލީވުޑަށް ނެރުނީ ވެސް ކަރަން އެވެ.