Roadha Mihaaru
އިންތިހާބުގެ އިސްތިއުނާފްގައި "ބުރެކި" ޖެހިފައި!

އިންތިހާބުގެ އިސްތިއުނާފު މައްސަލާގައި "ބުރެކި" ޖެހިފައި!

20 ޑިސެމްބަރ 2016

ގާނޫނުގައި ބުނާ މުއްދަތަށް ވުރެން އިންތިހާބުތައް ލަސްވުމަކީ ކަށަވަރުކޮށްދީފައި ހުރި ހައްގުތައް ގެއްލޭނެ ކަމެކެވެ؛ ޖެނުއަރީ 14 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ވެސް އެހެންވެ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅިތާ ދެ ހަފުތާ ވިއިރު ވެސް ބަލައިގަނެ، ޝަރީއަތް ކުރިއަކަށް ނުގެންދެ އެވެ. މިއީ، ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަން ފިޔަވައި، އެހެން ގިނަ ސިޔާސީ ޕާޓީތަކާއި އާއްމު ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގާނޫނުގައި ބުނާ މުއްދަތަށް ވުރެން އިންތިހާބުތައް ލަސްވުމަކީ ކަށަވަރުކޮށްދީފައި ހުރި ހައްގުތައް ގެއްލޭނެ ކަމެކެވެ؛ ޖެނުއަރީ 14 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ވެސް އެހެންވެ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅިތާ ދެ ހަފުތާ ވިއިރު ވެސް ބަލައިގަނެ، ޝަރީއަތް ކުރިއަކަށް ނުގެންދެ އެވެ. މިއީ، ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަން ފިޔަވައި، އެހެން ގިނަ ސިޔާސީ ޕާޓީތަކާއި އާއްމު ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.

ރައީސް ޔާމީންގެ ފެކްޝަނަށް ތައްޔާރު ނުވެވޭތީވެ އިންތިހާބު ފަސްކުރަން ހުށަހެޅުމުން އިއްވި ހުކުމް، ހައި ކޯޓުގައި އިސްތިއުނާފްކުރިއިރު ވެސް އެ ކޯޓު އޮތީ ރިސެސްގަ އެވެ. އެ މުއްދަތު ހަމަވާނީ، މި މަހުގެ ނިޔަލަށެވެ. ކޯޓުތަކުގެ ރިސެސްގެ މުއްދަތުގައި ވެސް މުހިއްމު މައްސަލަތައް ކުރިއަށް ގެންދާއިރު، ގައުމާއި ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ އިންތިހާބުގެ މި މައްސަލަ ކުރިއަށް ނުގެންގޮސް ލަސްވާ ސަބަބާ މެދު ގިނަ ބަޔަކުު ސުވާލު އުފައްދަ އެވެ.

ކޯޓުތަކުގެ ރިސެސްގެ މުއްދަތުގައި ކޮންމެހެން ބާއްވަން ޖެހޭ ޝަރީއަތްތައް ބޭއްވުމާއި ނެރެން ޖެހޭ އަމުރުތައް ނެރެ އެވެ. ހައި ކޯޓުން ވެސް އެ އުސޫލުން އަމަލުކޮށްފައި އެބަ ހުއްޓެވެ. ޝަރީއަތްތައް ކުރިއަށް ގެންގޮސް ހުކުމްތައް އިއްވާފައިވެ އެވެ.

ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފަށް ހުށަހަޅައި އީސީގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: --- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފަށް ހުށަހަޅައި އީސީގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: --- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ގާނޫނޫގައި ބުނާ މުއްދަތަށް ވުރެން ލޯކަލް ކައުންސިލް އިންތިހާބު ލަސްވާތީ ގާނޫނީ ވަކީލުންގެ ވެސް ގިނަ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އެއް ކަމެއްގެ ގޮތުގައި، ވަކީލުން ނަގަނީ، އިންތިހާބާ ގުޅޭ ހުރިހާ މައްސަލަތަކެއް ހައި ކޯޓުން އާއްމު ގޮތެއްގައި ކުރިއަށް ގެންދާއިރު، ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ހުކުމް ކުރުމެވެ. އަނެއް ކަންބޮޑުވުމަކީ، ރިސެސްއާ އެކު މުހިއްމު މައްސަލައެއް މަޑުޖެހިފައި އޮތުމެވެ.

ގާނޫނީ ވަކީލް ހަސަން ސިރާޖު ވިދާޅުވީ ރިސެސްއަށް ދިއުމަކީ ކޯޓު ބަންދުވުން ނޫން ކަމަށެވެ. އަދި އެއީ، ފަނޑިޔާރުން ޗުއްޓީ ނެންގެވުމެއް ވެސް ނޫން ކަމަށާއި ރިސެސްގެ މުއްދަތުގައި ރަސްމީ ޗުއްޓީ ނުނަންގަވާ ނަމަ، ފަނޑިޔާރުން ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހައި ކޯޓަށް މިހާރު ހުށަހަޅާފައިވާ އިންތިހާބުގެ މައްސަލަ ވީ އެންމެ އަވަހަކަށް ނިންމަން ޖެހެ އެވެ. އެއީ، އިންތިހާބު ވަކި މުއްދަތެއްގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމަން ޖެހޭނެ ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައިވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓު ރިސެސްގައި އޮތް ނަމަވެސް މާލޭގައި މަދުވެގެން ތިން ފަނޑިޔާރުން ތިއްބެވި ނަމަ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިސާލަކަށް، މިއީ ސިވިލް ކޯޓުގެ ވެސް ރިސެސްގެ މުއްދަތު. އެކަމަކު ކޮންމެ ދުވަހަކު ވެސް އެތައް ބައިވަރު މައްސަލަތަކެއް ތާވަލްކޮށް ކުރިއަށް ގެންދޭ،" ސިރާޖު ވިދާޅުވި އެވެ.

ގާނޫނުގައި ކަނޑައަޅާފައި އޮންނަ މުއްދަތުގައި އިންތިހާބު ބޭއްވުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއްގެ ވަރަށް އަސާސީ ސިފައެކެވެ. އިންސާނީ ބާރު ނެތް ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް އިންތިހާބު ފަސްކޮށްފި މިނިވަން އިންތިހާބަކަށް ހުރަސްތަކެއް ކުރިމަތިވާނެ އެވެ.

މީގެ ކުރިން ބައެއް އިންތިހާބުތައް ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ލަހުން ބާއްވާފައި އެބަ ހުއްޓެވެ. އެގޮތުން 2009ގެ އާންމު އިންތިހާބާއި 2013 ގެ ރިޔާސީ އިންތިހާބެވެ. އެކަމަކު ކުރިން އެގޮތަށް ކަން ހިނގާފައި އޮތުމުގެ މާނައަކީ، ސިރާޖު ވިދާޅުވި ގޮތުގައި، ދެން ހުރި އިންތިހާބުތައް ފަސްކުރަން ދެއްކޭނެ ހުއްޖަތެއް ނޫނެވެ.

"ޑިމޮކްރެޓިކް ނިޒާމެއްގައި މިނިވަން، އިންސާފުވެރި އިންތިހާބަކުން ރައްޔިތުންގެ ސިޔާސަތު ކަނޑައެޅުމާއި ތަންފީޒުކުރަން ފުރުސަތު ދިނުމަކީ ވަރަށް އަސާސީ ސިފައެއް. އެކަން ކުރަން، ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވައި ނިންމަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އިންތިހާބާ މެދު ގޮތެއް ނުނިމި ލަސްވަމުން ދިއުމާ އެކު، ކޯޓުތައް ރިސެސްއަށް ދާ ގޮތުގެ މައްސަލާގައި ވެސް ވަކީލުން ކަންބޮޑުވުން ފާޅުކުރެ އެވެ.

ވަކީލަކު ވިދާޅުވީ ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި، ސިވިލް ކޯޓާއި ހައި ކޯޓަށް ރިސެސްއަށް ދެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހަކީ ރިސެސްގެ މުއްދަތު ކަމަށް އޮޓޮމެޓިކުން ކަނޑައަޅާފައި އޮތް ނަމަވެސް ގާނޫނުގައި އޮންނަނީ ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތު ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ސުޕްރީމް ކޯޓު ފިޔަވައި އެހެން އެއްވެސް ކޯޓެއް ރިސެސްއަކަށް ނުދެ އެވެ. އެއީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކުން އެއްވެސް ކޯޓެއް ރިސެސް އަށް ނުދާން އެންގުމުންނެވެ.

އިންތިހާބާ މެދު ގޮތެއް ނުނިމި ލަސްވާތީ، ކޯޓުތަކަށް ވެސް ބޮޑެތި ތުހުމަތުތަކެއް ސިޔާސީ ޕާޓީތަކުން ކުރެ އެވެ. އިސްތިއުނާފް މައްސަލަ ނުނިންމައި ދިގުދަންމަނީ، ރައީސް ޔާމީންގެ ފެކްޝަނުން ބޭނުންވި ގޮތަށް، އިންތިހާބު ލަސްކުރަން ކަމަށް އިދިކޮޅު ޕާޓީތަކުން ދެކެ އެވެ.

އެކަމަކު މައްސަލަ ކުރިއަށް ނުގެންގޮސް ލަސްވާ ސަބަބާ ގުޅޭ ގޮތުން ހައި ކޯޓުން ރަސްމީކޮށް ކޮމެންޓެއް ނުކުރި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބޭއްވި ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބޭއްވި ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އިންތިހާބު އޮންނާނެތޯ ނޯންނާނެތޯ ރައްޔިތުންގެ ހިތުގައި ސުވާލު އުފައްދައި، ފޫހިކޮށްލައި، އިންތިހާބު ސަމާސާއަކަށް ހަދާފައި މިވަނީ ހުރިހާ މުއްސަސާތައް ގުޅިގެން ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ވިދާޅުވެފަ އެވެ. ރައީސް ޔާމީންގެ ފެކްޝަނުން އަންގާ ހުރިހާ ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރުމަށް ފަހު، ހައި ކޯޓަށް މައްސަލަ ހުށަހެޅީ ރައްޔިތުންނަށް "ދަޅަ ދައްކަން" ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

ސިވިލް ކޯޓުގެ ހުކުމެއް އޮތަސް، އިލެކްޝަންސް ކޮމިޝަނުން އިއްޔެއާ ހަމައަށް ބުނަމުން އައީ ކުރިން ކަނޑައެޅި ތާރީހުގައި އިންތިހާބު ބާއްވާނެ ކަމަށެވެ. އެކަމަކު ގައުމީ ލަފާ ދޭ ކޮމެޓީއާ އެކު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި، އެ ތާރީހުގައި އިންތިހާބު ބާއްވަން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އިންތިހާބާ ގުޅޭ މައްސަލާގައި ހައި ކޯޓުން މި ހަފުތާގައި ގޮތެއް ނިންމި ނަމަވެސް ގާނޫނުގައި ބުނާ މުއްދަތަކަށް އިލެކްޝަންސް ކޮމިޝަނަށް އިންތިހާބުގެ ކަންކަން ކުރިއަކަށް ނުގެންދެވޭނެ އެވެ. އެއީ، ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށް، ކެމްޕޭން ކުރަން ދޭން ޖެހޭ 28 ދުވަހުގެ މުއްދަތު ވެސް ޖެނުއަރީ 14 އާ ހަމައަށް މިހާރު ނުލިބޭތީ އެވެ.

މުހިއްމު އެހެން މައްސަލަތަކެކޭ އެއްގޮތަށް، އިންތިހާބު މައްސަލާގައި ވެސް އަވަހަށް ގޮތް ނިންމަން ޖެހެ އެވެ. އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކާއި ވޯޓުލާން ތައްޔާރަށް ތިބި ރައްޔިތުންގެ ހައްގު ހިމާޔަތްކޮށްދިނުމުގެ ގޮތުންނެވެ.